މިއަދުގެ ދުނިޔޭގައި، އަޅުވެތިކަމުގެ ހިލިހިލާތައް ޤައުމެއްގައި އަޅުވަނީ ހަމައެކަނި ޓެރަރިޒަމްގެ ޙަމަލާތަކުގެ ތެރެއިން ނޫންކަމަށާއި މިއަދުގެ ދުނިޔޭގައި އެއް ޤައުމު އަނެއް ޤައުމުގެ މައްޗަށް އަޅުވެތިކަމުގެ ދާތައް ފަތުރަނީ، އިޤްތިޞާދީ އެކިއެކި ދަންތުރައިގެ ތެރެއިންނާއި ފިކުރީ ހަނގުރާމަތަކުގެ ތެރެއިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާޞަބަތާ ގުޅިގެން މިރޭ ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މިއަދުގެ ދުނިޔޭގައި ޤައުމެއް އަޅުވެތި ކުރެވޭނެ އެންމެ ފަސޭހަ އެއްގޮތަކީ އިޤްތިޞާދީގޮތުން ޤައުމު ބަލިކަށިކުރުވުންކަމަށާއި އާމްދަނީ ހޯދުމާއި ރައްޔިތުންނަށް ހިދުމަތްދިނުމުގައި އެހެން ޤައުމުތަކަށް ބަރޯސާކުރުވުން ކަމަށެވެ. މީގެ އިތުރުން ޕްރައިވެޓް ސެކްޓަރގެ ކުރިއެރުމަށް ފަހި ސިޔާސަތުތަކެއް ކަނޑައެޅުމަކީ މިއަދުގެ އިޤްތިޞާދީ ނިންމުންތަކުގެ އެންމެ މުހިންމު އެއް އަސާސްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިސްލާމްދީނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ދިއުމާއި ހަނގުރާމަވެރި ޢަމަލުތައް ހިންގުމަކީ މިއަދުގެ ދުނިޔޭގައި ރޭވިގެން ހިންގޭ ފިކުރީ އަދި ޢަމަލީ ހަނގުރާމަތަކެއް ކަމަށާއި އިސްލާމްދީން ނޫން ދީނަކަށް ޖާގަ ނުދިނުމުގެ ސިޔާސަތު ދިވެހި ދައުލަތުން ގެންގުޅޭހާ ދުވަހަކު ބޭރުގެ ފިކުރީ ހަނގުރާމަތައް ރާއްޖެއަށް އަމާޒުވެގެންދާނޭ ކަމަށެވެ.