ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި ކުރައްވާ އިންވެސްޓްމަންޓްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށާއި ރައްކާތެރިކަން ކަށުވަރުކޮށްދެއްވާނެކަން ތަކުރާރުކުރައްވައި، ދިވެހިރާއްޖޭގައި ވިޔަފާރި ހިންގުމަށް ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު، ވިދާޅުވެއްޖެއެވެ.

މަނިކުފާނު މިހެން ވިދާޅުވީ ދުބާއީގައި މިއަދު ހެނދުނު ކުރިއަށްދިޔަ ހަތަރުވަނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ހުޅުއްވައިދެއްވި ދިވެހިރާއްޖޭގެ 2017 ވަނަ އަހަރުގެ އިންވެސްޓްމަންޓް ފޯރަމް މިއަހަރު ބޭއްވީ ޔޫ.އޭ.އީގެ ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައެވެ.

މި ފޯރަމްގެ ސަބަބުން މެދުއިރުމަތީގެ ޤައުމުތަކުގެ އިންވެސްޓަރުންނާއި ޚާއްޞަ ގޮތެއްގައި ޔޫ.އޭ.އީގެ އިންވެސްޓަރުންނާ، ރާއްޖޭގެ ވިޔަފާރި ވެރިންނާއި ދެމެދު ގުޅުން ބަދަހިވެގެންދާނެއެވެ. މީގެ އިތުރުން އިންވެސްޓްކުރެވިދާނެ ދާއިރާތަކާ ކުރިޔާއި މިހާރުގެ ކާމިޔާބު ވިޔަފާރީގެ ވާހަކަތައް މި ފޯރަމްގައި ޙިއްސާކުރެވިގެންދާނެއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި މިހާރުގެ ސަރުކާރުން ޤައުމުގެ ވިޔަފާރީގެ މާހައުލު ތަރައްގީކޮށް ވިޔަފާރިތަކަށް ފަހި މާޙައުލަކަށް ހެއްދެވުމަށް ކުރައްވާ މަސައްކަތްތަކާއި ވިޔަފާރިއަށް ފަސޭހަ ޔަގީންކަން އޮތް މާޙައުލެއް ޤާއިމު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. މީގެ އިތުރުން ބޭރުގެ އިންވެސްޓަރުންގެ އިންވެސްޓްމަންޓްތައް ހިމާޔަތްކޮށްދެއްވައި ރައްކާތެރިކަން ހޯއްދަވައި ދެއްވުމަށް ކަމާބެހޭ ޤާނޫނީ އޮނިގަނޑަށް ގެނަސްފައިވާ ހެއުބަދަލުތަކާއި ހެދޭ އެއްބަސްވުންތައް ވިޔަފާރީގެ ބައިވެރިންނަށް މަންފާ ލިބެނިވިގޮތަށް ބައްޓަން ކުރެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މުހިންމު މަސައްކަތްޕުޅުތަކާއި ފާހަގަކޮށްލެވޭ ކާމިޔާބީތަކަށް ތައުރީފުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިންޤިލާބީ އިޤްތިޞާދީ އެޖެންޑާއަށް ތަޢުރީފުކުރައްވައި، މިވަގުތަކީ ދިވެހިރާއްޖެއަށް އިންވެސްޓުކުރުމަށް އެންމެ އެކަށީގެންވާ ފަހި ވަގުތުކަން ޔަޤީންކޮށްދެއްވެވިއެވެ.

އިޤްތިޞާދު ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ބައްލަވާލައްވަމުން މިދިޔަ ހަތަރު އަހަރުގެތެރޭގައި ކުރިއަށްގެންގޮސްފައިވާ މަސައްކަތްތައް ނައިބު ރައީސް ފާހަގަކުރެއްވެވިއވެ. އަދި ރާއްޖޭގެ ތަރައްޤީގެ ރާސްތާ އޮތީ ވަރަށް އުޖާލާކޮށް ކަމުގައި ބަޔާން ކުރައްވަމުން، ބައިނަލްއަޤްވާމީ މާލީ ރިޕޯޓުތަކަށް ބަލާއިރު ރާއްޖެ މިހާރު އިޤްތިޞާދީގޮތުން ކުރިއަރަމުންދާ މިންވަރު ހާމަކޮށްދޭކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔުނައިޓެޑް އަރަބި އެމިރޭޓްސް އަކީ ދެޤައުމުގެ ވިޔަފާރިއަށް މުހިންމު ބައިވެރިއެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއިން ވިޔަފާރީގެ ދާއިރާއިން ލިބެންހުރި ފައިދާތަކާއި ހުރި ފުރުސަތު ތަކުގެ ފުރިހަމަ މަޢުލޫމާތު ހޯއްދެވުމަށް ނައިބް ރައީސް ދައުވަތުއެރުވިއެވެ.

މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމަކީ ރާއްޖޭގައި ބޭރުގެ ވިޔަފާރިވެރިން އިންވެސްޓްކުރުމަށް ބާރުއެޅުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދަވާ ފޯރަމެކެވެ. މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގެގޮތުން ކުރިޔަށް ގެންދަވާ މަސައްކަތެކެވެ.