ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒު ޝަރީފާއި، އަނބިކަނބަލުން ބޭގަމް ކަލްސޫމް ނަވާޒް ޝަރީފް، މިއަދު މެންދުރު ރާއްޖެ ވަޑައިގެންފިއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ. އަދި، ޕާކިސްތާނުގެ ބޮޑުވަޒީރަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރއެއް އެރުވުނެވެ.

މަރްޙަބާ ދެންނެވުމަށްފަހު ‏ވައިގެ ބަނދަރުގެ ވީ.ވީ.އައި.ޕީ ލައުންޖްގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދެކަނބަލުންނާ ‏‏ބައްދަލުކޮށްލެއްވިއެވެ. ‏

ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފުގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއިއެކު ރަސްމީ ގޮތުން ބައްދަލުކުރެއްވުން މިއަދު އޮންނާނެއެވެ. އަދި، ދެ ޤައުމުގެ އެންމެ މަތީ ފެންވަރުގެ ވަފްދުތަކުގެ މެދުގައި ރަސްމީ ވާހަކަތައްވެސް މިއަދު ބާއްވަވާނެއެވެ. މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި ތަފާތު ދާއިރާތަކުން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުންވެސް ޕާކިސްތާނުގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގެ ތެރޭގައި ހިމެނިފައިވެއެވެ.

މި އަހަރު ރާއްޖޭގައި ފާހަގަ މިކުރާ މިނިވަންދުވަހަކީ ޕާކިސްތާނާއިއެކު ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމުކުރިތާ 52 ވަނަ އަހަރު ފުރޭ ދުވަސް ކަން ފާހަގަކޮށްލެވެއެވެ. ރާއްޖެއާއި ޕާކިސްތާނާއެކު ސިޔާސީ ގުޅުން ޤާއިމުކުރީ 26 ޖުލައި 1966 ވަނަ އަހަރުއެވެ. އަދި، ރާއްޖެއަކީ މިނިވަން ދަޢުލަތެއްކަން އެންމެ ފުރަތަމަ ބަލައިގަތް ޤައުމުތަކުތެރޭގައި ޕާކިސްތާނު ހިމެނެއެވެ.