ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިލަދުންމަޑުލު ދެކުނުބުރީ ވެލިދުއަށް މިއަދު ހަވީރު ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވެލިދޫއަށް ފައިބާވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ވެލިދޫއަށް ވަޑައިގެންނެވީ އެމަނިކުފާނު، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށާއި، ފާދިއްޕޮޅު ހިންނަވަރަށާއި، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެންނެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވެލިދޫ ބަނދަރު ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ފެއްޓެވި 3 ދުވަހުގެ މިދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫއަށާއި، ހެނބަދޫއަށް ޒިޔާރާތް ކުރައްވާފައެވެ. އަދި މިއަދު މެންދުރުފަހު އެއަތޮޅު ހޮޅުދޫއަށް ވެސް އެމަނިކުފާނު ވަޑައިގެންނެވިއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާޅެންދޫގެ ބަނދަރާއި އެރަށު މިސްކިތް ހުޅުއްވައިދެއްވައި، ހެނބަދޫގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވައި، ހޮޅުދޫގެ ބަނދަރު ހުޅުއްވައިދެއްވާފައެވެ.

މީގެއިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެހެން ބައެއް ރަށްތަކުގައި ސަރުކާރުން ކުރިއަށް ގެންދަވާ ބައެއް މަޝްރޫޢުތައް ފައްޓަވައި ދެއްވުމާއެކު، ބައެއް މަޝްރޫޢުތަކުގެ ނިންމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.