ދިވެހިރާއްޖެއިން އިޔާދަކުރަނިވިހަކަތައަށް އިސްކަންދެނީ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅާފިޔަވަޅުތަކުގެ ތެރޭގައި ހިމެނިގެން ކުރާ ކަމަކަށްވުރެ، ޤައުމީ ތަރައްޤީގައި ހިމެނޭ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އެކަން ދެކިގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

އިނީޝިއޭޓިވް ފޯ ރިނިއުބަލް އައިލެންޑް އެނަރޖީ (އައިރީ) ގެ ނަމުގައި، ކުދި ޖަޒީރާ ޤައުމުތަކުގެ ވަޒީރުން ބައިވެރިވެވަޑައިގެން، ބަނޑޮސް އައިލެންޑް ރިސޯޓްގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުން ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުތަކަށް އަހައްމިއްޔަތުކަން ދިނުމަށްޓަކާ، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޤައުމީ ފެންވަރެއްގައި މަސައްކަތްތަކެއް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، 2016 ވަނައަހަރު އެއޯސިސްގެ ޗެއާގެ ހައިސިއްޔަތުން ރާއްޖެއަށް ލިބުނު ކާމިޔާބީއަށް ތަޢުރީފުކުރައްވާ، އެއޯސިސް އިން ޕެރިސް އެގްރީމަންޓަށް ޢަމަލުކުރަން ފެށުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ޕެރިސް އެގްރީމެންޓް ކާމިޔާބު މަޝްރޫޢަކަށް ހެދުމަށް ޤައުމީ ފެންވަރުގައި ދިވެހިރާއްޖެއިން މަސައްކަތްކުރަމުންދާކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން މިހާރު މަސައްކަތްކުރަމުން ގެންދަނީ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 30 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތަ ކަމުގައި ހެދުމަށްކަން ފާހަގަކުރައްވާ، މި އަމާޒަށް ވާސިލުވުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.