ސިފައިންގެ އެންމެ މަތީ ވެރިޔާގެ ވާދައިގެ ތަށްޓަށް ބޭއްވެވި 12 ވަނަ ހެވިކަމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ކަމަށްޓަކައި މިރޭ ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި ބޭއްވެވި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އިސްތިޤްބާލުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އާދަމް ޝަރީފާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު ތިއްބެވިއެވެ.

ސިފައިންގެ އެންމެ މަތީ ވެރިޔާގެ ވާދައިގެ ތަށްޓަށް ބޭއްވެވި 12 ވަނަ ހެވިކަމުގެ މުބާރާތުގެ އެކި ބައިތަކުން 1 ވަނައަށް ހޮވުނު ފަރާތްތަކަށް ތަށްޓާއި ސެޓްފިކެޓް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

މި ރަސްމިއްޔާތުގައި، ހުރިހާ ސިފައިންގެ ފަރާތުން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާއަށް ޝަރަފުގެ ވެދުމެއް އެރުވިއެވެ. މި ވެދުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ.

ހެވިކަމުގެ މުބާރާތުން 1 ވަނަ ހޯދި ގެމައިގެ ހެވިކަން ދައްކާލުންވެސް މިރޭގެ ރަސްމިއްޔާތުގައި އޮތެވެ. އަދި އެމް.އެން.ޑީ.އެފް. ގެ ޑްރިލް ސްކޮޑްގެ ޑިސްޕްލޭއެއްވެސް ދައްކާލުން އޮތެވެ.