ރައްޔިތުންގެ އުއްމީދުތައް ފުރިހަމަކޮށްދެއްވުމަށް މިސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހެނދުނު މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުން އެދޭ އެންމެ ބޮޑު އެއް އެދުމަކީ މަޞްލަޙަތާއެކީ ދިރިއުޅުން ކުރިއަށް ގެންދިއުން ކަމަށާއި، އެކަން ކުރެވޭނީ ރައްޔިތުން އެފަދަ ވެށްޓެއް ޤާއިމްކޮށްދީގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވެރިންނަށް ހިތްވަރުދޭން ތިބީ ރައްޔިތުން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހާއި، ދައުލަތުގެ ވަޒީރުން ފަދަ ބޭފުޅުންނަށް ކޮށްދެއްވޭނެ ކަމަކީ ރައްޔިތުން އެދޭ ގޮތަކަށް ރައްޔިތުންގެ ކަންކަން ނިންމުމަށް ބާރުއެޅުއްވުން ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ އަމާންކަމާއި، މަސްލަޙަތާއި ކުރިއެރުމަށް ލޯބިކުރާ އިޚްލާސްތެރި ސުލްޙައަށް ލޯބިކުރާ އިސްލާމީ ދައުލަތެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކަންކަން ހައްލު ކުރުމަކީ އުސޫލުތަކުގެ ތެރެއިން ކަންކަން ކުރަން އޮންނަ ހަމައިގެ މަތީން ޑިމޮކްރަސީ ކުރިއަށް ނެރުންކަމަށެވެ. ޑިމޮކްރަސީ ކުރިއަށް ނެރުމަކީ އުސޫލުތައް ދޫކޮށް މުލައްދަނޑީގެ ބާރުގެ ބޭނުން ކުރުން ނޫންކަމަށާއި، އެކަމަށް މިސަރުކާރުން ފުރުޞަތު ނުދެއްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާޅެންދޫގައި މިއަދު ހުޅުވޭ މަސްޖިދުލް ތަޤުވާ، މިސްކިތާއެކު ރަށުގެ ރައްޔިތުން ކުރަމުންދިޔަ 17 ވަރަކަށް އަހަރުގެ ދިގުއިންތިޒާރަށް އުއްމީދީ ނިމުމެއް އަންނާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މާޅެންދޫގައި މިއަދު ހުޅުވިގެން ދިޔަ ބަނދަރަށް އިޝާރާތް ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުރިހަމަ ނިޢުމަތްތައް ލިބިގަންނައިރު، އެފަދަ ނިޢުމަތްތަކުން މަޙްރޫމްވެފައި ތިބޭ އެއަށްވުރެ ބިކަޙާލުގައި އުޅޭ މީހުންގެ މަތިން ހަނދާންކޮށް ނިޢުމަތްތަކަށް ޝުކުރުވެރިވާން ޖެހޭނެ ކަމަށެވެ. ރާއްޖޭގައި ތަރައްޤީ ކުރަން އޮތީ އެއްރަށެއް ދެރަށެއް ނޫންކަމަށާއި، އެރަށްރަށުގައި ތަރައްޤީ ކުރަން މިއުޅެނީ އެއްވަސީލަތެއް ދެވަސީލަތެއް ނޫންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ނ. މާފަރުގައި ތަރައްޤީކުރެވޭ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު ނިމުމާއެކު އެކަމުގެ ފައިދާ މުޅި އަތޮޅަށް ކުރާނެކަން ރައީސުޖްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން މުޅިއަތޮޅުގައި ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެ، ރިސޯޓްތަކުގެ އިތުރުން މާޅެންދޫ ފަދަ ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރިއަށްވެސް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާ މާޅެންދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ބަނދަރާއި، މިސްކިތް ހުޅުއްވައިދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ފެއްޓެވި މިދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށާއި، ފާދިއްޕޮޅު ހިންނަވަރަށާއި، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަރުފުޅުގައި އެހެން ބައެއް ރަށްތަކުގައި ވެސް ސަރުކާރުން ކުރިއަށް ގެންދަވާ ބައެއް މަޝްރޫޢުތައް ފައްޓަވައި ދެއްވުމާއެކު، ބައެއް މަޝްރޫޢުތަކުގެ ނިންމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.