ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އިން މިރޭ ބޭއްވި ހަފުލާއެއްގައި ބައިވެރިވެވަޑައިގެންފިއެވެ.

މިރޭގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑުމެން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ހަމައަށް ވާސިލުވުމަށްޓަކައި ހުރިހާ ރައްޔިތުންވެސް ގުޅިގެން، އިޚްލާޞްތެރި ކަމާއެކު މަސައްކަތްކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި، ދިވެހި ރައްޔިތުންގެ ލާބައަށްޓަކައި ސަރުކާރުން ހިންގަވަމުން ގެންދަވާ އެކިއެކި މުހިންމު މަޝްރޫޢުތަކަށް ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން، ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަލުވިވެ، ދިވެހިންނަށް ޙައްޤުވާ އިންޤިލާބީ ތަރައްޤީ ހޯދުމަށް އިތުރަށް މަގުފަހި ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.