ތުރުކީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ސާކިރް އޮޒްކާން ޓޮރުންލަރ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ތުރުކީގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަޙުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދަންނަވާ އެ ޤައުމުގެ ރައީސް ރެކެޕް ތައްޔިބް އެރްތުޤާންއަށް ހެޔޮއެދުން ފޮނުއްވިއެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި ވަނީ ޒަމާނުއްސުރެ ގާތް ޚާރިޖީ ގުޅުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރުމަށްޓަކައި ތުރުކީގެ ފަރާތުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ. ތުރުކީގެ ރައީސް ރެކެޕް ތައްޔިބް އެރްތުޤާން، އިސްލާމީ އުއްމަތާ ދިމާވާ މައްސަލަތައް ހައްލުކުރުމަށް ދެއްވާ އެހީތެރިކަމާ އެއްބާރުލެއްވުމަށް ޝުކުރު އަދާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ތުރުކީގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓު ކުރުމުގެ ފުރުޞަތު ހުޅުވާ ލެވިފައިވާ ކަމުގައި ފާހަގަކުރެއްވިއެވެ.
ތުރުކީގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަޤާމުގައި ހުންނަވައިގެން ރާއްޖެއާއި ތުރުކީއާ ދެމެދުގައިވާ ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށް ފުރުޞަތު ލިބިވަޑައިގަތުމުން ފަޚުރުވެރިވާކަމަށް ވިދާޅުވެ، ކުރިއަށް އޮތްތާނގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ، ބައިލެޓަރަލް އަލްފާޟިލް އަޙްމަދު ޚަލީލް ބައިވެރިވެވަޑައިގެންނެވިއެވެ.