ތަނެއްގައި އޮންނަ ހަމަޖެހުމަކީ ފުލުހުންގެ ޒިންމާ އަދާކުރެވޭ މިންވަރުގެ ފުރިހަމަކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފުލުހުންގެ 84 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މުޖުތަމަޢެއްގައި ހަމަޖެހުން ގެއްލޭނަމަ އެއީ ފުލުހުންގެ ޒިންމާ އަދާކުރަންވާ މިންވަރާ ދޭތެރޭ ސުވާލު އުފެދޭކަމެއްކަން ފާހަގަ ކުރެއްވިއެވެ. އަދި މިއަދު ދިވެހި މުޖުތަމަޢުގައި އަމާންކަން އެބައޮތް ކަމަށާއި، މި ކަމުގެ ޝުކުރު ޙައްޤުވަނީ ދިވެހި ފުލުހުންނަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މިއަދު ފުލުހުންގެ ޚިދުމަތަކީ އެއްގޮތަކަށްވެސް ވަކި ކަހަލަ މަސައްކަތަކަށް ބައްޓަންވެފައި އޮންނަ މަސައްކަތެއް ނޫން ކަމުގައި ބަޔާންކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ފުލުހުންގެ ޚިދުމަތުގެ ދާއިރާގެ މުއްސަނދިކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި، ފުލުހުންގެ މަސައްކަތާ ނުލައި އެއްވެސް މުޖުތަމަޢަކަށް މަސްލަހަތު ދެމެހެއްޓުމަކީ ވާނެ ކަމެއް ނޫން ކަމުގައި ވިދާޅުވެ، ފުލުހުންގެ މަސައްކަތަކީ 24 ގަޑިއިރު، މުޅި އަހަރު ދުވަހު ކުރާ މަސއްކަތެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފުލުހުންނަކީ ޤާނޫނުން ފުލުހުންނަށް އެލިބޭ ބާރު ކަމަށާއި، ހަމައެއާއެކުފުލުހުންނަކީ އެ ޤާނޫނުން ޒިންމާދާރު ކުރުވާ ފަރާތްވެސް ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، ފުލުހުންގެ ޚިދުމަތަށް ނުކުންނައިރު ކެތްތެރި ބަޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި، މަސައްކަތުގެ މައިދާނުގައި އުޅޭއިރު ފުލުހުން ޚިދުމަތް ކުރަނީ މުޖުތަމަޢަށްކަން ހަނދާން ކުރުމަށްވެސް އެމަނިކުފާނު ގޮވައިލެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރައްޔިތުން އުއްމީދުކުރާ ފެންވަރަށް ޚިދުމަތް ދެވޭތޯ އަބަދުވެސް މަސައްކަތްކުރުމަށް ފުލުހުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި، މުޖުތަމަޢުގައި ނުރައްކާތެރި ހާލަތެއް މެދުވެރިވާ ވަގުތެއްގައި ފުލުހަކު ފެނުމުން ކޮންމެ ރައްޔިތެއްގެ ވެސް ހިތަށް އަމާންކަން ލިއްބައިދޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން، ފުލުހުންނަކީ އެހެން މީހުންނަށް ނަމޫނާއަކަށް ވުމަށާއި، މިއީ މުޖުތަމަޢުގައި ކުށް ކުރުން މަދުކުރުމާ އެއްވަރުގެ ބޮޑު ޒިންމާއެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގެ މަސްލަހަތު ނަގާލައި ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ރާއްޖެ ވައްޓައިލަން ބައެއް ސިޔާސީ ވެރިން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވައި، އެކަން ކުށްވެރިކުރެއްވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އޮނަރަބަލް ޢުމަރު ޒާހިރު، ދިވެހިރާއްޖޭގެ ދާޚިލީ ވަޒީރުގެ މަޤާމުގައި ހުންނަވައިގެން ދިވެހި ފުލުހުންގެ ދާއިރާއަށް ދެއްވި މަތިވެރި އެއްބާރުލެއްވުމާއި ޚިދުމަތުގެ އަގުވަޒަންކޮށް އެމަނިކުފާނަށް ޝަރަފުގެ އައްޑަނަ އެރުވިއެވެ. އޮނަރަބަލް ޢުމަރު ޒާހިރުގެ ޢާއިލާއާ މި އައްޑަނަ ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އޮނަރަބަލް ޢުމަރު ޒާހިރަކީ ވަރަށް މުރާލި ކަމާއި ހީވާގި ކަމާއެކީ ޤައުމީ ޚިދުމަތްތަކުގައި އަދިވެސް އުޅުއްވާ ޢިއްޒަތްތެރި ބޭފުޅެއް ކަމުގައި ވިދާޅުވެ، ޢުމަރު ޒާހިރަށް ވަރަށް އިޚްލާސްތެރި ކަމާއެކީ ޝުކުރު އަދާ ކުރެއްވިއެވެ.

ފުލުހުންގެ 84 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފްވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި، ދައުލަތުގެ ވަޒީރުންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްބޭފުޅުން މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.