ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމާއި މެލޭޝިޔާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ދާތިން ޕަޑުކާ ސެރީ ރޮސްމާހް މަންސޫރު، ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު، "ފިޔަވަތި" އަށް މިއަދު ހެނދުނު ޒިޔާރަތް ކުރައްވައިފިއެވެ.

ދެކަނބަލުންގެ މިޒިޔާރަތުގައި ފިޔަވަތީގައި ދިރިއުޅޭ ކުދިންނާ ބައްދަލުކުރައްވައި، ކުދިންގެ ފަރާތުން ހުށަހަޅައިދިން އައިޓަމްތަކާއި އެކުދިން ކުރަހާފައިވާ ކުރެހުންތައް ބައްލަވައިލެއްވިއެވެ. މީގެއިތުރުން ރާއްޖޭގެ ސަޤާފަތް ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަކެއްޗާއި މަރުކަޒާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ވެސް ބައްލަވައިލެއްވެވިއެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި މެލޭޝިޔާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ފިޔަވަތި މަރުކަޒަށް ކުރެއްވި މި ޒިޔާރާތުގައި މެލޭޝިޔާގެ އިންޓަނޭޝަނަލް ޔޫތު ސެންޓަރުގެ ފަރާތުން ފިޔަވަތިއަށް ދެއްވި އެހީއެއް އެމަރުކަޒާއި ހަވާލުކުރެއްވުންވެސް އޮތެވެ. މި އެހީ ހަވާލުކޮށްދެއްވީ އިންޓަނޭޝަނަލް ޔޫތު ސެންޓަރުގެ ޑިރެކްޓަރ ޑރ. މުޙައްމަދު މާލިކީ ބިން މުޙައްމަދު ރަޕިއީއެވެ. ފިޔަވަތީގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގެންނެވީ އެމަރުކަޒުގެ ސީ.އީ.އޯ ފާޠިމަތު ޝިޔާމާއެވެ. މެލޭޝިޔާގެ ޕަރމާޓާ ޕްރޮގްރާމްގެ ފަރާތުންވެސް "ފިޔަވަތި" އަށް އެހީއެއް ހަވާލުކޮށްދެއްވިއެވެ.