[ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެކެވެ. މި ތަހުނިޔާގައި، މިއަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގެން ތިއްބެވި އެންމެހައި ދިވެހި ޙައްޖާޖީން އަޅުގަނޑު ޝާމިލު ކުރަމެވެ. އަދި މި ފުރްޞަތުގައި މުޅި އިސްލާމީ އުންމަތަށްވެސް މި ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެކެވެ.

އަޟްޙާ ޢީދާއި ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިފައިވާއިރު، ޙައްޖަކީ، އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބަނޑުއެއްބަފާކަމާއި، އުޚުއްވަތްތެރިކަމުގެ ގުޅުމުގެ މަތިވެރިކަން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ މަތިވެރި އަޅުކަމެކެވެ. ހަމައެހެންމެ، އަޟްޙާ ޢީދު އަޅުގަނޑުމެންނަށް ދަސްކޮށްދީފައިވާ ޤުރްބާނީގެ އަގުހުރި ފިލާވަޅަކީ، އެއިން ވަރަށް މުހިއްމު ޢިބްރަތްތަކެއް ހާސިލުކޮށްދޭ ފިލާވަޅެއްވެސްމެއެވެ. އެ ފިލާވަޅަކީ، ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ އަނެކުންގެ މަޞްލަޙަތު އިސްކުރުމުގެ ހަރުދަނާ ފިލާވަޅެވެ. އެހެން ފަރުދުންގެ މަޞްލަޙަތާއި، ޤައުމުގެ މަޞްލަޙަތު އިސްކުރުމަށް، މާތްވެގެންވާ އިސްލާމް ދީނުގައި ދެއްވާފައިވާ އަހަންމިއްޔަތުގެ ބޮޑުކަން ހާމަކޮށްދޭ އަގުހުރި ފިލާވަޅެއްވެސް މެއެވެ.

ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފާތައް ފާޅުކުރަމުންގެންދާއިރު، މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގެ ބައެއް ކަންކަން އޮތް ޙާލަތާ ދޭތެރޭގައި، ޤައުމީ ފެންވަރެއްގައި ވިސްނާލަން އެބަ ޖެހެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙު ހަލަބޮލިވެގެން ދިޔުމަކީ، އެކަމުގެ ސަބަބުން ޤައުމުގެ ރައްޔިތުންގެ އެއްބައިވަންތަކަން ރޫޅި، ރައްޔިތުންގެ ހިތްތަކަށް ނުތަނަވަސްކަން ވެރިވެ، މުޅި ޤައުމަށް ބޮޑެތި ގެއްލުންތަކެއް ލިބި އަދި ޤައުމީ މަޞްލަޙަތަށް ލޮޅުން އަރާނެ ކަމެކެވެ.

ސަރުކާރުގެ އަމާޒަކީ، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ، ރައްޔިތުން ހިތްހަމަޖެހޭ ފެންވަރެއްގައި ގެނެސްދިނުންކަމަށްވާއިރު، އެ ތަރައްޤީ ގެނެސްދެވޭނީވެސް ޤައުމުގައި ހަމަޖެހުން އޮވެގެންނެވެ. އެއްބައިވަންތަކަމާއި އެކުވެރިކަން އޮވެގެންނެވެ. ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށް އެންމެން އިޙްތިރާމު ކޮށްގެން، އެއަށް ބޯލަނބަލައިގެންނެވެ. އެ ބަޔަކު ބޭނުންވާ ގޮތަކަށް، އުސޫލުތަކާ ޚިލާފަށް ކަންކަން ގެންދަން އުޅުމަކީ، އެކަމުގެ ސަބަބުން މުޅި ޤައުމަށް އެކަމުގެ ނޭދެވޭ ނުރަނގަޅު އަސަރު ފޯރާނެ ކަމެއްކަމާމެދު އަޅުގަނޑު ޝައްކެތް ނުކުރަމެވެ.

އެހެންކަމުން، އަޟްހާ ޢީދު އަޅުގަނޑުމެންނަށް ދަސްކޮށްދޭ އަގުހުރި ފިލާވަޅުން ޢިބްރަތް ހާސިލުކުރައްވައި، ކޮންމެ ކަމެއްގައިވެސް ޤައުމީ މަޞްލަޙަތު އިސްކުރެއްވުމަށް މި މުނާސަބަތުގައިވެސް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. މި ދިވެހިރާއްޖެއަކީ، އަޅުގަނޑުމެން އެންމެންގެ ޤައުމުކަން އަބަދުވެސް ހަނދާނުގައި ބަހައްޓަވައިގެން، ޤައުމުގެ ކުރިއެރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރެއްވުމަށްވެސް އަޅުގަނޑު މި ފުރުޞަތުގައި ގޮވައިލަމެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މި އުފާވެރި ޢީދުގެ ބަރަކާތްތެރި ދުވަސްތަކަކީ، ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރި ދުވަސްތަކެއް ކަމުގައި اللّـه سبحـانـه وتعـالى ލެއްވުމެވެ. ރާއްޖޭގައި އަބަދުވެސް ހަމަޖެހުމާއި އަމަންއަމާންކަން ޤާއިމުކޮށްދެއްވައި، ރާއްޖެއަށް އަންނަމުންމިދާ ތަރައްޤީއާއި ކުރިއެރުންތަކުން ޤައުމަށް އިތުރު ފަހިކަމާއި ދިރުން އެކަލާނގެ މިންވަރުކޮށްދެއްވުމެވެ.]