ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މާލޭ ވޯޓަރ އެންޑް ސިވަރޭޖް ކޮމްޕެނީގެ ފެން އުފައްދާ އާ މަރުކަޒު، "އާރް.އޯ. އެނެކްސް" މިރޭ ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި މަރުކަޒު ހުޅުއްވައިދެއްވުމަށްފަހު އެމަނިކުފާނުވަނީ އެ މަރުކަޒު ބައްލަވާލައްވާފައެވެ.

މި މަރުކަޒަކީ އެމް.ޑަބްލިޔު.އެސް.ސީގެ ފެނުގެ ރައްކާތެރިކަން އިތުރުކުރުމުގެ ޕްލޭންގެ ދަށުން، މާލޭގެ އޮޕަރޭޝަން ސެންޓަރ ލާމަރުކަޒީކޮށް، ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ކުންފުނީގެ ފެން އުފައްދާ މައި ކާރުޚާނާގެ އިތުރަށް ހުޅުވި ފެން އުފައްދާ އާ ޕްރޮޑަކްޝަން ސެންޓަރެކެވެ.

މިރޭ ހުޅުވި "އާރް.އޯ. އެނެކްސް" ގެ 5,000 ޓަނުގެ ފެން އުފައްދާ ޕްލާންޓާއެކު، ދުވާލެއްގެ މައްޗަށް 25,000 ސީ.ބީ.އެމް ގެ ފެން އުފެއްދުމުގެ ޤާބިލުކަން އެމް.ޑަބްލިޔު.އެސް.ސީއަށް ލިބިގެންދާނެއެވެ. މިއީ މާލެއަށް ފެން ބޭނުންވާ މިންވަރަށް ބަލާއިރު ފެނުގެ ރައްކާތެރިކަމަށް ލިބުނު 25 އިންސައްތައިގެ ކުރިއެރުމެކެވެ.