3000 ޓީޗަރުން ޑިގްރީ ފެންވަރަށް ގެނައުމަށް ސަރުކާރުން މިހާރު ފަށްޓަވާފައިވާ މަސައްކަތަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ފެންވަރު މަތިކޮށް އަދި ކުދިންގެ ފެންވަރު މަތިކުރުމަށްޓަކާ ކުރައްވާ މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މަޖީދިއްޔާ ސްކޫލަށް 90 އަހަރުފުރޭ މުނާސަބާ ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްވެސް ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ކުދިންނަށް ދެވޭ ތަޢުލީމަކީ ފެންވަރު ރަނގަޅު ތަޢުލީމަކަށް ހެދުމަށް ކަމުގައި ވިދާޅުވިއެވެ. މިއަމާޒަށް ވާސިލު ވުމަށްޓަކައި 3000 ޓީޗަރުން ޑިގްރީ ފެންވަރަށް ގެނެވޭތޯ މަސައްކަތް ފައްޓަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، މައިންބަފައިންގެ ހުވަފެންތައް ހާސިލުކޮށްދިނުމަށްޓަކައި ކުދިންނަށް ފުރިހަމަ ތަރުބިއްޔަތެއްދިނުމުގެ މުހިންމު ކަމުގެ މައްޗަށް އެމަނިކުފާނު އަލި އަޅުއްވާލެއްވިއެވެ. މިގޮތުން، ކުދިންނަށް ރަނގަޅު ތަޢުލީމެއްދެވޭނީ ފެންވަރު ރަނގަޅު ޓީޗަރުންތަކެއް ތަމްރީނު ކުރެވިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަޖީދިއްޔާ ސްކޫލަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ހަޔާތުގެ މައިގަނޑު ބިންގާ ކަމަށާ މަޖީދިއްޔާ ސްކޫލްވަނީ އަގުހުރި ތަޢުލީމީ ދިވެހި ދަރިންތަކެއް އުފައްދާފައިކަމަށް ވިދާޅުވިއެވެ. މިގޮތުން، ކޮންމެ ސްކޫލަކުންވެސް އުފައްދަންވާނީ ކަންކަމާ ކުރިމަތިލާނެ ޤާބިލުކަންހުރި ކުދިންކަމަށާ، އެއީ އެކުދިން މުޖުތަމަޢަށް ނުކުންނަނީ ޤައުމިއްޔަތެއް ދެމެހެއްޓުމަށާ ޤައުމު ތަރައްޤީކުރަންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ޒުވާން އާބާދީއެއް އޮތް ތަނެއްކަން ފާހަގަކުރައްވަމުން، މިހާރު އެންމެ ބޭނުންވަނީ މި ޒުވާން އާބާދީ ހަމަޖެހުމާއެކު ކުރިއަށްދާނެ މަގު ތަނަވަސްކޮށްދެއްވުމަށްޓަކައި ޒުވާން އާބާދީއަށް ވަޒީފާގެ ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ޒުވާން އާބާދީއަށް ގެދޮރުވެރިކަން ފޯރުކޮށްދެއްވުމަކީވެސް މުހިންމުކަމެއްކަމަށް ވިދާޅުވަމުން، މި ސަރުކާރުން މަސައްކަތްކުރައްވަނީ މިފަދަ ކަންކަން ރައްޔިތުންނަށް ކޮށްދެއްވުމަށްކަމަށް އެމަނުކިފާނު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަޖީދިއްޔާ ސްކޫލްގެ ފަރާތުން ހަނދާނީ ހަދިޔާއެއް ވެދުމަށް އެރުއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މި ހަދިޔާ ވެދުމަށް އެރުއްވީ މަޖީދިއްޔާ ސްކޫލްގެ ދެ ދަރިވަރުންނެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވަނީ މަޖީދިއްޔާ ސްކޫލަށް 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ޚިދުމަތްތެރިންނަށް ޝަރަފު ދެއްވާފައެވެ.