ތަފާތު ގިނަ ބޭނުންތައް އެއް ކާޑަކުން ކުރެވޭ "ޕާސްޕޯޓް ކާޑު" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި މިއަދު އިފްތިތާޙް ކުރެއްވި ޕާސްޕޯޓް ކާޑު ބޭނުންކޮށްގެން، ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ޕާސްޕޯޓުގެ ޚިދުމަތްތަކާއި، ބެންކް އޮފް މޯލްޑިވްސްގެ މާސްޓަރ ކާޑުގެ ޚިދުމަތްތަކާއި، އެލައިޑް އިންޝުއަރެންސްގެ ޚިދުމަތްތައް ހޯދޭނެއެވެ. މިއަދު ތަޢާރަފު ކުރި ޕާސްޕޯޓް ކާޑުގެ ސަލާމަތީ މަސައްކަތްތައް ކޮށްފައިވަނީ ޖަރުމަންވިލާތުގެ ޑަރމަލޮގް ކުންފުނިންނެވެ. މި ކާޑަކީ ޕޮލީކާބަނޭޓް މެޓީރިއަލް ބޭނުންކޮށްގެން ސަލާމަތީ ސިފަތައް ހިމަނާފައިވާ ކާޑެކެވެ. އަދި މިއީ މިފަދަ ގިނަ ޚިދުމަތް ތަކެއް ޕޮލީކާބަނޭޓް ޕާސްޕޯޓް ކާޑެއްގައި ހިމަނައިގެން ދުނިޔޭގައި ފަރުމާކުރި ފުރަތަމަ ކާޑެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަންވަރު، ރައީސުލްޖުމްހޫރިއްޔާއަށް އެ މަނިކުފާނުގެ ޕާސްޕޯޓް ކާޑު ހަވާލުކޮށްދެއްވިއެވެ.