ތައިލެންޑްގެ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސްޕޯޓްސް ހަރ އެކްސެލެންސީ ކޯބްކާން ސޫރިޔަޓް ވަތަނަވްރަންގކުލް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ތައިލެންޑްގެ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސްޕޯޓްސް ރާއްޖެއަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. އަދި، ތައިލެންޑްގެ ރައީސަށާއި ބޮޑުވަޒީރަށް ތަހުނިޔާއާއި ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް ތައިލެންޑްގެ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސްޕޯޓްސްގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ތައިލެންޑާ ދެމެދުގައި ޤާއިމްކުރެވިފައިވާ އެކުވެރި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ކުރިޔަށް އޮތްތާގައި ދެޤައުމުގެ ދެމެދުގައިވާ ގުޅުން ޚާއްޞަކޮށް ފަތުރުވެރިކަމާއި ކުޅިވަރުގެ ދާއިރާއިން އިތުރަށް ވަރުގަދަކުރެއްވުމާއިބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ތައިލެންޑަކީ ރާއްޖެއާ ވަރަށް ގާތް ވިޔަފާރީގެ ގުޅުމެއް އޮންނަ ޤައުމެއްކަމަށާއި، ތައިލެންޑަކީ ދިވެހިން ވަރަށް ގިނައިން ބޭސްފަރުވާއަށް ދަތުރުކުރަމުންދާ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ތައިލެންޑަކީ ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ޤައުމުކަމަށާއި ރާއްޖޭގައި ތައިލެންޑްގެ ވިޔަފާރިވެރިން އިތުރަށް ހަރާކަތްތެރިވާނެކަމަށް އުއްމީދުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތައިލެންޑްގެ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސްޕޯޓްސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭއަށް ޒިޔާރަތްކުރެއްވުމަށް ފުރުސަތު ލިބިވަޑައިގެންނެވުމަކީ އެކަމަނާ ވަރަށް ފަޚުރުވެރިވާކަމެއްކަމަށާއި، އެކަމަނާގެ މިދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ފަތުރުވެރިކަމުގެ ދާއިރާއިންނާއި ކުޅިވަރުގެ ދާއިރާއިން އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް މޫސާ ޒަމީރާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް އަލްފާޟިލާ އިރުތިޝާމް އާދަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.