ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު، ޖުމެއިރާ ވިޓަވެލި އައިލެންޑް ރިޒޯޓްގެ ރޯޔަލް ރެޒިޑެންސް މިރޭ ހުޅުއްވައިދެއްވައިފިއެވެ.

މިރޭ މި ރިޒޯޓުގައި ހުޅުވުނު ރޯޔަލް ރެސިޑެންސަކީ ކޮންމެ ފަހަރަކު ގިނަވެގެން 14 މީހުންނަށް ތިބެވޭގޮތައް އިމާރާތްކޮށްފައިވާ ތަނެކެވެ. މި ރެސިޑެންސަށް ޚާއްޞަކުރެވިފައިވާ ސަރަހައްދުގައި 3,500 އަކަމީޓަރުގެ ކަނޑުފަޅާއި، ރީތި ހުދު ދޮންވެލިގަނޑެއް ހިމެނެއެވެ. އަދި، މި ރެސިޑެންސްގައި އަމިއްލަ ސްޕާއަކާއި، ދެ ޕޫލާއި، ޖިމެއްގެ އިތުރުން ރެސްޓޯރަންޓަކާއި، ފެނުންމަތީ ބާ އެއް ހިމެނެއެވެ. މި ރެސިޑެންސް ޚާއްޞަކުރެވިފައިވަނީ އާދަޔާޚިލާފު ފެންވަރު ރަނގަޅު ޗުއްޓީއެއް ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށެވެ.

ޖުމެއިރާ ވިޓަވެލި އައިލެންޑް ރިޒޯޓަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ރިޒޯޓް ވިޔަފާރިތައް ބިނާކޮށް އަދި ހިންގަމުންދާ، ޖުމެއިރާ ކުންފުނީގެ ރިޒޯޓެކެވެ.