ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޒަންގް ލިޒޯންގް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ޗައިނާގެ އާ ސަފީރަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަރްޙަބާ ދަންނަވާ ޗައިނާ ސަފީރުގެ ސަފީރުކަމުގެ ދައުރު ފެށްޓެވުމާ ގުޅިގެން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެމެދުގައި ޤާއިމުކުރެވިފައިވަނީ ވަރަށް ވަރުގަދަ ގުޅުމެއްކަމަށާއި، ޗައިނާގެ ރައީސް ހިޒް އެކްސެލަންސީ ޝީ ޖިންޕިންގް 2014 ވަނަ އަހަރު ރާއްޖެ ވަޑައިގެންނެވުމަކީ ދެޤައުމުގެ ދެމެދުގައިވާ މި އެކުވެރި ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވެގެންދިޔަ ކަމެއްކަމުގައި ވިދާޅުވެފައިވެއެވެ. އަދި، ދެ ޤައުމުގެ ދެމެދުގައިވާ ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖޭގެ ފަރާތުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނުވަނީ ޗައިނާ ސަފީރަށް ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ސަފީރު ވަނީ ޗައިނާއިން ރާއްޖޭގައި ހިންގާ މައިގަނޑު މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މީގެ ތެރޭގައި ޗައިނާ – މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ރަންވޭ ތަރައްޤީކުރުމުގެ މަޝްރޫޢާއި، ހުޅުމާލޭގައި ތަރައްޤީ ކުރަމުންދާ ގެދޮރުވެރިކުރުވުމުގެ މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ވަނީ ޙިއްޞާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ޗައިނާގެ ސަފީރު ވަނީ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އެކި ދާއިރާއިން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ ތެރޭގައި، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާގެ އިތުރުން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަމާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ، ބައިލެޓަރަލް އަލްފާޟިލް އަޙްމަދު ޚަލީލް ބައިވެރިވެވަޑައިގެންނެވިއެވެ.