ޑިމޮކްރަސީއަކީ ހަމައެކަނި ޙައްޤެއް ނުލިބިގެން ހަވަރު އެއްވާހެން ވަކިތަނަކަށް އެއްވެ، އެ ޙައްޤު ހޯދަން މަސައްކަތް ކުރުން ނޫންކަމަށާއި، އެއް ވެ އުޅުނު ނަމަވެސް މި އެއްވުންތަކުގައި ޑިމޮކްރަސީގެ ނަމުގައި ވިޔަސް ރޮނގު ހުރަސްކޮށްފިނަމަ، ޤާނޫނުއަރާ ހަމަކުރާނެކަން، މި ޒަޢާމަތުގައި ކަށަވަރުކޮށްދިނުމަކީ، ހުރިހާ ދިވެހި ރައްޔިތުންގެ ޙައްޤުގައި އެމަނިކުފާނު ކުރަންޖެހޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި 125 ވަނަ ސިފައިންގެ ދުވަހުގެ ޚާއްޞަ އިޙުތިފާލުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑިމޮކްރަސީއަކީ ހަމައެކަނި ސިޔާސީ ޙައްޤުތައް ކަށަވަރުކުރާ އެއްޗެއް ނޫންކަމަށާއި، އޭގެއިތުރަށް ޑިމޮކްރަސީއަކީ އަޅުގަނޑުމެން ކުރިއަށްދާން ބޭނުންވާ އަޅުގަނޑުމެންގެ ހުވަފެންތައް ފުރިހަމަކޮށްދޭ ނިޒާމުކަމުގައެވެ.

މި މައުޟޫގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ، އިންސާފުވެރި އަމާންކަމެއް ލިބެނީ ހަމައެކަނި މަދަނީ އަދި ސިޔާސީ ޙާއްޤުތަކެއް ރައްކާތެރިކުރެވިގެން ނޫންކަމަށާއި، މިފަދަ އަމާންކަމެއް ހޯދޭނީ އިޤްތިޞާދީ ރައްކާތެރިކަމަކާއި ފަހި ފުރުޞަތު ތަކެއްވެސް ލިބިގެންކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ސިފައިންނާއި، ޚިދުމަތުގައި ތިބި ދިވެހި ފުލުހުން، ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭ ކަމަކީ މިއީ ކަމަށާއި، އަޅުގަނޑުމެންގެ މުދަލުގެ ރައްކާތެރިކަން ހޯދައިދޭން ޖެހޭކަމަށާއި، އަޅުގަނޑުމެންގެ ޤައުމުގެ މަޞްލަޙަތު ދަމަހައްޓައިދޭންވެސް ޖެހޭކަމުގައި ވިދާޅުވިއެވެ.