ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، އޮނަރަބަލް އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް މިއަދު ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އޮނަރަބަލް އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް އެމަގާމަށް މި ހަމަޖެއްސެވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ
3 ވަނަ ނަންބަރުގައިވާ ގޮތުގެމަތީންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އޮނަރަބަލް އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް ޢައްޔަން ކުރެއްވުމުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ، އޮނަރަބަލް އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމާ ޙަވާލުކުރެއްވިއެވެ.