ރާއްޖޭގެ މާހައުލު ހަލަބޮލިވެގެންދަނީ އަޅުގަނޑުމެން އެކަކު އަނެކެއްގެ އަދި ޚާއްޞަކޮށް ސިޔާސީ ލީޑަރުންގެ މެދުގައިވާ ޒާތީ މަވެތި ވަންތަ ސިފަތައް މުޅި ދަޢުލަތުގެ މަސްލަހަތުގެ ކުރިއަށް ނެރުމުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި 125 ވަނަ ސިފައިންގެ ދުވަހުގެ ޚާއްޞަ އިޙުތިފާލުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ޚިދުމަތައް 125 އަހަރުވެފައިވާއިރު މިއީ ދަޢުލަތުގެ އެންމެ ދޮށީ މުޢައްސަސާތަކުތެރޭގައި ހިމެނޭ އެއް މުޢައްސަސާ ކަމުގައެވެ. ސިފައިންގެ ޚިދުމަތަކީ ދަޢުލަތް ދިފާއުކުރުމާއި، އިސްތިގްލާލް ދިފާއުކުރުމާއި އަދި ދީން ދިފާޢުކުރުމުގައި އެންމެ ކުރީ ސަފުގައި ޙަރާކާތްތެރިވާ އަދި އެންމެ ވަރުގަދަ ޤުރުބާނީތަކަށް އަބަދުވެސް ތައްޔާރަށް އޮންނަ ލަޝްކަރުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި ދިވެހި ދަޢުލަތަކީ މީލާދީން 14 ވަނަ ގަރުނުން ފެށިގެން ބޭރުގެ އެކި އެކި ފަރާތްތަކުން އަބަދުމެ ދިވެހި ދަޢުލަތާއި ތޮޅެމުންދިޔަ ދަޢުލަތެއްކަމުގައެވެ. އަދި ދިވެހި ކޮންމެ ވެރިޔަކަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި ދަޢުލަތުގެ މިނިވަންކަމާއި އިސްތިޤްލާލާއި ސިޔާދަތު ނަގާލަން އުޅޭ ބޭރުގެ ފަރާތްތައްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން އެމަނިކުފާނުވަނީ މާޒީވި ތާރީޚުގައި ދިވެހިންނަށް ކުރިމަތިވި ބައެއް ޢުދުވާނީ ހަމަލަތަކުގެ މައްޗައް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.

މި ޖަލްސާގައި އިތުރަށް ދެއްކެވި ވާހަކަފުޅުގައި، މަރުގެ ޙުކުމް ތަންފީޒްކުރުމާ ސިޔާސީ އެތައް ބޭފުޅުންނެއް ދެކޮޅުހެއްދެވިކަން ފާހަގަކުރައްވައި މަރުގެ ޙުކުމް ތަންފީޒްކުރައްވާނެކަމަށާއި، އެކަމަށް ބޭނުންވާ ހުރިހާ އިންތިޒާމެއް ކުރިޔަށް އޮތް ދެ ތިން މަސް ދުވަހުގެ ތެރޭގައި ހަމަޖެހިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރޭ ރާއްޖޭގައި ރަހުމް ކުޑަގޮތަކަށް ޒުވާނަކު މަރާލި މަރާލުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާކަމަށާއި، ކުރިން އިހުމާލުވެފައިވާ ނޭދެވޭ ކަންކަމުގެ ހިތި ނަތީޖާތަކާ މިއަދު ދިވެހިން ކުރިމަތިލާން ޖެހިފައިވާކަމުގައެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެމީހެއްގެ މުދަލާއި ފުރާނަ ރައްކާތެރިކުރުމުގެ ޙައްޤު އޮންނަށް ޖެހޭނެކަމަށާއި، ކޮންމެ ސަރުކާރަކުންވެސް އެކަން ކަށަވަރުކޮށްދޭންޖެހޭނެކަމުގައި ވިދާޅުވިއެވެ. މި ހިނގާދިޔާ ހިތާމަވެރި ހާދިސާގެ ސަބަބުން ކަމާގުޅޭ މުޢައްސަސާތަކުން މަޢާފަށް އެދެންޖެހޭނެ ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި އަޅުގަނޑުމެންގެ މަދަނީ ޙައްޤުތައް ލިބިގެންތިބެ، އިސްލާމްދީނަށް ފާޅުގައި ފުރައްސާރަކުރާ ބަޔަކުއެބަ ތިބިކަމަށާއި، އެކަމަށް އެއްވެސް ފަރާތަކަށް ޖާގަދެވިގެން ނުވާނެކުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ދަޢުލަތުގެ ޢިއްޒަތް ލިބިވަޑައިގެންނެވި ދެ ޚިދުމަތްތެރީންކަމުގައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން ލިބިވަޑައިގެންނެވި ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމާއި، ނިޝާން ޢަސްކަރީގެ ވެރިކަން ލިބިވަޑައިގެންނެވި ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ވަނީ ތަޢުރީފުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި މިރޭ ދަޢުލަތުގެ ޢިއްޒަތް ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަކީ ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނުގެ އިސް ފެންވަރުގެ ބޭފުޅުނަށް ވެސް ނުދެއްކުނު ފަދަ މަތިވެރި ނަމޫނާ ދައްކަވަމުން ގެންދަވާ ދެ ބޭފުޅުންކަން ފާހަގަކުރެއްވިއެވެ.