ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫއަށް މިއަދު ހެނދުނު ވަޑައިގެން އެރަށުގައި ތަރައްޤީކުރައްވާފައިވާ ދާލު އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ދާލު އެއާޕޯޓްގައި މިއަދު އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެއާޕޯޓް ހުޅުއްވައިދެއްވުމުގެ ގޮތުން ހަނދާނީ ބިނާގެ ފަރުދާ ކައްސަވާ ދެއްވާފައެވެ. މި އެއާޕޯޓް ތަރައްޤީކޮށްފައިވަނީ 62 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. ދާލު އެއާޕޯޓްގެ ރަންވޭގެ ދިގުމިނުގައި 1800 މީޓަރު ހުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ނިލަންދެއަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މާއެނބޫދޫ ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޑަހުވަދޫއަށް ފައިބާވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ.