ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި މިއަދު ފެށި ހަތަރުވަނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް (އެމް.އައި.އެފް 2017)، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު އިފްތިތާޙުކޮށްދެއްވައިފިއެވެ.
މި ފޯރަމަކީ މެދުއިރުމަތީގެ ޤައުމުތަކުގެ އިންވެސްޓަރުންނާއި ޚާއްޞަކޮށް ޔޫ.އޭ.އީގެ އިންވެސްޓަރުންނާއި ރާއްޖޭގެ ވިޔަފާރި ކުންފުނިތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، މަޢުލޫމާތު ބަދަލުކޮށް ވިޔަފާރީގެ ފުރުޞަތުތަކާއި ބެހޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރުމަށް ބާއްވާ ޚާއްޞަ ފޯރަމެކެވެ. މި ފޯރަމުގައި ކުރިޔާއި މިހާރުގެ ކާމިޔާބު ވިޔަފާރީގެ ވާހަކަތައް ޙިއްޞާކުރެވޭނެއެވެ.
މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވީ، ދުނިޔޭގެ އެކި ޤައުމުތަކުގައި ރާއްޖެއިން މި ފޯރަމް ކާމިޔާބުކަމާއިއެކީ ބޭއްވިފައިވަނީ ރާއްޖެއަކީ ވިޔަފާރިއާއި ރަށްޓެހި ސިޔާސަތެއް އޮންނަ ޤައުމަކަށް ވާތީކަމުގައެވެ. މިއީ ރާއްޖޭގެ ސަރުކާރުން ބޭރުގެ ވިޔަފާރިތަކަށް ޖާގަދޭ މިންވަރު އަންގައިދޭ ސާފު ހެއްކެއްކަމުގައިވެސް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖޭގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރެވެން ހުރި އެކި ދާއިރާތައް ފާހަގަކުރައްވަމުން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއާއި، އިޢާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާއާއި، ޢިމާރާތްކުރުމުގެ ދާއިރާއާއި، ޞިއްޙީ އަދި ތަޢުލީމީ ދާއިރާ ފަދަ ދާއިރާތަކުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުޞަތު ހުޅުވިފައިވާކަން ފާހަގަ ކުރައްވައި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔާކަމުގައި ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން މިނިސްޓަރ އޮފް އިކޮނޮމީ އޮފް ޔޫ.އޭ.އީ ހިޒް އެކްސެލެންސީ ސުލްތާން ބިން ސަޢީދު އަލް- މަންޞޫރީއާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދުގެ އިތުރުން ރާއްޖެއާއި، ޔޫ.އޭ.އީ ސަރުކާރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމަކީ ރާއްޖޭގައި ބޭރުގެ ވިޔަފާރިވެރިން އިންވެސްޓްކުރުމަށް ބާރުއެޅުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދަވާ ފޯރަމެކެވެ. މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގެގޮތުން ކުރިޔަށް ގެންދަވާ މަސައްކަތެކެވެ.