ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒު ޝަރީފާއި، އަނބިކަނބަލުން ބޭގަމް ކަލްސޫމް ނަވާޒް ޝަރީފަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ. ރަސްމީ ގޮތުން މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، ‏މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައެވެ.

‏ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ދެކަނބަލުން މާލެއަށް ފައިބާވަޑައިގަތުމާއެކު، ބިއުގަލް ކޯލެއް އެރުވުނެވެ. ރަސްމީ ފާލަމުން މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިނކަނބަލުން ފާޠިމަތު އިބްރާހީމެވެ.

މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 7 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ޕާކިސްތާނާއި، ދިވެހިރާއްޖެއާ ދެޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ޝަރަފްގައި އޮތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ދިވެހި ދައުލަތުގެ ވަޒީރުންނާއި، އެ ފެންވަރުގެ ބޭފުޅުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ޕާކިސްތާނުގެ ބޮޑުވަޒީރަށް ތަޢާރުފުކޮށް އެރުވިއެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ.

މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ޕާކިސްތާނުގެ ބޮޑުވަޒީރު‏ މުޙައްމަދު ނަވާޒު ޝަރީފް، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެމަނިކުފާނު ވަޑައިގެންނެވީ ބެރުދުންމާރިއާއި އެކު ހަތްކޮޅުގައެވެ.