ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޕަބްލިކް ސަރވިސް މީޑިއާގެ ނިއުސް ޗެނަލް އިފްތިތާޙުކޮށްދެއްވައިފިއެވެ. ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތާގުޅިގެން އިފްތިތާޙްކުރެވުނު 24 ގަޑިއިރު ޚަބަރަށް ޚާއްޞަކޮށްފައިވާ ޕަބްލިކް ސަރވިސް މީޑިއާގެ ނިއުސް ޗެނަލް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޕަބްލިކް ސަރވިސް މީޑިއާގެ ނިއުސް ޗެނަލް އިފްތިތާޙްކޮށްދެއްވުމާއެކު، ޤުރުއާން ކިޔެވުމުގެ ވަގުތުކޮޅަށްފަހު، ޕަބްލިކް ސަރވިސް މީޑިއާގެ އައު ނިއުސްރޫމުގެ ސްޓޫޑިއޯއިން ބްރޭކިންގ ނިއުސްއެއްގެ ގޮތުގައި ޕީއެސްއެމް ނިއުސް ޗެނަލް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވިކަމުގެ ޚަބަރު ގެނެސްދެވުނެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި މަޖިލިސް ޓީވީ، ޔެސް ޓީވީ، މުންނާރު ޓީވީ، މޯލްޑިވްސް ޓީވީ އަދި ޓީވީއެމް އެޗްޑީގެ ޚިދުމަތްވަނީ ތަޢާރަފްކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ އަޑުގެ އިތުރުން، ދިވެހި އެފްއެމް އަދި ދީނުގެ އަޑުގެ ނަމުގައި 3 ރޭޑިއޯ ޗެނަލްވެސް ޕަބްލިކް ސަރވިސް މީޑިއާއިން ދަނީ ހިންގަމުންނެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ޕަބްލިކް ސަރވިސް މީޑިއާގެ ޗެއަރމަން އަލްފާޟިލް އިބްރާހީމް ޢުމަރު މަނިކާއި، ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޚަލީލު ބައިވެރިވެވަޑައިގެންނެވިއެވެ.