ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫއަށް މިއަދު މެންދުރު ވަޑައިގެން އެރަށުގެ ނަރުދަމާގެ ޚިދުމަތް އިފްތިތާޙު ކޮށްދެއްވައިފިއެވެ.

މާއެނބޫދޫ ސްކޫލުގައި މިއަދު މެންދުރު އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާއެނބޫދޫގެ ނަރުދަމާ ޚިދުމަތް އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން ހަނދާނީ ބިނާގެ ރިބަން ކަނޑުއްވާދެއްވާފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ، ނިލަންދެއަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހިމެނިގެން މާއެނބޫދޫއަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކުޑަހުވަދޫގައި ތަރައްޤީކޮށްފައިވާ ދާލު އެއާޕޯޓް ވަނީ ހުޅުއްވައިދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ފ. ނިލަންދޫއަށެވެ. އަދި، މިއަދު ހަވީރު އެމަނިކުފާނު އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ.