ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، "ޝާމިލްކުރުމުގެ ތަޢުލީމީ މަހާސިންތާ" އިފްތިތާޙްކޮށްދެއްވައިފިއެވެ.

ޝާމިލްކުރުމުގެ ތަޢުލީމީ މަހާސިންތާގެ މައިގަނޑު އަމާޒަކީ ޝާމިލުކުރުމުގެ ތަޢުލީމު ހަރުދަނާކުރުމަށްޓަކައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގަންނައިދިނުމާއި އުނގެނުމަށް ފަހިވާގޮތަށް ރާވާ ތަންފީޒުކޮށް، ވިލަރެސްކުރުމަށްޓަކައި މިކަމަށް ޚާއްޞަ ތަމްރީން ދެވިފައިވާ މަންދޫބެއް ހިނގަމުންމިދާ ދިރާސީ އަހަރުގެ ނިޔަލަށް، ރާއްޖޭގެ ކޮންމެ ސްކޫލެއްގައި މަސައްކަތް ކުރައްވަމުން ގެންދިއުމެވެ. މި އަމާޒާ ހަމައަށް ވާސިލުވުމުގެ ގޮތުން، އެބޭފުޅުންނަށް ކޮންމެހެން ބޭނުންވާ ތަމްރީނާ މަޢުލޫމާތާ ހުނަރު ދަސްކޮށްދިނުމުގެ އިތުރުން މި މަހާސިންތާގައި ޝާމިލު ކުރުމުގެ ތަޢުލީމާ ބެހޭގޮތުން މުހިންމު ގިނަ ނިންމުންތަކެއް ނިންމާނެއެވެ.

ޝާމިލްކުރުމުގެ ތަޢުލީމީ މަހާސިންތާއަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން އިންތިޒާމްކުރައްވައިގެން ތިން ދުވަހުގެ މުއްދަތަށް ދަރުބާރުގޭގައި ބާއްވާ މަހާސިންތާއެކެވެ.