އަޅުގަނޑުމެން ފަށައިގެން މިއުޅެނީ ވަރަށް ދިގު ރާސްތާގެ ދުރު ދަތުރެއްކަމަށާއި، ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް ހޭލުންތެރިކަމާއެކީ ދުނިޔޭގެ ސަފުގައި ފައިހަމަ ކުރަމުންދާ ޤައުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

‏ ނިލަންދެއަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި، އެއަތޮޅު އުތުރުބުރީ ނިލަންދޫއަށް މިއަދު ހަވީރު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މި ކުޑަ ކުޑަ ރާއްޖެއަކީވެސް ދުނިޔޭގެ އެންމެ ވަރުގަދަ ނިޒާމެއްގެ ގޮތުގައި ބެލެވޭ ޑިމޮކްރަސީ ތަޢާރަފު ކޮށްފައިވާ ޤައުމެއް ކަމަށާއި، މިކަމުގެ ސަބަބުން ބާރުތަށް ވަކިކޮށް، ފަރުދުންނަށް ޙައްޤުތަކެއް ހޯދައިދީ، އިސް ރަށްވެހިންނަށް އިޙްތިރާމާއެކީ ކަންތައްތަކެއް ކުރަން ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި ހަވާސާގައި ތިބި ނިޔަނެތި ކަނބަލުންނަށާއި ކުޑަކުދިންގެ ޙައްޤުތަކެއް ކަށަވަރު ކޮށްދީފިކަމަށާއި، ދުނިޔޭގެ އެހެން ތަންތަނުގައިވެސް މަދުން ނޫނީ ނުފެންނަ މިންވަރަށް ލިޔެފައި ހުރި ޤާނޫނު ތަކުން މިކަންކަން ކަށަވަރު ކޮށްދީފައިވާކަމުގައި ވިދާޅުވިއެވެ. އަދި ހަމަ މިއާއެކު ސަރުކާރުން މުޢައްސަސާތަކެއް އުފައްދައި، މުޢައްސަސާތަކަށް ބާރުތަކެއް ކަނޑައަޅައިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި އަދުގެ ސަރުކާރުން މިތިބީ މި މުޢައްސަސާތަކުން ނިންމާ ނިންމުންތައް ހަރުދަނާ ކަމާއެކީ، ސާބިތު ކަމާއެކީ ދަމަހައްޓަން ކަމުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއިން ފަށައިގެން މި އުޅޭ ދިގު ދަތުރު، ފަށައިގެން މިއުޅެނީ ޑިމޮކްރެސީގެ އުސޫލާ އެއްގޮތަށް ކަންކަން ކުރެވޭތޯކަމަށާއި، ޑިމޮކްރެސީގެ އުސޫލާ އެއްގޮތަށް ކަންކަން ކުރާ ކަމަށް ވަންޏާ އިސްލާމްދީނުގެ މަތިވެރި މާތް އުސޫލާ އެއްގޮތަށް، ޖިނާއީ އަދުލުގެ ކުރިމަތީގައި އެންމެންނަކީވެސް ހަމަހަމަ ބައެއްކަމުގައި ވާންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި ކުށެއް ކޮށްފި ކަމަށް ވާނަމަ އެންމެންނަށްވެސް ހަމަހަމަ ކަމާއެކު އެއްއުސޫލަކުން އެ ކުށުގެ ޙައްޤު އަދަބު ލިބެން ޖެހޭނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ނިލަންދެއަތޮޅަށް މި ކުރެއްވި ދަތުރުފުޅުގައި ދާލު އެއާޕޯޓް ހުޅުއްވައިދެއްވާ، މާއެނބޫދޫ ނަރުދަމާގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވާފައެވެ.