ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، މެލޭޝިޔާ ބޮޑުވަޒީރުގެ އަނބިކަނބަލުން ދާތިން ޕަޑުކާ ސެރީ ރޮސްމާހް މަންސޫރާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު މުލީއާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި، އިޖުތިމާޢީ ތަރައްޤީއާއި، ދެބޭފުޅުން ކުރައްވާ އިޖުތިމާޢީ މަސައްކަތްޕުޅުތަކާއި ބެހޭގޮތުން މަޝްވަރާ ‏‏ކުރެއްވިއެވެ. އެގޮތުން، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ޙައްޤުތައް ހޯއްދަވައިދެއްވުމަށްޓަކައި ކުރެވޭ މަސައްކަތްތަކާއި ޚާއްޞަ ގޮތެއްގައި އޯޓިޒަމް ބަލީގެ ކުދިންނަށް އަމާޒޮކޮށްގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ‏‏

މިބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، އޯޓިޒަމް ބަލީގެ ކުދިންނަށް އަމާޒުކޮށްގެން މެލޭޝިޔާއިން ކުރަމުންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.

‏މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެ ވަޑައިގެންނެވިއެވެ.