"އެއް ޤާނޫނު އަސާސީން އަނެއް ޤާނޫނު އަސާސީއަށް ރާއްޖެ ހިޖުރަކުރި ކުރުމުގައިވިޔަސް، އަޅުގަނޑުމެންގެ ކާބަފައިން އެއްކަމެއް ރައްކާތެރިކުރައްވާފައިވާކަމަށާއި އެއީ ދިވެހި ދައުލަތުގެ މުޤައްދަސްކަން" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާޞަބަތާ ގުޅިގެން މިރޭ ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ދިވެހި ދައުލަތް ހުރިހާ ގޮތަކުންވެސް ހިމާޔަތްކުރުމަކީ، ދައުލަތުގެ ކޮންމެ މުއައްސަސާއަކަށާއި، އެތަންތަނުގެ މުވައްޒަފުންނަށާއި ކޮންމެ ދިވެހި ފަރުދަކަށް އޮތް ޒިންމާ އެއްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.