ޤައުމު ބިނާކުރުމުގެ މަސައްކަތުގައި އަންހެނުން މިހާރަށްވުރެ ބޮޑަށް އަމަލީ ގޮތުން ހަރަކާތްތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި "ކަނބަލުންގެ މަހާސިންތާ" ނިންމުމުގެ ހަފުލާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަންހެނުން ބާރުވެރި ކުރުވުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކުގައި ހިމެނޭ ކޮންމެ 10 ބޭފުޅެއްގެ ތެރެއިން 4 ބޭފުޅުންނަކީ އަންހެން ބޭފުޅުންނަށް ހެއްދެވުމަށް ކަނޑައަޅުއްވާފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި ވަރަށް ކައިރި މުސްތަގުބަލެއްގައި މިކަން މުޅިން ހާސިލްވާނެކަމުގެ ޔަޤީންކަން އޮތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަންހެނުންގެ ކިބައިގައި ހުންނަ އެހެން މީހުންގެ އިހުސާސްތަކަށް އިހުތިރާމު ކުރުމުގެ މާތް ސިފަ ފާހަގަ ކުރައްވަމުން، އަންހެނުން އިންސާނިއްޔަތުކަމަށް ދޭ އަހަންމިއްޔަތުކަމުގެ ސަބަބުން ޤައުމުގެ ހަމަޖެހުމާ، ސުލްހަވެރިވެރިކަން ދެމެހެއްޓުމަށް އިތުރު ބާރަކަށް ވެގެންދާ ކަމުގައިވެސް ވިދާޅުވިއެވެ.