16 ޖުލައި 2017 ވީ އާދީއްތަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ލަފާފުޅުގެ މަތިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ މަތިން، "ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ" ގެ ނަމުގައި ކޮމިޝަނެއް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިއަދު އުފައްދަވައިފިއެވެ.

މި ކޮމިޝަން އުފެއްދުވުމުގެ އެންމެ ބޮޑު މަގުސަދަކީ، އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރުއްވާފައިވާ ރިޕޯޓުތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް އެންމެ އެދެވޭ ގޮތަށް މަސައްކަތް ކޮށްފައި ނެތުންކަން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަ ކުރެއްވިއެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބަލައި، އެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ، ދައުލަތަށް ލިބެންޖެހޭ ފައިސާގެ މައްސަލަތައް ބަލައި ދިރާސާކޮށް، އެ މައްސަލަތަކާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅު އަޅައި، އެ ފައިސާ ހޯދުމަށްޓަކައި ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ އިން މުސްތަޤިއްލު ކަމާއެކު މަސައްކަތްކުރެއްވުމުގެ ފުރިހަމަ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާ ވަނީ މި ކޮމިޝަނަށް ދެއްވާފައެވެ.

މި ކޮމިޝަނުގެ ރިޔާސަތު ބަލަހައްޓަވާނީ ގދ. ރަތަފަންދޫ، ހިލިހިލާގޭ އަލްފާޟިލް އަޒްލީން އަޙްމަދެވެ. މީގެ އިތުރުން ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާނީ މި ދަންނަވާ ބޭފުޅުންނެވެ.

- އަލްއުސްތާޛު މުޙައްމަދު މުޖްތާޒް،  މއ. ސިގްމާ
- އަލްފާޟިލާ ޚަދީޖާ ޙުސައިން،  ދަފްތަރު ނަންބަރު 5095
- ޑޮކްޓަރ އިބްރާހީމް މަޙްފޫޡް،  މ. އެލްސިއޯން
- އަލްއުސްތާޛު މުޙައްމަދު ސަލީމް،  ގ. ރޭނިސް