އަޅުގަނޑުމެންގެ ޤައުމަކީ ކުޑަ ނަމަވެސް އަޅުގަނޑުމެން ފަޚުރުވެރިވާ ޤައުމެއްކަމަށާއި، އަޅުގަނޑުމެން ލޯބިވާ މިބިމަކީ ކާބަފައިންގެ ޖިހާދާއި އެމީހުންގެ ޤުރުބާނުގެ ލެއިން ތަތްތެޅިފައިވާ ބިމެއްކަމަށްވާތީ މިބިމުގެ ޙައްޤު އެންމެހާ ދިވެހިންނަށް ލިބުނު ނަމަވެސް ޤައުމަށް ގެއްލުންވާގޮތަށް މަސައްކަތްކުރާ އެއްވެސް މީހަކަށް މިޤައުމުން ޖާގަ ނުލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން މިރޭ ބޭއްވި ޙަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޭގެ މި ޙަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުގައި ސިޔާސީ މީހަކު، ސިޔާސީ ސަބަބަކަށްޓަކައި ހައްޔަރު ކޮށްފައިނުވާނެކަމަށާއި،ސިޔާސީ މީހަކު ހައްޔަރުކުރެވިފައިވާނަމަ ނުވަތަ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ ތަންފީޒު ވާނީ ޝަރީޢަތުގެ ހަމަތަކުގެ މަތިން އެމީހަކު ކުރި ކުށަކާ ގުޅިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މި ޙަރަކާތުގައި، ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން، ސަރުކާރުގެ އޮފީސްތަކުގެ ބައެއް އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.