މިއަދު ދިވެހިރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުވިކަމާއެކު ކުރިއަރާ، ވިޔަފާރީގެ މުޢާމަލާތްތައް ފުޅާވަމުން ދާއިރު ކޮރަޕްޝަންގެ ހިޔަނި އެއްވެސް ކަމަކަށް އެޅުމަކީ މި ސަރުކާރުން ބޭނުންވާ ގޮތެއްނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާ ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެއަށް ތަރައްޤީ އަންނަން ޖެހެނީ ކޮރަޕްޝަނާ ނުލައި ކަމަށާއި، އިރާދަކުރެއްވިއްޔާ މިސަރުކާރަކީ ކޮރަޕްޝަންގެ އަމަލުތައް ބެލުމުގައި އަދި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކާމެދު އެއްވެސް ޖެހިލުންވުމެއްނެތި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ފިޔަވަޅު އަޅާނެ ސަރުކާރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ކޮރަޕްޝަންގެ މައްސަލަތައް ބަލައި އަވަސްކަމާއެކު ފިޔަވަޅު އެޅިއްޖެނަމަ ކޮރަޕްޝަންގެ ގެއްލުން އެތައްތަނަކުން ކުޑަ ކުރެވޭނެކަން ފާހަގަ ކުރެއްވިއެވެ. އަދި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި ނަޒާހަތްތެރިކަން ކުރިއެރުވުމަކީ މުޅި ޤައުމުގެ މަސްލަހަތު އެކަމެއްގެ މައްޗަށް ހުއްޓިފައިވާކަމެއް ކަމަށާއި، ކޮރަޕްޝަންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި ޖިނާއީ ޢަދުލުގެ ނިޒާމް ޒަމާނާ އެކަށޭނަގޮތަކަށް ބައްޓަން ކުރެވެންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ޖިނާއީ ޢަދަލުގެ ނިޒާމުގައި ހަރަކާތްތެރިވާ ހުރިހާ އިދާރާތަކެއްގެ ވިސްނުން އެއްނާރެހަކަށް އަމާޒުކުރުމުގެ މުހިންމުކަން ބަޔާންކުރައްވަމުން، ތަންފީޒީ އިދާރާތަކާ ހަވާލުވެފައިވާ ޤައުމީ މަސްއޫލިއްޔަތު އެއްވެސް ޖެހިލުންމެއްނެތި، ފަސްޖެހުމެއްނެތި އަދާކުރެވެމުންދާތަން ރައްޔިތުންނަށް ފެންނަންޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ހާމަކަމާއި ޒިންމާދާރުކަމާއެކު ދެފުށް ފެންނަ އަދި ފަސޭހަ ގޮތްތަކަށް ޚިދުމަތް ދިނުމަށް މުވައްޒަފުން ސަމާލުކަން ދޭންޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ. އަދި، ކޮރަޕްޝަން ހުއްޓުވާ މަނާކުރުމުގައި ޖިނާއީ ޢަދުލުގެ ނިޒާމް ހަރުދަނާކޮށް، އިންސާނީ ވަސީލަތްތައް ބިނާކުރުމުގައި ސަރުކާރުން ދޭންޖެހޭ އެންމެހާ އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.