ތަރައްޤީވަމުން އަންނަ އިޤުތިޞާދެއްގެ ފުރިހަމަ ޤާބިލިއްޔަތުކަން ދެނެގަތުމަށް ހަރުދަނާ ހިންގުންތެރިއަކު ބޭނުންވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 4 ވަނަ އިސްލާމިކް ބޭންކިން އަދި ފައިނޭންސް އިންޑަސްޓްރީ ކޮންފަރަންސް ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސްޓެލްކޯގެ ކޮންފަރެންސް ހޯލްގައި މިއަދު އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ދެއްކެވި ވާހަކަފުޅުގައި ރާއްޖެފަދަ ސައްތައިންސައްތަ މުސްލިމުން ދިރިއުޅޭ ޤައުމެއްގައި އިސްލާމީ އިޤްތިޞާދް ކުރިއެރުވުމަކީ މުހިންމު ކަމެއްކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް، ހަލާލު ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އިސްކަންދޭމިންވަރު ހާމަ ކުރެއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި މިސަރަހައްދުގެ ގައުމުތަކަށް ބަލާއިރު އިންވެސްޓް ކުރުމަށް އެންމެ އެކަށީގެންވާ އަދި ފަސޭހަ މަންޒިލަކަށް ރާއްޖެ ވެފައިވަނީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ދެވިފައިވާ ފަސޭހަ ތަކާއި ހުޅުވާލެވިފައިވާ ފަހި ފުރުސަތު ތަކުގެ ސަބަބުން ކަން ފާހަގަކުރެއްވިއެވެ. އަދި ދެކުނު އޭޝިޔާ ސަރަހައްދުގެ އިސްލާމީ ފައިނޭންސްގެ މައި މަރުކަޒަކަށް ދިވެހިރާއްޖެ ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމު ގެންގުޅުއްވާ ތަސައްވަރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ކުރިއަށް ގެންދަވަމުން މިހާރުވެސް ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ޚިދުމަތް ފޯރުކޮށްދޭ 13 މަރުކަޒެއް ހުރިކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފާހަގަކުރެއްވިއެވެ. މިގޮތުން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ވާދަވެރި އަދި އުފެއްދުންތެރި އިތުރު ބާވަތްތައް ރާއްޖެއަށް ތަޢާރަފު ކުރަންޖެހޭކަން ހާމަކުރައްވަމުން، ޚާއްޞަ ގޮތެއްގައި ބިޔަ އިޤްތިޞާދީ މަޝްރޫޢުތައް ހިންގުމަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުކޮށްލާފަދަ ކަންކަން މީގެތެރޭގައި ހިމެނުމަށް ބޭނުންފުޅުވާކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން، އިސްލާމިކް ފައިނޭންސްގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރުވަމުންދާތީ އެކަމާމެދު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމުގައި ވިދާޅުވެ، މިއީ ދުނިޔޭގެ އެހެން ޤައުމުތަކަށް މިސާލެއްކަމުގައިވެސް ފާހަގަކުރެއްވިއެވެ.