ދިވެހި ސަރުކާރުގެ ސިޔާސަތަކީ، މާދަރީބަހަށް އިސްކަންދީގެން ޤައުމީ ތަރައްޤީ ކުރިއަށް ގެންދިއުމުގެ ސިޔާސަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، 2016 ވަނަ އަހަރު އިޢުލާނު ކޮށްގެން ކުރިއަށް ގެންދިޔަ އެކެޑަމީ އިނާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން، އެ އިނާމު ޙައްޤުވާ ފަރާތްތަކަށް އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރޭ އޮލިމްޕަހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ މި ސިޔާސަތު ތަންފީޒުކުރައްވަން، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމުގައި ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެންމެ އިސްކަންދެއްވާ ޤައުމީ ސިޔާސަތުތަކުގެ ތެރޭގައި، ދިވެހި ބަސް ކުރިއެރުވުމަކީ ވަރަށް މުހިންމު ސިޔާސަތެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ. އަދި އެކަމަށްޓަކައި ޤާނޫނެއް ވުޖޫދަށް އައިސް، އެ ޤާނޫނުގެ އެހީތެރިކަމުގާ މުހިންމު މަސައްކަތްތަކެއް ކުރެވެމުން ދާކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، އަމިއްލަ ބަހަކާއި އަކުރެއް ލިބިފައި އޮތް ކޮންމެ ބަޔަކުވެސް، ޤައުމިއްޔަތެއް ބިނާކުރަނީ، އެބައެއްގެ އަދަބިއްޔާތުވެސް ވުޖޫދަށް ގެނެސް، އެއީ ޤައުމިއްޔަތުގެ މުހިންމު ބަހާއެއް ކަމުގައި ޝާމިލުކޮށްގެން ކަމުގައި ބަޔާން ކުރެއްވިއެވެ. އަދި ޤައުމިއްޔަތެއް ކުރިއަރައި ދާންވާނީ އަދަބިއްޔާތާ އެކީގައި އެއީ ޤައުމިއްޔަތެއްގެ ރުކުނެއްގެ ގޮތުގައި ބަލައިގަނެގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޓެކްނޮލޮޖީއާއި ދިވެހި ބަސް ރައްޓެހިކުރަން މިހާރަށްވުރެ ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި، ދިވެހިރާއްޖޭގެ ރީތިކަން މުޅި ދުނިޔެއަށް ހާމަކުރާ ފަދައިން ދިވެހިބަހުގެ މުއްސަނދިކަން މުޅި ދުނިޔެއަށް ދައްކަންޖެހޭ ކަމަށާއި، ދިވެހި ބަހަކީ ދުނިޔެ ބަލައިގަންނަ، ދުނިޔޭގެ އެތަންމިތަނަށް ފެތުރިފައިވާ ބައިނަލްއަޤްވާމީ ބަހަކަށް ހަދަން ޢަޒުމް ކަނޑައަޅަންޖެހޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި އެކެޑަމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދެވެ.