ފެނާއި ނަރުދަމާގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގެ ރައްޔިތުންނަށް އެކަމުގެ ދަތި އިޙްސާސްކުރަން ޖެހިފައިވާ، އަދި ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ މައްސަލައެއްކަމަށާއި، މި ސަރުކާރުގެ އަމާޒަކީ އަދި އުއްމީދަކީ މިހިނގާ 5 އަހަރުގެ ދައުރު ނިމިގެން ދާއިރު ރާއްޖޭގެ އާބާދީގެ 75 އިންސައްތައަށް ފެނާއި ނަރުދަމާގެ މައްސަލަތައް ޙައްލުވެގެން ދިޔުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެއަތޮޅު މަޑުއްވަރިއަށް ވަޑައިގެން އެރަށުގެ ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި އެރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންނަށް އެންމެ ދަތިވެފައިހުރި ކަންތައްތަކަކީ ކޮބައިތޯ ބަލާ، އެ ކަންތައްތައް ފުއްދައިދެވޭތޯ މަސައްކަތްކުރެއްވުން ކަމަށެވެ. އެހެންނަމަވެސް ކޮންމެ ސަރުކާރަކަށްވެސް ދިމާވާ އެންމެބޮޑު ގޮންޖެހުމަކީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކަންކަން ފޯރުކޮށްދޭންޖެހޭ ކިތަށް އަތޮޅު އަދި ކިތަށް ރަށް އޮތްތޯ ބަލައި ދެނެގަތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ގޮންޖެހުންތަކާއިއެކުވެސް ތަރައްޤީގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވެފައި ހުންނަ ބޮޑެތި ކަންކަން މިސަރުކާރުން ކޮށްދެއްވާއިރުވެސް އެއީ ތަރައްޤީކަމަށް އިދިކޮޅު ފަރާތްތަކަށް ޤަބޫލުނުކުރެވެނީ ކީތްވެގެންތޯ ސުވާލު އުފައްދަންޖެހޭ ކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މާޅޮސްމަޑުލުއުތުރުބުރީ މަޑުއްވަރީގެ ޢުމްރާނީ ތަރައްޤީއަށްޓަކައި ސަރުކާރުން ހިންގަވާފައިވާ މަޝްރޫޢުތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލެއްވިއެވެ.