ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫއަށް މިއަދު ހެނދުނު ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައިފިއެވެ.

ހޮޅުދޫގެ ބަނދަރު ސަރަހައްދުގައި މިއަދު މެންދުރުފަހު ކުރިޔަށްދިޔަ މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާވަނީ ހޮޅުދޫގެ ބަނދަރު އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން ހަނދާނީ ބިނާގެ ފަރުދާ ކައްސަވާ ދެއްވާފައެވެ. މި ބަނދަރަކީ 900 ފޫޓު ދިގު އަދި 200 ފޫޓު ފުޅާ ބަނދަރެކެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ފެއްޓެވި 3 ދުވަހުގެ މިދަތުރުފުޅުގައި މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށާއި، ފާދިއްޕޮޅު ހިންނަވަރަށާއި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ބައެއް ރަށްރަށުގައި ސަރުކާރުން ހިންގަވާ ބައެއް މަޝްރޫޢުތަކުގެ ނިންމުން ފާހަގަކުރެއްވުމާއެކު ސަރުކާރުން ބައެއް ރަށްރަށުގައި ކުރިއަށް ގެންދަވާ ބޮޑެތި މަޝްރޫޢުތައް ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.