ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫއަށް މިއަދު ހަވީރު ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައިފިއެވެ.

ވެލިދޫގެ ބަނދަރު ސަރަހައްދުގައި މިއަދު ހަވީރު ކުރިއަށްދިޔަ މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާވަނީ ވެލިދޫގެ ބަނދަރު އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން ހަނދާނީ ބިނާގެ ރިބަން ކަނޑުއްވައި ދެއްވާފައެވެ. މި ބަނދަރަކީ 800 ފޫޓު ދިގު، އަދި 250 ފޫޓު ފުޅާ ބަނދަރެކެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ފެއްޓެވި 3 ދުވަހުގެ މިދަތުރުފުޅުގައި މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށާއި، ފާދިއްޕޮޅާއި، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ދަތުރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ބައެއް ރަށްރަށުގައި ސަރުކާރުން ހިންގަވާ ބައެއް މަޝްރޫޢުތަކުގެ ނިންމުން ފާހަގަކުރެއްވުމާއެކު ސަރުކާރުން ބައެއް ރަށްރަށުގައި ކުރިއަށް ގެންދަވާ ބޮޑެތި މަޝްރޫޢުތައް ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.