ޑިޕްރެޝަންއިން ރައްކާތެރިވުމަށްޓަކައި އަޅާ އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ތިމާއާ ދިމާވާ މައްސަލަތަކާ ބެހޭގޮތުން އިތުބާރުކުރެވޭ ފަރާތަކާއެކު ޚިޔާލު ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި މެސެޖަކީ، މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި، މިއަހަރުގެ ޝިޢާރު ކަމަށްވާ "ޑިޕްރެޝަން: ވާހަކަދައްކަމާ" އާ ގުޅޭގޮތުން ބަހައްޓާފައިވާ މިއުރަލްގައި އެމަނިކުފާނު ލިޔުއްވި މެސެޖެވެ.
މި ހަފްލާގައި މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޡިމް އިބްރާހީމާއި، ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޚާއްޞަ މަންދޫބު ޑޮކްޓަރ އަރްވިންދް މަތޫރު ބައިވެރިވެވަޑައިގެން، ތަޤްރީރުކުރެއްވިއެވެ.