ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ ރާއްޖެ އަދި ފަލަސްތީނު ބައްދަލުކުރި މެޗު ބައްލަވާލައްވައިފިއެވެ.

މިރޭ ކުޅެވުނު މެޗަކީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ޑީގެ މެޗެކެވެ. ރާއްޖެ އަދި ފަލަސްތީނުވަނީ މީގެ ކުރިންވެސް އެކުގައި އެއް މެޗު ކުޅެ، ދެ ޓީމުވެސްވަނީ 0 – 0 އިން ހަމަހަމަވެފައެވެ. މިރޭގެ މެޗުގައި ޖުމްލަ 93 މިނެޓު ކުޅެ، 0 ލަނޑު 3 ލަނޑުން ފަލަސްތީނުވަނީ ކާމިޔާބުކޮށްފައެވެ.

މި މެޗު ބައްލަވާލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޤައުމީ ފުޓުބޯޅަ ދަނޑަށް ވަޑައިގަތުމުން އެމަނިކުފާނުގެ އަރިހުގައި ފަލަސްތީނުގެ މިނިސްޓަރ-ޗެއަރމަން އޮފް ދަ ޕަލަސްޓީނިއަން ހަޔަރ ކައުންސިލް ފޯރ ޔޫތް އެންޑް ސްޕޯޓްސް ހިޒް އެކްސެލެންސީ ޖެނެރަލް ޖިބްރީލް ރަޖޫބްއާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް އަލްފާޟިލާ އިރުތިޝާމް އާދަމްއާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފްއާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙައްމަދު ޝައިނީއާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމްއާއި މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް ޢަބްދުﷲ ނާޡިމް އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.