ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޔުނައިޓެޑް އެރެބް އެމިރެޓްސްއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެޤައުމުގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ޔޫ.އޭ.އީގައި ދިރިއުޅުއްވަމުންގެންދަވާ ދިވެހި ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް މިރޭ ބޭއްވެވި ޙަފުލާގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެންމެ ރަނގަޅު ސަފީރުންނަކީ ސިޔާސީގޮތުން ޢައްޔަނުކުރެވޭ ސަފީރުން ނޫންކަމަށާއި، އެންމެ ރަނގަޅު ސަފީރުންނަކީ ރާއްޖޭން ބޭރުގައި ދިރިއުޅުއްވާއިރު އަޚްލާގީ މިންގަނޑު ހިފަހައްޓަވާ، ދިވެހިންގެ ޤަދަރު ނުވެއްޓޭގޮތަށް ދިރިއުޅުއްވުން ބައްޓަންކުރައްވާ ބޭފުޅުންކަމުގައެވެ. އަދި، އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި ޔޫ.އޭ.އީގައި ދިރިއުޅުއްވަމުން ގެންދަވާ ދިވެހި ރައްޔިތުންނަކީ ހަރުދަނާ އަޚްލާގެއްގެ ވެރިބައެއްކަމަށާއި، ދިވެހިންގެ ޤަދަރު ހިފެހެއްޓުމަށާއި އަޚްލާގީ ފެންވަރު ރަނގަޅުގޮތުގައި ހިފެހެއްޓުންމަތީ ދެމިތިބުމަށް އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ޓެރަރިޒަމް ނައްތާލުމަށް ކުރަމުންދާ ބުރަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ، ބޭރުގައި ދިރިއުޅުއްވާ ދިވެހިންގެ އެއްބާރުލެއްވުން މިފަދަ ކަންކަމަށް ދެއްވުން މުހިންމުކަން ފާހަގަކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.
އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ވިޔަފާރި ބަނދަރެއް ޤާއިމުކުރެވިދާނެ ފަދަ ތަނެއްކަން ފާހަގަކުރައްވައި، މިކަން ކުރުމުގައި ދިމާވެދާނެ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދެއްކެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޔޫ.އޭ.އީ ފަދަ ޤައުމުތަކުން ފިލާވަޅު ހޯއްދަވައިގެން ރާއްޖެއަކީވެސް ވިޔަފާރީގެ ފުރުޞަތު އޮތް ކާމިޔާބު ޤައުމަކަށް ހެއްދެވުމަށް މަސައްކަތްކުރެއްވުމަށް ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫ.އޭ.އީއަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި، އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެކިދާއިރާތަކުން ރާއްޖެ އާއި ޔޫ.އޭ.އީއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.