މިއަދު ކޮންމެ ދިވެހި ކުއްޖަކީ އިޤްތިޞާދީ އެސެޓެއް ގޮތަށް އަޅުގަނޑުމެން ވިސްނަންޖެހޭ ކަމަށާއި، ކޮންމެ ކުއްޖަކަށްވެސް ހުރިހާ ފުރުޞަތެއް ތަނަވަސްކޮށްދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރުގެ 1000 ފޮޓޯގްރާފަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ދަސްވެނިވުމުގެ ޙަފްލާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

1000 ފޮޓޯގްރާފަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމަކީ، މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދުގެ ދަށުން ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށްޓަކައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ގުޅިގެން ކުރިއަށް ގެންދެވާ ޕްރޮގްރާމެކެވެ.

މިރޭގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިހާރުގެ ދިވެހި ކުދިންނަށް ލިބެން ބޭނުންވާ ޢިލްމީ ފުރުސަތުތައް ތަނަވަސްކޮށްދެއްވަން ކޮށްދެއްވާ މަސައްކަތްޕުޅުތަކާ އެއްވަރަށް، އޭގެ ނަތީޖާއެއްގެ ގޮތުން އެ ކުދިންގެ ފަރާތުން ޤައުމަށް ލިބެންޖެހޭ ޚިދުމަތްތައް ކަށަވަރު ކުރެއްވުމަށްވެސް އެމަނިކުފާނު އިސްކަން ދެއްވާ ކަމުގައި ވިދާޅުވިއެވެ. އަދި، މިއަދަކީ، ކުރިއާ ޚިލާފަށް، އެ ކުއްޖަކަށް ކިޔެވުނު އެއްޗެއް ކިޔެވުނު މިންވަރަކަށް ކިޔެވުނީމާ ފުދޭ ދުވަސްނޫން ކަމަށާއި، އެ ކުއްޖަކު ޝައުޤުވެރިވާ ދާއިރާއަކުން ކުރިއަށްދާންވީ ޒަމާން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަންކަމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ސަރުކާރުން އެތައް މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރެއްވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ދިވެހި ޒުވާނުންނަކީ ޤާބިލް ބަޔަކަށް ހެދުމަށާއި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ބައެއްގެ ގޮތުން ޒަމާނާ އެއްގޮތަށް ވިސްނުން ބެހެއްޓުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، މި ސަރުކާރުގެ އަމާޒަކީ، ވަށާޖެހޭ ތައުލީމީ ނިޒާމެއް ރާއްޖޭގައި އުފައްދައިގެން، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރޭގައި އަބަދުވެސް ޒުވާނުންނަށް ފަހި ފުރުސަތުތައް ތަނަވަސްކޮށްދޭން މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ތަކުރާރު ކުރެއްވިއެވެ.

މިރޭގެ ޙަފްލާގައި 1000 ފޮޓޯގްރާފަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ދަށުން 414 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އަދި މިހާރުވެސް 249 ދަރިވަރުންދަނީ މި ޕްރޮގްރާމްގައި ތަމްރީނު ހޯދަމުންނެވެ. މީގެ އިތުރުން، 178 ބައިވެރިން މިހާރުވެސް ދަނީ ފޮޓޯ ނެގުމުގެ ދާއިރާގައި ވަޒީފާ އަދާކުރަމުންނެވެ.