ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދަޢުވަތަކަށް، މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބް ބިން ތުން ޢަބްދުލް ރައްޒާޤާއި، އެމަނިކުފާނުގެ އަނބިކަނބަލުން ދާތިން ޕަދުކާ ސެރީ ރޮސްމާހް މަންސޫރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދުގެ ދެކަނބަލުންނެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލުކުރައްވާ ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވާފައެވެ. ރަސްމީ ވާހަކަފުޅުތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ އެކި ދާއިރާތަކުން ރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ބެހޭ ގޮތުންނެވެ. މީގެއިތުރުން ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ ފެންވަރުގައި ދެޤައުމުގެ ޝައުޤުވެރިކަން ހުރި މައްސަލަތަކާބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

މީގެއިތުރުން މިދަތުރުފުޅުގައި ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ. މީގެ ތެރޭގައި ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، ސަލާމަތީ ދާއިރާގެ އިތުރުން ދެޤައުމުގެ ދެމެދުގައިވާ ޘަޤާފީ ގުޅުމުގެ ދާއިރާގެ އެއްބަސްވުންތައް ހިމެނެއެވެ.