ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީގެ ޗެއާމަން ޖަންގ ދާ ޖިއާންގ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުފަހު ބެއިޖިންގގެ ގްރޭޓް ހޯލް އޮފް ޕީޕަލްގަ އެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ބަދަހި ގުޅުމެއްގެ ގޮތުގައި ދެމިއޮތީ ދެޤައުމުގެ ވެރިން އެކުގައި މަސައްކަތް ކުރެއްވުމަށް އަހައްމިއްޔަތުކަން ދެއްވާތީކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެޤައުމުގެ ދެމެދުގައި އިތުބާރާއި، އިޙްތިރާމާއެކު ޤާއިމް ކުރެވިފައިވާ ގުޅުމުގެ ސަބަބުން އިޖުތިމާޢީ، އަދި އިޤުތިޞާދީ ތަރައްޤީއަށް މަގުފަހިވެ، ދެޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވުމަށް މަގުފައިވެފައިވާ ކަމަށެވެ.
މިއަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމް ކުރިތާ 45 އަހަރު ފުރުނު އަހަރުކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަވެގެން ދިޔަ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ޚާއްޞަކޮށް ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ޗައިނާއިން ރާއްޖެއަށް އަބަދުވެސް ދެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާ ކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެ ފަދަ ކުދި ޤައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކަށް އަލިއަޅުއްވާލައްވައި، މިދާއިރާއިން ޗައިނާއިން ކުރަމުންދާ މަސައްކަތްތަކަކީ ދުނިޔޭގެ އެހެން ޤައުތަކަށް ނަމޫނާއެއް ކަމުގައި ވިދާޅުވެ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން ޗައިނާގެ ރައީސް ޝީޖިންޕިން 2014 ވަނަ އަހަރު ދިވެހިރާއްޖެއަށް ކުރެއްވި ޒިޔާރަތަށްފަހު ބޮޑު ޤައުމަކާއި ކުޑަ ޤައުމަކާ ދެމެދުގައި އޮތް ގާތް ގުޅުމުގެ އާ ބާބެއް ފެށިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީގެ ޗެއާމަން ވިދާޅުވީ ދިވެހިރާއްޖެއާއި ޗައިނާއަކީ ސަރަޙައްދުގެ ގޮތުން ނުވަތަ އާބާދީގެ ގޮތުން ނުވަތަ ބޮޑު ކުޑަ މިނުގެ ގޮތުން ތަފާތު ދެޤައުމަށްވީ ނަމަވެސް ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމަކީ ބޮޑެތި ޤައުމުތަކާއި ކުދި ޤައުމުތަކާ ދެމެދުގައިވެސް ވަރުގަދަ ގުޅުމެއް ޤާއިމް ކުރެވިދާނެ ކަމުގެ ލާމަސީލު ނަމޫނާއެއް ކަމަށެވެ. އިއްޔެ ދެޤައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކާއެކު ވިޔަފާރީގެ ދާއިރާއިން އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެކަމަށާއި، އެއާއެކު ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ޗެއަރމަން ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ މިނިވަންކަމާއި، އިސްތިޤުލާލަށް ޗައިނާއިން އަބަދުވެސް އިޙްތިރާމް ކުރާނެ ކަމަށް ވިދާޅުވެ، ޗައިނާއިން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހި ވަފުދުގެ ފަރާތްޕުޅުން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުއިއްޒާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް، ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް، އިކޮނޮމިކް ރިލޭޝަންސް މުޙައްމަދު ލުވެއިޒާއި، ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ފައިސަލާއި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގެ ޗީފް އޮފް ސްޓާފް އަޙުމަދު މުސްޠަފާ މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހީމް އިމްޖާދު ޖަލީލް ބައިވެރިވެވަޑައިގެންނެވިއެވެ.
މިބައްދަލު ކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ މޮނިއުމެންޓް އޮފް ޕީޕަލްސް ހީރޯގައި ބޭއްވެވި ހަނދާނީ މާބޮނޑި އެރުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމަނާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީޖިންޕިންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ވަނީ ބާއްވާފައެވެ. މީގެއިތުރުން ދެޤައުމުގެ ދެމެދުގައި މުހިންމު 12 އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ. މިއެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރިއާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ފުޅާ ކުރެއްވުމާއި، ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބޭނެ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ފަދަ މުހިންމު އެއްބަސްވުންތައް ހިމެނެއެވެ. މީގެއިތުރުން މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ އިސްވެރިންނާއި ބައްދަލްކުރައްވާ ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ އަދި އިޖްތިމާޢީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމާމެދު މަޝްވަރާ ކުރައްވާފައެވެ.