ތައިލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން – ރެޒިޑެންޓް ސަފީރު، ހަރ އެކްސެލެންސީ މިސިޒް ޗުލާމަނީ ޝާރޓްސުވޭން، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ތައިލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާއަށް ތަޙުނިޔާ ވިދާޅުވެ މަރުޚަބާ ދެންނެވިއެވެ. އަދި ތައިލެންޑްގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯރނަށާއި، ބޮޑުވަޒީރު ޕްރަޔުތު ޗާން އޮޗާއަށް ހެޔޮ އެދުންތައް އަރިސްކުރެއްވިއެވެ. މީގެއިތުރުން ދިވެހިރާއްޖެއާއި، ތައިލޭންޑާއި ދެމެދު އޮތް ދުވަސްވީ ގާތް ގުޅުން ދެމެހެއްޓުމަށް ދިވެހި ސަރުކާރުން އިސްކަންދެއްވާކަން ރައީސުޖްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އަދި ތައިލެންޑްގެ އިންވެސްޓްމެންޓްތައް ރާއްޖޭގައި އިތުރު ކުރެއްވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ތައިލެންޑްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ތައިލެންޑްގެ އިންވެސްޓްމެންޓްތައް ރާއްޖޭގައި އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޝައުޤުވެރިކަން ފާޅުކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، އެކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން އެރުވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިންއެފެއާޒް ޑޮކްޓަރ މުޙައްމަދު އާސިމާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ‏ބައިވެރިވެވަޑައިގެންނެވިއެވެ.