السّلام عليكم ورحمـة اللّـه.


މިއަދު އަޅުގަނޑު މި ޖަލްސާއަށް މި އައީ، 1983 އަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓު، ޤާނޫނު އަސާސީގައިވާ ގޮތުގެމަތިން ޑިޕާޓްމަންޓް އޮފް ފިނޭންސުން ނުވަތަ ފިނޭންސާބެހޭ ސަރުކާރުގެ ބައިން ހުށަހެޅުއްވުމާ ގުޅިގެން، މިބަޖެޓާ ބެހޭގޮތުން ކުރު ބަޔާނެއް މަޖިލީހުގެ މެންބަރުންނަށް އެރުވުމަށްޓަކައި. މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ހަނދުމަފުޅު ހުންނާނެފަދައިން، މިދިޔަ އަހަރުވެސް ބަޖެޓު ހުށަހެޅިއިރު އަޅުގަނޑު އައިސް މިފަދަ ބަޔާނެއް ދިނިން. މިއީ، މިގޮތުން ދެވޭ ދެވަނަ ބަޔާން ކަމުގައިވިޔަސް، ޙަޤީޤަތުގައި މި ބަޖެޓަކީ މިދައުރުގައި، އާދެ، އަޅުގަނޑު ސަރުކާރު ހިންގުމާ ހަވާލުވިފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ފަސްވަނަ އަހަރީ ބަޖެޓު.


އާދެ، އަޅުގަނޑު މަޖިލީހުގެ މެންބަރުންނަށް އަރުވަން ގަސްދުކުރާ ބަޔާނުގައި ވަރަށް ގިނަ އަދަދުތަކާއި އަދި 100އިން ޖެހޭ ނިސްބަތާއި، މިބާވަތުގެ މަޢުލޫމާތު ހުންނާނެތީ، ތައްޔާރުކޮށްފައި އޮތް ބަޔާނެއް ކިޔުމުން ފަސޭހެވާނެކަމަށް ފެންނާތީ އެގޮތަށް އަޅުގަނޑު ގަސްދުކުރަން. މިދައުރުގައި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ، އެންމެ އިސްކަން ދީފައިވަނީ މުޅި ރާއްޖޭގެ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރެވޭތޯ ވެވެންއޮތް ހުރިހާ މަސައްކަތެއް ކުރުމަށް. އެންމެ ކުޑަމިނުން ރައްޔިތުންނަށް ލިބެންޖެހޭ އާންމު ޚިދުމަތްތަކާއި، ފަސޭހަތަކަކީ، ވަކިވަކި މީސްމީހުންނަށް ކޮށްދެވޭވަރުގެ ކަމަކަށް ނުވާތީ، އެފަދަ ޚިދުމަތްތަކާއި ފަސޭހަތައް ތަނަވަސް ކޮށްދޭންޖެހެނީ ސަރުކާރުގެ ފަރާތުން.


ޤައުމުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ވަރަށް ގިނަ. ތަޢުލީމީ ރޮނގުންނާއި ޞިއްޙީ ރޮނގުން، އިޖުތިމާޢީ ރޮނގުންނާއި އިޤުތިޞާދީ ރޮނގުން، އަދިވެސް ދިރިއުޅުމުގެ އެތައް ރޮނގަކުން. އަޅުގަނޑުމެންފަދަ ރާއްޖެއެއް، ތަރައްޤީގެ މަގުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަކީ، އިންތިހާ ދަރަޖައިގެ އުނދަގޫ ކަމެއްކަން ޢިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށްވެސް އިހުސާސް ކުރެއްވޭނެ. 470 މޭލުގެ ދިގު ސިލްސިލާއެއްގެ ތެރޭގައި އެކި ދުރުމިނުގައި ހުރި ޖަޒީރާ ތަކެއްގައި މަދު މީސްކޮޅެއް އުޅެމުން ދިޔުމާއި، އަދި އެފަދަ ޖަޒީރާތަކުން ލިބެންހުރި ޤުދުރަތީ މުއްސަނދިކަން ކުޑަކަމާއި، މުއާޞަލާތުގެ ދަތިކަން، އެއީ އިޤުތިޞާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ރާއްޖެތެރެ ކުރިޔަށް ގެންދިއުމަށްޓަކައި އަޅާ ވަރަށްބޮޑު ހުރަސްތަކެއް. މި ހުރަސްތައް ކަޑައްތުކޮށް، އެކަށީގެންވާ ގޮތެއްގައި އަޅުގަނޑުމެންގެ ވަޠަނުގެ ދަރިންނަށް ދިރިއުޅުމުގެ އާދައިގެ ފެންވަރަކަށް ދެވޭނީވެސް ތަރައްޤީގެ ރަނގަޅު ޕުރޮގުރާމުތަކެއް ރޭވި، ހަރުދަނާ ޢަޒުމަކާއެކު މިންނެތް މަސައްކަތް ކުރެވިގެން. އަޅުގަނޑު ސަރުކާރު ހިންގުމާ ހަވާލުވީ މި މަތިވެރި ޢަޒުމުގައި. އާދެ، މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތާއި އަދި އަޅުގަނޑުމެންގެ ރަޙުމަތްތެރި ޤައުމުތަކާއި، ބައިނަލްއަޤުވާމީ ޖަމާޢަތްތަކުގެ އެހީއާވެސްއެކު، ދިވެހިރާއްޖެއަށް ތަރައްޤީގެ މަގުގައި އެހެން ޤައުމު ތަކެކޭވެސް އެއްގޮތްވާ ގޮތުގެމަތިން ކުރިޔަށް ދެވޭނެކަމުގެ ޔަގީންކަމާއެކު.


ޤާނޫނު އަސާސީގެ 59 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ވޭތުވެދިޔަ އަހަރު ސަރުކާރަށް ލިބުނު އެއްޗަކާއި ހަރަދުވި އެއްޗެއްގެ ހިސާބު އަދި ކުރިޔަށް އޮތް އަހަރުގެ ބަޖެޓު އެހެން އަހަރު އަހަރުވެސް ހުށަހެޅޭ އުސޫލުގެމަތިން މަޖިލީހަށް މިހާރުވަނީ ހުށަހެޅިފައި. އަދި ބަޖެޓާބެހޭ އިތުރު މަޢުލޫމާތުވެސް ޢިއްޒަތްތެރި މެންބަރުންނަށް މިހާރުވާނީ ލިބިވަޑައިގެންފައި. ސަރުކާރުގެ ބަޖެޓު އެއް އަހަރުން އަނެއް އަހަރަށް ބޮޑުވެގެންދިޔުން، އާންމު ގޮތެއްގައި ދައްކައިދެނީ، ތަރައްޤީގެ ރޮނގުގައި ޤައުމު ކުރިޔަށް ހިނގަމުންދާ މިންވަރު. ބަޖެޓާބެހޭ އިތުރު މަޢުލޫމާތުގެތެރޭގައި ވޭތުވެދިޔަ ދިހަ އަހަރުދުވަހު ސަރުކާރުގެ ބަޖެޓުން ހިނގި ހަރަދާއި، ލިބުނު އާމްދަނީގެ ޗާޓެއް، ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި މިހާރުވާނެ. އެއީ މި ޗާޓު. އެއަށް ކުޑަކޮށް ނަޒަރު ހިންގަވައިލައްވައިފިއްޔާ މި ވޭތުވެދިޔަ      11 އަހަރުދުވަހުގެތެރޭގައި ސަރުކާރަށް ލިބުނު އާމްދަނީއާއި، ސަރުކާރުން ކުރެވެމުންދިޔަ ހަރަދު ދިޔަގޮތުގެ ވަރަށް ސާފު މަޢުލޫމާތު ލިބިވަޑައިގަންނަވާނެ. މީގެތެރެއިން އަޅުގަނޑު ފާހަގަކޮށްލާހިތްއޮތީ ދެތިން އަހަރެއް. އެއް އަހަރަކީ، 1978 ވަނަ އަހަރު. އެ ޗާޓުން ދައްކާ ގޮތުގައި 1978 ވަނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 30 މިލިއަން. ދެން 1982ގައި ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީ. އާދެ، އެއީ މިއަހަރު. މިއަހަރުގެ ވަރަށް ބޮޑުބައި މިހާރުވަނީ ނިމިފައި. އެންމެފަހުގެ ހިސާބުތައް ނުލިބުނު ކަމުގައިވިޔަސް މިހާރު މި ލަފާކުރާވަރު އެއީ، ވަރަށް ކައިރި ކުރެވޭނެ ހިސާބެއް ކަމަށް ޔަގީންކުރެވޭ.


އާދެ، އެހިސާބުން ދައްކާގޮތުން މިއަހަރު، 1982 ވަނައަހަރު ދައުލަތަށް 127 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ. އެހެންވީމާ، 78 ވަނަ އަހަރު ލިބިފައިވަނީ 30 މިލިއަން. 82 ވަނަ އަހަރު 127 މިލިއަން ލިބޭނެކަމަށް ވަރަށްބޮޑަށް ޔަގީންކުރެވޭ. ވީމާ، ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް، ސަރުކާރަށް ލިބެމުންދާ އާމްދަނީ މިދިޔަ ހަތަރުއަހަރު ދުވަހުގެ ތެރޭގައި މައްޗަށް ގޮސްފައިވާ މިންވަރު ވިސްނިވަޑައިގަންނަވާނެ. 78 ވަނަ އަހަރުގެ ހަރަދަށް ބައްލަވާއިރު 78 ވަނަ އަހަރު 41 މިލިއަން ގާތްގަނޑަކަށް ހަރަދުވެފައި އެބައޮތް. އެއީ، އެ އަހަރު 30 މިލިއަން ލިބިގެން. އެހެންވީމާ، ލިބުނުވަރުގެ ތިންބައިކުޅައެއްބައި އިތުރަށް އޮތީ ހަރަދުވެފައި. 1982 އަށް ވިސްނާއިރު، ހަރަދު 128 މިލިއަން ވާނެކަމަށް ލަފާކުރެވެނީ. އެހެންވީމާ، އިތުރަށް 82 ވަނަ އަހަރު ހިނގާނެ ކަމަށްވަނީ، ލިބުނު އާމްދަނީއަށްވުރެ އެއް މިލިއަން. މީގެކުރީގެ ދެއަހަރަކަށް ބައްލަވާއިރު ލިބުނު އާމްދަނީ ހަރަދަށްވުރެ އިތުރުވެފައި އެބަހުރި. އާދެ، ސާރޕްލަސް ބަޖެޓު އެބަހުރި. 81 ވަނަ އަހަރު ލިބުނު އެއްޗެއް ހިނގި ހަރަދަށްވުރެ ގިނަ.     80 ވަނަ އަހަރުވެސް ލިބުނު އެއްޗެއް ހިނގި ހަރަދަށްވުރެ ގިނަ. އެހެންނަމަވެސް، 82 ގައި ކުޑަތަންކޮޅެއް ހިނގާ ހަރަދު މައްޗަށް ޖެހިދާނެ. ގާތްގަނޑަކަށް އެއްމިލިއަން، 127 މިލިޔަންގެ ތެރެއިން. އޭގެ މާނައަކީ، އެއްޕަސެންޓަށްވުރެވެސް ދަށް އަދަދެއް. 83 ވަނަ އަހަރަށް ލަފާކުރި ބަޖެޓާއި ލަފާކުރާ އާމްދަނީއަށް ވިސްނަވާއިރު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، 83 ވަނައަހަރަށް ލިބޭނެކަމަށް ލަފާކުރެވިފައި މިއޮތީ 138 މިލިޔަން. ހިނގާނެކަމަށް ލަފާކުރެވިފައިވަނީ 143 މިލިޔަން. އެހެންވީމާ، ހިނގާ ހަރަދު ލިބޭ އެއްޗަކަށްވުރެ 5 މިލިޔަން އިތުރުވާނެކަމަށް ދައްކާ. އެއީ، ޑެފިސިޓެއް. ވަރަށް ކުޑަކުޑަ ޑެފިސިޓެއް. އެއާބެހޭ ވާހަކަ އަދި ފަހުން އަޅުގަނޑުގެ މިބަޔާނުގައި ގެންނާނަން.


އާދެ، ދެން އަޅުގަނޑު ފާހަގަކޮށްލާ އަހަރަކީ، 1976. 1976 ވަނަ އަހަރު ދައުލަތަށް ލިބުނުކަމަށް ދައްކަނީ    17 މިލިއަން. އެއަހަރު ހިނގިކަމަށް ދައްކަނީ 36 މިލިއަން ހަރަދު. އެހެންވީމާ، ލިބުނު އެއްޗެއްގެ ދެގުނަ. ނުވަތަ ލިބުނު އެއްޗެއްގެ ދެގުނައަށް ވުރެވެސް ގިނައިން 76 ވަނަ އަހަރުވަނީ ހަރަދު ހިނގާފައި. އޭގެ ކުރީގެ ބައެއް އަހަރުތަކުގައި އެއާ އިދިކޮޅަށްވެސް އެބަހުރި. އެހެންވީމާ، އަޅުގަނޑަށް ލަފާކުރެވެނީ، އެއީ 71 ން ފެށިގެން ދެތިން އަހަރު ދުވަހުގެ ތެރޭގައި، ލިބުނު އެއްޗެއް ހިނގި ހަރަދަށްވުރެ ގިނަވެފައި އޮތުމާއެކު، 76 ގައި ހަރަދު ކުރާނެ ފައިސާ ކޮންމެވެސް ވަރަކަށް ހުރެގެން އެގޮތަށް ދިޔައީކަމަށް. އެހެންނަމަވެސް، އެ އަހަރަށް އެކަނި ވިސްނާއިރު އެއީ، ވަރަށް އެކަށީގެންނުވާ ބޮޑު ޑެފިސިޓެއް އޮތް އަހަރެއް ކަމުގައި ފާހަގަކުރެވޭ. އާދެ، 1981 ވަނަ އަހަރު ދައުލަތަށް ލިބުނު އެއްޗަކާއި، ވީ ހަރަދަށް ބަލާއިރު އޭގެ ކުރީ އަހަރަށްވުރެ ވަރަށް ބޮޑުތަން އިތުރުވެފައިވޭ.


1981 ވަނަ އަހަރުގެ މުޅި ޖުމުލަ ހަރަދުކަމުގައި ދައްކާ 81.6 މިލިއަން ރުފިޔާއަކީ، އޭގެ ކުރީ އަހަރަށްވުރެ  %44 ބޮޑު އަދަދެއް. ހަމައެފަދައިން، ލިބުނު އާމްދަނީވެސް އިތުރު. ލިބުނު އާމްދަނީއެއްކަމުގައި ދައްކަނީ   81.8 މިލިއަން ރުފިޔާ. އެއީ ކުރީ އަހަރަށްވުރެ %38 ބޮޑު އަދަދެއް. ބޭރުގެ އެހީއިންނާއި، ބޭރުގެ އެހީއިން ލިބުނު އެއްޗަކާއެކު، 1981 ގައި ލިބުނު އާމްދަނީ، އެއަހަރު ހިނގި ހަރަދަށްވުރެ -/209,206 ރުފިޔާ ގިނަކަމަށް ދައްކާ. 1981 ވަނަ އަހަރު ސަރުކާރަށް ލިބުނު އާމްދަނީގެތެރޭގައި އެއްތަނަކުން އެންމެގިނައިން ލިބިފައިވަނީ، ކަސްޓަމުން. 16.9 މިލިއަން ރުފިޔާ. އެއީ ޑިއުޓީއާއި ބަނދަރު ކުއްޔާއި، އެހެނިހެން ޚިދުމަތްތަކުން. އެއީ އެ އަހަރުގެ މުޅި ޖުމުލަ އާމްދަނީގެ 21 ޕަސެންޓު. އެސް.ޓީ.އޯ.ގެ ފައިދާއަށް 15.9 މިލިއަން ރުފިޔާ ލިބުނު. އެއީ، އެއަހަރުގެ އާމްދަނީގެ 19 ޕަސެންޓު. ޓޫރިޒަމުގެ ފައިދާއަށް ލިބިފައިވާނީ 6.5 މިލިއަން ރުފިޔާ. އެއީ އެ އަހަރުގެ އާމްދަނީގެ 8 ޕަސެންޓު. އަދި މޯލްޑިވްސް ޝިޕިންގ ލިމިޓެޑުން، ބޭރު ފައިސާއިން 5.9 މިލިއަން ރުފިޔާގެ ފައިސާ ލިބުނު. އެއީ ލިބުނު އާމްދަނީގެ 7.3 ޕަސެންޓު. ވޭތުވެދިޔައަހަރު މަސްވެރިކަމުގެ ފައިދާއިން ލިބިފައިވަނީ 3.3 މިލިއަން ރުފިޔާ. އެއީ ދައުލަތަށް ލިބުނު އާމްދަނީގެ 4 ޕަސެންޓު.


1981 ވަނަ އަހަރު ހިނގި ހަރަދަށް ބަލާއިރު، އެންމެ ބޮޑު ހަރަދު ހިނގާފައިވަނީ އިޖުތިމާޢީ ޚިދުމަތަށާއި، ވައިގެ ދަތުރުތަކާބެހޭ ބަޔަށާއި، އަމަން ޤާއިމު ކުރުމަށާއި، މަސްވެރިކަމުގެ ސަރަޙައްދު ރައްކާތެރިކޮށް ބެލެހެއްޓުމަށާއި، ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢާއި، ރާއްޖެތެރޭގެ ތަޢުލީމަށާއި، މާލޭފަޅުން ބިންހިއްކުމަށާއި، ޢިމާރާތްކުރުމަށް. މިދެންނެވި ބައިތަކުގެ 100 އަކުން ޖެހޭވަރު، އޭގެ ކުރީއަހަރާ ތަފާތުވީ ކަމުގައިވިޔަސް، މައިގަނޑު ހަރަދުތައް އެއްގޮތެއްގައި ހިނގާފައިވާކަން ފާހަގަކޮށްލެވޭ. މިހާރު ނިމިގެން މިދާ 1982 ވަނަ އަހަރު، ސަރުކާރުގެ ހަރަދާއި އަދި ލިބޭ އެއްޗަކަށް ބަލާއިރު މީގެކުރީގެ އަހަރުތަކަށްވުރެ މަތީ އަދަދުތަކެއް ދައްކާ. މި މަތިވާ މަތިވުމަކީ، ހަމައެކަނި ފައިސާގެ އަދަދުން ދައްކާ މަތިވުމެއްނޫން. މުދަލުގެ އަގު ބޮޑުވަމުންދާ ނިސްބަތަށް ވިސްނައި، ޙަޤީޤީ އަގަށް ބަލާއިރު ދައްކާ މަތިވުމެއް. ސަރުކާރުގެ ޖުމުލަ ހަރަދު 128 މިލިއަން ރުފިޔާއަށް އަރާނެކަމަށް ފެނޭ. އެއީ، އާންމު ބަޖެޓުގެ 93.9 މިލިއަން ރުފިޔާއަށް، ޚާއްޞަ ބަޖެޓުތަކާއި ބޭރުގެ އެހީއިން ހިނގާ ހަރަދުތައް ވެއްދުމުން ނުކުންނަ އަދަދު. މިއީ، 1981ވަނަ އަހަރުގެ ޖުމުލަ ހަރަދު. 81.6 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު %57.1 މަތީ އަދަދެއް. މީގެތެރޭގައި ތަރައްޤީގެ މަޝްރޫޢުތަކަށް ބޭރުގެ ފަރާތްތަކުން ދޭ ލޯނުން ހިނގާ ހަރަދުތައް ނުވަދޭ.


1982 ވަނައަހަރުގެ ހިސާބުތައް ދައްކާގޮތުން، އާމްދަނީގެގޮތުގައި 127 މިލިއަން ރުފިޔާ ލިބޭނެކަމަށް ފެނޭ. އެހެންކަމުން، 1982 ގެ ބަޖެޓު ހަރަދު މިއަހަރު ލިބޭ އާމްދަނީއަށްވުރެ ކުޑަ ތަންކޮޅެއް ބޮޑުވާނެކަމަށް ދައްކާ. ކުރިންވެސް އަޅުގަނޑު ދެންނެވިހެން، ގާތްގަނޑަކަށް އެއް މިލިއަން، ނުވަތަ %1 ނުވަތަ އެއަށްވުރެވެސް ދަށް އަދަދެއް. މިހިނގާ މާލީއަހަރު އަދި ނިމުމަކަށް ނާދޭ. 82 ވަނައަހަރުގެ ހިސާބުތައް މުޅިން ސާފުވާނީ އަދި ކުޑަދުވަސްކޮޅެއް ފަހުން. 1982 ވަނަ އަހަރަކީ، ދިވެހި ފައިސާގެ އަގަށާއި، ފައިސާގެ ބާޒާރަށް ވަރަށްބޮޑު ބަދަލުތަކެއް އައި އަހަރެއް. އެތަކެއް ޒަމާންވަންދެން އަގަށް ބަދަލެއް ނުގެނެސްއޮތް ދިވެހި ފައިސާއަށް ބޭރު ފައިސާގެ އަގުގެ ނިސްބަތުން މިއަހަރުގެތެރޭގައި ވަރަށްބޮޑު ބަދަލެއް ގެނެވުނީ، ރާއްޖޭގެ އިޤުތިޞާދިއްޔަތު ހަރުދަނާކޮށް ކުރިއަށް ގެންދިޔުމަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި.


މިދެންނެވި ބަދަލުގެ ސަބަބުން، ސަރުކާރަށް އާމްދަނީވެސް އިތުރުވެގެން ދިޔަ. މި ދިޔަ ޖަނަވަރީގެ 25 ވަނަ ދުވަހު، ދިވެހި ފައިސާގެ ރަސްމީ އަގެއް ކަމުގައި ކުރީގައި ހަމަޖެހިފައިއޮތް އެމެރިކާ ޑޮލަރަކަށް ޖެހޭ ދިވެހި ފައިސާ   3.93 ގެ ރޭޓު އުވައިލައި، އޭރުގެ ބާޒާރުގެ އަގެއް ކަމުގައިވާ ރޭޓު، އާދެ، އެމެރިކާ ޑޮލަރަކަށް 7.50 މިރޭޓު ކަމުގައި ހަމަޖެއްސުނު. މި އާ ރޭޓު ހަމަޖެއްސުމުން، ބޭރު ފައިސާއިން ލިބޭ އާމްދަނީ، އަންދާސީހިސާބުގައި ވަރަށް ބޮޑުތަން މައްޗަށްދޭ. ހަރަދުތައް މައްޗަށްދަނީ އެއަށްވުރެ ކުޑަ ނިސްބަތަކުން. މަޖިލިސްގެ ޢިއްޒަތްތެރި މެންބަރުން ހަނދުމަފުޅު ހުންނާނޭފަދައިން، މިގެނެވުނު ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ ބަޖެޓަށް ވަރަށްބޮޑު އެހެން ހަރަދެއް އިތުރުވެގެން ދިޔަ. ފައިސާގެ އަގަށް ގެނެވުނު ބަދަލާގުޅިގެން، ކާޑުގެ ތަކެތީގެއަގު ބޮޑުވެއްޖެނަމަ، އެއީ، ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވާ ވަރަށްބޮޑު ކުއްލި ބުރައަކަށް ވާނެތީ، ކާޑުގެ ތަކެތީގެ އަގު އެސް.ޓީ.އޯ. އިން ކުރީގެ އަގަށް ހެދުމުން ލިބޭ ގެއްލުން ބޮލުގައި އެޅީ ސަރުކާރުން. މިގޮތުން ސަބްސިޑީޒްގެ ނަމުގައި 1982 ވަނަ އަހަރުގެ ބަޖެޓަށް 25.9 މިލިއަން ރުފިޔާ އިތުރު ކުރެވުނު. 1982 ގައިވެސް ސަރުކާރަށް އެންމެ ގިނައިން އާމްދަނީ ވަންނަމުންދަނީ، އިމްޕޯޓު ޑިއުޓީންނާއި، ޓޫރިޒަމް ޓެކްސުންނާއި، އެސް.ޓީ.އޯ.ގެ ފައިދާއިންނާއި، މޯލްޑިވްސް ޝިޕިންގ ލިމިޓެޑުގެ ފަރާތުންދޭ ބޭރުގެ ފައިސާ އިންނާއި، ސަރުކާރުގެ ރިޒޯޓުތަކަށާއި، ޢިމާރާތްތަކަށް ލިބޭ އެއްޗަކުން.


1982 ވަނަ އަހަރުގެ ތެރޭގައި އ.ދ. މަޖިލިހާގުޅޭ ޖަމާޢަތްތަކުގެ އިތުރަށް ބައެއް ހެޔޮއެދޭ ޤައުމުތަކުން ލިބުނު އެހީ، ޝުކުރުވެރިކަމާއެކު ފާހަގަކޮށްލަންޖެހޭ. އޭގެތެރޭގައި، މިއަހަރުގެ ތެރޭގައި ފެތުރިގެންދިޔަ ބޭރަށްހިންގުމުގެ ރޯގާއަށްޓަކައި، ލީބިޔާއާއި އިންޑިއާ ފަދަ ޤައުމުތަކުންނާއި، ރެޑްބާނާ ފަދަ ޖަމާޢަތްތަކުން އެހީ ދީފައިވޭ. ޕްރައިމަރީ ސްކޫލެއް އެޅުމަށާއި، ތަޢުލީމީ އެހެން ކަންތައްތަކުގައި ލީބިޔާގެ އެހީ ލިބިފައިވޭ. ތަޢުލީމީ ކަންތައްތަކަށާއި، ތަރައްޤީއާބެހޭ މިނިސްޓްރީއަށް ކުވޭތު ފަންޑުން ފަންނީ އެހީ ލިބިފައިވޭ. ދިވެހިރާއްޖޭގެ އަޑަށް އޮސްޓްރޭލިޔާގެ އެހީ ލިބުނު. މާލޭ އިލެކްޓްރިސިޓީގެ މަޝްރޫޢަށާއި، މުދައްރިސުން ތަމްރީނު ކުރުމަށް އިނގިރޭސި ސަރުކާރުގެ އެހީ ލިބުނު. ތަކެތީގެ އެހީވެސް ބައެއް ޤައުމު ތަކުންނާއި އަދި ޔޫރަޕިއަން އިކޮނޮމިކް ކޮމިއުނިޓީގެ ފަރާތުން ލިބުނު. ރާއްޖޭގައި އިސްލާމީ މަރުކަޒެއް ބިނާކުރުމަށްޓަކައި ސަޢޫދީ ޢަރަބިޔާގެ ސަރުކާރުގެ ފަރާތުން 2 މިލިއަން ޑޮލަރުގެ ދީލަތި އެހީއެއް މިއަހަރު ލިބިފައިވާކަން އަޅުގަނޑު މިފާހަގަކޮށްލަނީ ޚާއްޞަ އުފަލަކާއެކީ.


1982 ވަނަ އަހަރުގެ އެންމެބޮޑު ހަރަދެއް ކަމުގައިވަނީ ކާޑުގެ ތަކެތި އަގުހެޔޮ ކުރުމަށްޓަކައި ސަރުކާރުން ލައިދޭންޖެހޭބައި. އާދެ، އެއީ ކުރިންވެސް ދެންނެވި ފަދައިން، ސަބްސިޑީޒް. މިއީ އާންމު ބަޖެޓުގެ 27.5 ޕަސެންޓު. ގާތްގަނޑަކަށް ބަޖެޓުގެ ތިންބައިކުޅައެއްބައޭވެސް ދެންނެވިދާނެ. އެހެން ބޮޑެތި ހަރަދު ހިނގަމުންދަނީ ވައިގެ ބަނދަރު ބަލަހައްޓައި ހިންގުމަށާއި، އެކަމާ ގުޅޭ ލޯނުގެ ޚިދުމަތާއި، ލޯނުގެފައިސާ އަނބުރާ ދެއްކުމަށް. ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށާއި، އަމަން ޤާއިމުކުރުމަށް. ތަޢުލީމަށާއި، ޞިއްޙަތަށާއި، އިޖުތިމާޢީ އެހެން ހަރަދުތަކަށް. އަދި ޢިމާރާތް ކުރުމަށާއި، ސަރުކާރު ހިންގުމުގެ ހަރަދުތަކަށް. ބައިނަލްއަޤްވާމީ އިޤުތިޞާދިއްޔަތަށް ބަލާއިރު   1982 ވަނަ އަހަރަކީ، މާ ރަނގަޅު އަހަރެއް ނޫން. އަހަރުގެ ބޮޑުބައިގައި ގިނަ ޤައުމުތަކުގައި މުދަލުގެ އަގު ދިޔައީ މައްޗަށް. އަނެއްކޮޅުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި އުފައްދާތަކެތީގެ އަގުދަށްވުމުގެ ސަބަބުން، އެޤައުމުތަކަށްވެސް ބޮޑެތި އިޤުތިޞާދީ ދަތިތަކެއް މެދުވެރިވަމުން އެބަދޭ. މިދަތިތަކުގެ އިތުރަށް ކުރިއަރައިފައިވާ ޞަނާޢީ ޤައުމުތަކުން އެތަންތާނގެ ޞަނާޢީ އުފެއްދުންތެރިކަން ރައްކާތެރި ކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކެއްގެ ސަބަބުން އިތުރު ގެއްލުން ކުދިކުދި ޤައުމުތަކަށް މިހާރު ލިބެމުން އެބަދޭ.


ދިވެހިރާއްޖެއަކީ، ކުޑަކުޑަ ޤައުމަކަށްވުމުން ރާއްޖެއަށް މާބޮޑު ކުއްލި އަސަރެއް ނުކުރި ކަމުގައިވިޔަސް، މިދެންނެވި ކަންތައްތަކުގެ ސަބަބުން ލިބޭނޭ ދަތިތަކުން ސަލާމަތް ވެވޭނެއެކޭ ދެންނެވޭކަށްނެތް. ދިވެހިރާއްޖޭގެ އިޤުތިޞާދިއްޔަތަށް 1982 ގައި އައި ބަދަލަށް ވިސްނާއިރު ރާއްޖޭގެ އިޤުތިޞާދީ ދަނޑުތަކުގެ ތެރެއިން އެއް ދަނޑެއްގައި، މިއަހަރަކީ، މާރަނގަޅު އަހަރެއް ނޫންކަމަށް ފެނޭ. އަޅުގަނޑުމެންގެ ރާއްޖެއިން އެކްސްޕޯޓްކުރާ އެންމެ މުހިންމު ބާވަތްކަމުގައިވާ މަސްވެރިކަން ވަނީ ދަށަށް ޖެހިލައިފައި. މުޅި އަހަރުގެ އެންމެފަހު އަދަދުތައް އަދި ނުލިބުނު ކަމުގައިވިޔަސް، އަދި ލިބިފައިނެތް ކަމުގައިވިޔަސް ލަފާކުރެވޭ ގޮތުގައި 1982 ވަނަ އަހަރު، ބޭރުކުރުމަށް ގަނެވޭ ރޯމަސް 1981 ގައި ބޭރުކުރެވުނު މަހަށްވުރެ މަދުވާނެ. ހަމަ އެއާއެކު ބޭރުކުރެވޭ މަހަށް ލިބޭ އަގުވެސް މިއަހަރު ވަރަށް ބޮޑުތަން ދަށްވެގެން ހިނގައްޖެ. 1982 ވަނަ އަހަރު ރާއްޖެއިން ބޭރުކުރެވުނު މުދަލުގެ އަދަދު ދަށަށް ދިޔަޔަސް، އަމިއްލަ ފަރާތްތަކުންނާއި، ސަރުކާރުން މިއަހަރުގެ ތެރޭގައި އެތެރެކުރި އަދަދު މާގިނަ.


ނަތީޖާއެއްގެ ގޮތުން ބެލެންސް އޮފް ޕޭމަންޓްސް މިހާރު ދައްކަނީ ރާއްޖެއަށް ރަނގަޅު ގޮތަކަށްނޫން. ބައިނަލްއަޤްވާމީ ގޮތުން، ކޮމަންވެލްތާއި، ދިވެހިރާއްޖެ ގުޅުނުކަން އެއީ، އިޤުތިޞާދީ ގޮތުން ރާއްޖެއަށް ފައިދާ ކޮށްދޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ބޭރުގެ ފަންނީ އެހީއަށް މަގުފަހި ކުރުމަކީ، ކޮމަންވެލްތު ފޮރ ޓެކްނިކަލް ކޯޕަރޭޝަންގެ ދަށުން އުންމީދުކުރެވޭ އެއް ކަންތައް. މިއަހަރުގެ ތެރޭގައި ދިވެހި ސަރުކާރާއި، ބޭރު ޤައުމެއްގެ ކުންފުންޏަކާ ގުޅިގެން ބެންކެއް ހުޅުވުނުކަން ފާހަގަކޮށްލަންޖެހޭ. އާދެ، އެއީ ބޭންކު އޮފް މޯލްޑިވްސް. މި ބެންކުގެ އަސާސީ ގަވާއިދު ތަންދޭ ގޮތުގެމަތިން ޤައުމުގެ އިޤުތިޞާދީ އަދި މާލީ ކަންތައްތައް ތަރައްޤީ ކުރުމުގެ މައިދާނުގައި މި ބެންކު ހަރަކާތްތެރިވަމުން ދާނެކަމަށް އަޅުގަނޑު އުންމީދުކުރަން.


ދެން އަޅުގަނޑު އެއްޗެއް ދަންނަވައިލާނީ، މިހާރު ޢިއްޒަތްތެރި މެންބަރުންގެ ކުރިފުޅުމައްޗަށް ހުށަހެޅިފައިވާ، އަންނަ އަހަރުގެ، އާދެ، 1983 ވަނަ އަހަރުގެ އަންދާޒާ ބަޖެޓާ ދޭތެރޭގައި. 1983 ވަނަ އަހަރަށް ލަފާކުރި ބަޖެޓުގެ ހަރަދުގެ ޖުމުލައަކީ، ދެންމެ ތިޔަ ބޭފުޅުން ތިޔަ އެއްސެވި ފަދައިން، 113,915,165 ރުފިޔާ. މިއީ، މިހިނގާ އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ހަރަދަށްވުރެ %21 ގިނަ އަދަދެއް. އާދެ، 1981 ވަނައަހަރަށް ލަފާކުރި ބަޖެޓަށްވުރެ 1982 ވަނަ އަހަރަށް ލަފާކުރި ބަޖެޓު %94.9 އިތުރުވެފައިވާކަން ހަނދުމަފުޅު ކޮށްލެއްވުމުން، މިފަހަރު މިއިތުރުވާވަރު އެއީ، ވަރަށް ކުޑަކުޑަ އަދަދެއްކަން ފާހަގަކޮށްލެވޭނެ. ކުރީއަހަރު އިތުރުވެފައިވަނީ ގާތްގަނޑަކަށް   95 ޕަސެންޓު. އެއީ ރިވައިޒްކުރި ބަޖެޓާއެކު. މިއަހަރު މިއިތުރުވަނީ 21 ޕަސެންޓު. އެހެންވީމާ، މިއަހަރު އިތުރުވާވަރު، ކުރީ އަހަރަށްވުރެ ވަރަށްބޮޑުތަން ކުޑަ. 1983 ވަނަ އަހަރުގެ ބަޖެޓު ހަރަދު ބެހިފައިވާ މައިގަނޑު ބައިތަކާއި، އެބައިތަކަށް ސަތޭކައަކުންޖެހޭ އަދަދުތައް ތިޔަ ބޭފުޅުންގެ އަތްޕުޅުގައިވާ އެހެން ލިސްޓަކުން ފެނިވަޑައިގަންނަވަން އޮންނާނެ. އާދެ، އެއީ، އެ ލިސްޓުގައި 1981 ގައި ހިނގި ހަރަދާއި 83 އަށް ލަފާކުރާ ބަޖެޓުހިސާބު އެއިން ވަރަށް ތަފުސީލު، ރިކަރެންޓް ހަރަދަށްވާ ބަޔާއި، ކެޕިޓަލަށްވާ ބަޔާއި، އަދި ރިކަރެންޓް ހަރަދުގެ ބައިތަކާއި، ކެޕިޓަލް ހަރަދުގެ ބައިތަކާ ވަރަށް ތަފުސީލުކޮށް ކޮންމެ ބަޔަކަށްޖެހޭ، ސަތޭކައިން ޖެހޭވަރާއެކުގައި، މިލިސްޓުގައި ތިޔަ ބޭފުޅުންގެ އަތްޕުޅުގައި މިހާރު އޮންނާނެ. އެހެންވީމާ، އެ އަދަދުތައް ދެންނެވުމަކީ، ކޮންމެހެން ބޭނުންކަމެއް ކަމުގައި އަޅުގަނޑު ނުދެކެން. އަދި މި ހަރަދުތައް ސަރުކާރުގެ އޮފީސްތަކަށް ވަކިވަކިން ހަމަޖެހިފައިވާ ގޮތްވެސް މިހާރު އޮންނާނީ، ތިޔަބޭފުޅުންނަށް ލިބިވަޑައިގެންފައި.


އެހެންވީމާ، އެލިޔުން ބައްލަވައިލެއްވީމާ، އެކިއެކި އޮފީސްތަކަށް މި ހަރަދުތައް ބެހިފައިވާގޮތް ފިލާވަޑައިގަންނަވަން އޮންނާނެ. 1981 ގައި ހިނގި ހަރަދުވެސް ސަތޭކައަކުން ޖެހޭވަރާއެކު ވަކިވަކިން ދައްކައިދޭގޮތަށް، އަދި     1981 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީގެ ޖުމުލަ ހިސާބުވެސް ތަފުސީލުކޮށް ތިޔަ ބޭފުޅުންނަށް ލިބިވަޑައިގެންފައިވާނެ. ހަމައެފަދައިން، އަޅުގަނޑު ކުރިންވެސް ދެންނެވިހެން، 1971 ވަނަ އަހަރުން ފެށިގެން 1981 އަށް ވޭތުވެދިޔަ 11 އަހަރު ދުވަހުގެތެރޭގައި ދައުލަތަށް ލިބުނު އާމްދަނީއާއި ކުރެވުނު ހަރަދު އަދި މި ހިނގާ އަހަރާއި ކުރިޔަށް އޮތް އަހަރަށް ލަފާކުރި އާމްދަނީއާއި ހަރަދު ދައްކައިދޭ ޗާޓެއްވެސް ތިޔަބޭފުޅުންގެ އަތްޕުޅުމަތީގައި މިހާރު އޮންނާނެ. މީގެ އިތުރުންވެސް ބަޖެޓާބެހޭ ގޮތުން، އިތުރަށް ބޭނުންފުޅުވާ މަޢުލޫމާތު، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ޑިރެކްޓަރ އަލްފާޟިލް އިސްމާޢީލް ފަތުޙީ ދެއްވާގޮތަށް ވަނީ ހަމަޖެހިފައި.


1983 ވަނަ އަހަރަށް ހުށަހަޅާ އާންމު ބަޖެޓު ހަރަދުގައި އެންމެމަތީ އަދަދެއް ލަފާކޮށްފައިވަނީ އިޖުތިމާޢީ ޚިދުމަތަށް. އެއީ، 14 ޕަސެންޓު. ދެން އެންމެ މަތީ އަދަދެއް ހިނގާނެ ކަމަށް ލަފާކުރެވެނީ، ތަޢުލީމަށް. ތަޢުލީމަކީ، ފެށުނީއްސުރެ މި ދައުރުގައި އެންމެ ބޮޑު އަހަންމިއްޔަތެއް ދޭ ކަންތައް ކަމުގައިވާތީ، މިފަހަރުގެ ބަޖެޓުގައިވެސް ހަމަ މިދިޔަ އަހަރެކޭވެސް އެއްފަދައިން، ވަރަށް މަތީއަދަދެއް ކަނޑައެޅިފައިވޭ، ބަޖެޓުގެ 13.7 ޕަސެންޓު. މިހުސްވި އަހަރެކޭ އެއްފަދައިން، މިއަހަރުވެސް ދެން އެންމެ މަތީ ހަރަދެއް ލަފާ ކުރެވިފައިވަނީ، ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދު ރައްކާތެރިކޮށް ބެލެހެއްޓުމަށާއި، އަމަން ޤާއިމު ކުރުމުގެމައްޗަށް. އެއީ، ބަޖެޓު ހަރަދުގެ 9.5 ޕަސެންޓު. އަންނަ އަހަރުގެ ބަޖެޓުގައި ޞިއްޙަތަށް ކަނޑައެޅިފައިވަނީ، 5.3 ޕަސެންޓު. މަސްވެރިކަމަށް 1.9 ޕަސެންޓު. މަސްވެރިކަމަށް ކަނޑައެޅިފައިވާ އަދަދު ކުޑަކޮށް އެ ދައްކާ ސަބަބަކީ، މަސްވެރިކަމާބެހޭ ގިނަ މަޝްރޫޢުތައް ހިނގަމުން މިދަނީ ބޭރުގެ އެހީއިން ކަމަށްވާތީ. އެއީ، ބަޖެޓު ހަރަދެއްކަމުގައި ހިމެނިފައިނުވަނީ. ތިޔަ ބޭފުޅުންނަށް މިދަންނަވާ، ސަތޭކައިންޖެހޭ ނިސްބަތްތައްވެސް މިހާރު ލިބިވަޑައިގެންފައިވާނެ. އެއީ، 1980 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީގެ ޖުމުލަ ހިސާބު. މިލިސްޓުގައި އެކިއެކި ބައިބައިން ލިބިފައިވާވަރު ފެނިވަޑައިގަންނަވަން އޮންނާނެ. ގާތްގަނޑަކަށް 2/1 12 އާމްދަނީގެ ގޮތުގައި ލިބުނު.


އޭގެތެރެއިން އެންމެގިނަ، ބޮޑު އާމްދަނީ ލިބިފައިވާކަމަށް ދައްކަނީ ސަރުކާރުގެ ވިޔަފާރިއާއި، އާންމު ޚިދުމަތާއި، ބޭރު ތަންތަނުން ލިބުނު 30 ޕަސެންޓު. އޭގެ ފަހުގައި ޑިއުޓީއަށް ލިބުނު 19 ޕަސެންޓު. ދެން އެކިއެކި ފީ އާއި ޗާޖަށް ލިބުނު 8.79 ޕަސެންޓު. ޓޫރިޒަމް ޓެކްސާއި، ޓޫރިޒަމް ހަރަދުތަކުން ލިބުނު 7.89 ޕަސެންޓު. މޯލްޑިވްސް ޝިޕިންގ ލިމިޓެޑުން ލިބުނު 7.33 ޕަސެންޓު. އެހެނިހެން އާމްދަނީގެގޮތުން ލިބުނު 7.38 ޕަސެންޓު. މިހެންގޮސް ހުރިހާ އެއްޗެއް މިދެންނެވި ޝީޓުން ފިލާވަޑައިގަންނަވަން އޮންނާނެ. އެއިން ފެނިވަޑައިގަންނަވާ ގޮތުގައި، ބޭރުގެ އެހީގެގޮތުގައި 81 ވަނަ އަހަރު ލިބުނު ޖުމުލަ ފައިސާއަކީ، 8,329,345 ކަމުގައި ފެނިވަޑައިގަންނަވާނެ. އެއީ، ދައުލަތަށް ލިބުނު އާމްދަނީގެ 10.18 ޕަސެންޓު. ހަމައެފަދައިން، އެލިބުނު ފައިސާ އެލިބުނު ފަރާތްތައް ވަކިވަކިން އެނގިވަޑައިގަންނަވާނެ ޝީޓެއްވެސް، އެހެން ކަރުދާހެއް، ތިޔަ ބޭފުޅުންގެ އަތްޕުޅުމަތީގައި މިހާރު އޮންނާނެ. އޭގައި އެދައްކަނީ، ބޭރުގެ އެކިއެކި ފަރާތްފަރާތުން ލިބުނު ފައިސާ. 1981 ވަނަ އަހަރު އެހީ ލިބުނު ގޮތް. ހަމައެކަނި ފައިސާއެއް ނޫން. ކާޑުގެ ތަކެތިވެސް އޭގައި ހިމެނޭ ގޮތަށް. ބައެއް ފަރާތްތަކުން ކާޑުގެ އެހީ ލިބިފައިވާތީ. ކުވޭތު ސަރުކާރުން ޚާއްޞަކޮށް. އެބައިވެސް ހަމަ ތަފުސީލުކޮށް ލިބުނުވަރު އެނގިވަޑައިގަންނަވާނެ. ހަނޑޫ، ހަކުރު، ފުށް، ސައިފަތް، ހުރިހާ އެއްޗެއް ވަކިން.


ލީބިޔާ ސަރުކާރުން ލިބުނު އެހީ، 2 މިލިއަން 2.8 މިލިއަން ކަމަށް ދައްކާ. ޢިރާޤު ސަރުކާރުން 421 ހާސް. ކުވޭތު ސަރުކާރުން 2.7 މިލިއަން. އިސްލާމިކް ސޮލިޑެރިޓީ ފަންޑުން 235 ހާސް. އޮސްޓްރޭލިއާ ސަރުކާރުން 796 ހާސް. އިނގިރޭސި ވިލާތުން 1102/50 . ކޮރެޔާ ސަރުކާރުން އެއްލައްކަ (އެއް ސަތޭކަ ހާސް). ޖަޕާނުގެ ގުރޫޕް އެސޯސިއޭޝަނުން 6793 . ދެން އެހީ ދިން ބައެއް ޖަމާޢަތްތައް، ޑަބްލިޔޫ.އެޗް.އޯ. 175 ހާސް. ޔޫ.އެން.ޑީ.ޕީ. 515 ހާސް. ޔުނިސެފް 448 ހާސް. ޔުނެސްކޯ 101 ހާސް. އެފް.އޭ.އޯ. 12 ހާސް. ދެން ސަޢޫދީ ސަރުކާރުގެ ވަކި އެހީއެއްގެ ގޮތުގައި 3,896/98 ވެސް އެބައޮތް. ދެން ތަކެތީގެ އަގަށްވާވަރާއި، ދިވެހި ފައިސާއިން ޖެހޭވަރާއި ބޭރުފައިސާއިން ޖެހޭވަރާއި ޖުމުލަ، ކުރިން ދެންނެވިހެން 8 މިލިއަން ކޮންމެވެސް ވަރެއްގެ އެހީ މި ހުރިހާ ފަރާތްތަކުން ލިބިފައިވޭ.


މި ދެންނެވި އާންމު ބަޖެޓުގެ ހަރަދުތަކުގެ އިތުރަށް ކުރީއްސުރެ ރައްޔިތުންގެ މަޖިލީހުން ފާސް ކުރައްވައިފައިވާ ސެޓެލައިޓް ކޮމިޔުނިކޭޝަން އާރތު ސްޓޭޝަން ހެދުމުގެ ޚާއްޞަ ބަޖެޓާއި، ހުޅުލޭ އެއަރޕޯޓް ހެދުމުގެ ޚާއްޞަ ބަޖެޓުން 19.5 މިލިއަން ރުފިޔާ މި އަންނަ އަހަރު ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ. މީގެ އިތުރަށް ބޭރުގެ އެހީއިންވެސް 13 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އަންދާޒާ ކުރެވޭ. ކުރީ އަހަރާ ޚިލާފަށް 1983 ގައި މާލޭފަޅުން ބިން ހިއްކުމާބެހޭ ހަރަދާއި، ރާއްޖެތެރެ ތަރައްޤީ ކުރުމާބެހޭ ހަރަދު ވައްދައިފައިވާނީ، އާންމު ބަޖެޓުގެ ތެރެއަށް. ތިޔަ ބޭފުޅުންގެ އަތްޕުޅުގައިއޮތް އެހެން ކަރުދާހަކުން އެބައި ފެނިވަޑައިގަންނަވަން އޮންނާނެ. އެއީ، ބަޖެޓު އެސްޓިމޭޓު. އެކި ބައިބަޔަށް ހަރަދު ކުރެވޭގޮތުގެ ޖުމުލަ ހިސާބު. މީގައި ލިޔެފައިހުރި ނޯޓުތަކުގެ ތެރެއިން އެއް ނޯޓެއްގައި އޮންނާނެ. އެއީ، ނޯޓުގެ 3 ވަނަ ނަންބަރުގައި މިއޮންނަނީ، ރާއްޖެތެރެ ތަރައްޤީ ކުރުމާބެހޭ ޕުރޮޖެކްޓުގެ ޚާއްޞަ ބަޖެޓުން 1981 ގައި ހަރަދު ކުރެވިފައިވާ 3.6 މިލިއަން ރުފިޔާއާއި، 1983 އަށް ކަނޑައެޅިފައިވާ 6.4 މިލިއަން ރުފިޔާގެ ހަރަދުތައް ވަނީ، ބައިކުރެވިފައިވާ ބައިތަކަށް ވަދެފައި. އެއީ، ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގައި ތަފާތު ކަންތައްތަކެއް އެބަހުރި. މިސާލަކަށް މިސްކިތްތައް ޢިމާރާތް ކުރުން. ބައެއް މިސްކިތް މަރާމާތުކުރުން. މިބައި އޮންނާނީ، ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއަރޒްގެ ބަޖެޓުގެ ތެރެއަށް ވަދެފައި.


ތަޢުލީމާބެހޭ ކަންތައްތައް، ރާއްޖެތެރޭގެ. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ހަރަދުން ހިންގޭ ސްކޫލެއް އެބަހުރި. އެ ސްކޫލެއް ހިންގުމުގެ ހަރަދު އޮންނާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ބަޖެޓުގެ ތެރެއަށް ވަދެފައި. އަތޮޅު އޮފީސްތަކާއި ރަށްރަށުގެ އޮފީސްތައް އެޅުމާއި، މަރާމާތު ކުރުމާއި، އެތަންތަނަށް ހިނގާ ހަރަދު އޮންނާނީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުގެ ބަޖެޓުގެތެރެއަށް ވަދެފައި. އެހެންވީމާ، މިހާރު ވަކިބަޖެޓެއްގެ ގޮތުގައި އެ ފެންނަން ނެތީ. ދެން މާލޭފަޅުން ބިން ހިއްކުމަށް މިއަންނަ އަހަރަށް ކަނޑައެޅިފައިވާ 5 މިލިއަން،   އެ އޮންނާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރުގެ ބަޖެޓުގެ ތެރެއަށް ވަދެފައި. 1983 ވަނަ އަހަރުގެ ބަޖެޓު ހަރަދުވާނެކަމަށް ލަފާކޮށްފައި އެވަނީ، މިހާރު ފެށްޓިފައިވާ ކަންތައްތަކަށް ހުއްޓުމެއް ނާރައި، ތަރައްޤީގެ މަޝްރޫޢުތަކައިގެން ކުރިޔަށް ދެވޭނެ އެންމެ ކުޑަ ހަރަދެއް އަންދާޒާ ކޮށްގެން. ސަރުކާރުގެ އޮފީސްތަކުން ފޮނުއްވައިފައިވާ ބަޖެޓުތަކަށް ބަލައި އުނިކުރެވެން ހުރި ބައިތައް އުނިކޮށްގެން. ނަމަވެސް، މުޅި ބަޖެޓުގެ ޖުމުލަ، ހިނގާ އަހަރު ލަފާކޮށްފައިވާ މުޅި ޖުމުލައަށްވުރެ %11.5 ބޮޑު.


އާދެ، އަންނަ އަހަރަށް ހިނގާނެކަމަށް ލަފާކުރި 143 މިލިއަން ރުފިޔާ ކެނޑީމާ، 14.4 މިލިއަން ރުފިޔާގެ ޑެފިސިޓެއް ދައްކާ. އެއީ، އަދި ފުރަތަމަ ދައްކާ ޑެފިސިޓެއް. މި ޝީޓުން އެ ފެނިވަޑައިގަންނަވާކަށް ނޯންނާނެ. 14.4 މިލިއަން ރުފިޔާގެ ޑެފިސިޓެއް ދައްކާ. އެހެންކަމުން، މި ޑެފިސިޓް ކުޑަކުރުމަށްޓަކައި އިތުރު އާމްދަނީ ލިބޭނެ ގޮތްތައް ހޯދުމަކީ، ކޮންމެހެން ބޭނުންކަމެއް ކަމުގައިވޭ. މިގޮތުން އިތުރަށް އަޅަންފެންނަ ފިޔަވަޅުތަކާމެދު މިހާރު ސަރުކާރުން ގެންދަނީ ވިސްނަމުން. ލަފާކުރެވޭ ގޮތުގައި 1983 ވަނަ އަހަރުގައި އެޅޭ ބައެއް އިތުރު ފިޔަވަޅުތަކުން ގާތްގަނޑަކަށް 9.4 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ. މި 9.4 މިލިއަން ރުފިޔާ ކުރީގައި ދެންނެވި، 14.4 މިލިއަން ރުފިޔާގެ ޑެފިސިޓުގެތެރެއިން ކަނޑާލީމާ، ބާކީ އޮންނާނީ ގާތްގަނޑަކަށް 5 މިލިއަން ރުފިޔާގެ ޑެފިސިޓެއް. ސަރުކާރުގެ ބަޖެޓު، ތިޔަ ޢިއްޒަތްތެރި މަޖިލީހަށް ހުށަހަޅާއިރު، ސަރުކާރުގެ އާންމު ބަޖެޓުގެ އިތުރަށް ޚާއްޞަ ބަޖެޓުތަކުންނާއި، ބޭރުގެ އެކިއެކި ފަރާތްތަކުން ނެގޭ ލޯނުތަކުން ތަރައްޤީގެ މަޝްރޫޢުތަކަށް ހަރަދު ކުރެވެމުންދާ ވާހަކަ މީގެކުރިން ވާނީ ދެންނެވިފައި.


ސަރުކާރުން ނަގައިފައިވާ ލޯނުގެ ހިސާބު މިދިޔަ އަހަރު އަޅުގަނޑު ދެންނެވިން. އޭރު ނެގިފައިވަނީ 26.4 މިލިއަން ޔޫ.އެސް.ޑޮލަރުގެ ލޯނު. އެއީ، އެންމެ ބޮޑަށް އެއަރޕޯޓު ހެދުމަށާއި، ބެލެންސް އޮފް ޕޭމަންޓްސް ރަނގަޅު ކުރުމަށާއި، މަސްވެރިކަން ކުރިއެރުވުމަށާއި، ޓެލެކޮމިޔުނިކޭޝަންސް އަށާއި، އަދި މަތިންދާބޯޓެއް ގަތުމަށް ނެގުނުލޯނު. މިހިނގާ އަހަރުގެތެރޭގައި މިހާރު މި ދަންނަވާ އަދަދަށް ލޯނު ނެގިފައި އެބަހުރި. އެއަރޕޯޓު ހެދުމަށް 0.315 މިލިއަން ޑޮލަރު. މަސްވެރިކަން ކުރިއެރުވުމަށް 1.648 މިލިއަން ޑޮލަރު. ބެލެންސް އޮފް ޕޭމަންޓްސް އަށް 0.820 މިލިއަން ޑޮލަރު. ރާއްޖެތެރޭގެ ދަތުރުފަތުރާބެހޭ މަޝްރޫޢަށް 0.024 މިލިއަން ޑޮލަރު. ޖުމުލަ 2.807 މިލިއަން ޑޮލަރު. އާދެ، މިއީ، ނެގިފައިހުރި، ކުރިންވެސް ހަމަޖެހިގެން ހިނގަމުން އަންނަ ލޯނުތަކުން މިއަހަރުގެ ތެރޭގައި ނެގުނު ފައިސާ. އޭގެ މާނައަކީ، އާ ލޯނުތަކެއް ހަމަޖެހުނީއަކީ ނޫން. ކުރިންވެސް އެއަރޕޯޓަށާއި، ބެލެންސް އޮފް ޕޭމަންޓްސް އަށާއި، އަދިވެސް ރާއްޖެތެރޭގެ ދަތުރުފަތުރާބެހޭ މަޝްރޫޢަށާއި، ކުރިން ހަމަޖެހިގެން ހިނގަމުން އަންނަ ލޯނުތަކުން މި އަހަރުގެ ތެރޭގައި ބޭނުން ކުރެވުނު އަދަދުތައް. މި ލޯނުތަކަކީ، ވަރަށް ކުޑަ ޚިދުމަތުގެއަގެއް ނަގާގޮތަށް އާންމުކޮށް ދިގު މުއްދަތެއްގެތެރޭގައި އަނބުރާ ދައްކާ ގޮތަށް ނެގިފައިވާ ލޯނު. މިހާރު މި ގެންދަނީ ލޯނުތަކުގެ ޚިދުމަތުގެ އަގާއި، ލޯނުތަކުގެ ފައިސާއިން އަނބުރާ ދައްކަންޖެހޭ ފައިސާ އަނބުރާ ދައްކަމުން.


އާދެ، މިހާތަނަށް ޚިދުމަތުގެ އަގު ދެއްކުމުގައިވެސް، އަދި ލޯނުގެ ފައިސާ އަނބުރާ ދެއްކުމުގައިވެސް ދިވެހި ސަރުކާރުން އެންމެ ދުވަހެއްވެސް ލަސްވެފައި ނުވާކަން އުފަލާއެކު އަޅުގަނޑު ފާހަގަކޮށްލަން. ބޭރުގެ ލޯނު ދޫކުރާ ބައެއް ފަރާތްތަކުން މި ވާހަކަ އަޅުގަނޑުމެންނަށް އަންގައިފައިވެސް އެބައޮތް. އެފަރާތްތަކަކީ، ތަރައްޤީވަމުން އަންނަ، ވަރަށް ގިނަ ޤައުމުތަކަށް ލޯނު ދޫކުރާ ފަރާތްތަކެއް. އެމީހުން ބުނާ ގޮތުގައި ދިވެހިރާއްޖެއިންހާ ބަރާބަރަށް       އެ ދައްކަން އޮންނަ ދުވަހަށް ޚިދުމަތުގެ އަގާއި، އަދި ލޯނުންވެސް އަނބުރާ ދައްކަންޖެހޭ ފައިސާ ދައްކާ، އެހެން ޤައުމެއް އެ މީހުންނަށް ފާހަގަ ކުރެވިފައެއް ނެތް. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ މުސްތަޤުބަލުގައިވެސް ހަމަ މިގޮތަށް ކަންތައްތައް ހިނގަމުންދާނެކަމަށް. ފަހަރެއްގައިވެސް ރާއްޖެއަށް އެއްވެސް ކަހަލަ ހުތުރުނަމެއް ނުލިބޭގޮތަށް އަދި ރާއްޖޭގެ ރައްޔިތުންނަށްވެސް އެއްވެސް ބުރައެއް މެދުވެރިނުވާ ގޮތަށް، މި ނަގާ ލޯނުތަކަށް ދައްކަންޖެހޭ ޚިދުމަތުގެ އަގާއި އަދި ލޯނުތަކުގެ ފައިސާއިން އަނބުރާ ދައްކަންޖެހޭވަރު ހަމަޔަށް ދައްކަމުން ގެންދާނެކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ.


މީގެ އިތުރަށް ރާއްޖޭގެ ބޯޓުފަހަރު ދުއްވުމުގެ މަސައްކަތް ތަރައްޤީ ކުރުމަށްޓަކައި، ކުރު މުއްދަތުގެ ލޯނާއި، މެދު މުއްދަތުގެ ލޯނުވެސް ވަނީ ނެގިފައި. މިކަމަށް ކުވޭތު ފަންޑާއި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި، ޙަބީބް ބޭންކުން ލޯނު ނެގިފައިވޭ. އަދި ޙަބީބު ބޭންކުން ނެގިފައިވާ ގިނަ ލޯނު، މިހާރުވަނީ އަނބުރާ ދައްކައި ނިމިފައި. މޯލްޑިވްސް ޝިޕިންގ ލިމިޓެޑްގެ ފަރާތުން ރާއްޖޭގެ ތަރައްޤީއަށް ވަރަށް ބޮޑަށް އެހީ ލިބެމުންދޭ. 1981 ވަނަ އަހަރުގެ ތެރޭގައި އެމް.އެސް. އެލުން ސަރުކާރުގެ ބަޖެޓަށް 1.475 މިލިއަން ޑޮލަރު ލިބިފައިވޭ. ހަމަ އެއަހަރުގެ ތެރޭގައި     1.025 މިލިއަން ޑޮލަރުގެ ތަކެއްޗާއި، ބައެއް މަޝްރޫޢުތަކަށް ބޭނުންވާ ބައެއް ހަރަދު ލިބިފައިވޭ. މި ހަރަދު ތަކުގެ ތެރޭގައި ސަރުކާރަށް ހޯދައިފައިވާ ބައެއް ލޯންޗާއި، ރާއްޖެތެރޭގައި ތެޔޮ ތާނގީތައް ބެހެއްޓުމުގެ ހަރަދާއި، އެއަރޕޯޓަށާއި، އަދިވެސް އެކިއެކި ކަންކަމަށް ކުރެވިފައިވާ ހަރަދު ހިމެނިފައިވޭ. ލޯނުގެ ގޮތުގައި ނުވަތަ ހިލޭ ދޫކުރާ އެހީގެ ގޮތުގައި ބައެއް ޤައުމުތަކުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީ ކަނޑައަޅައިފައިވޭ. އޭގެތެރޭގައި ސަރުކާރުގެ ފަރާތުން އަލަށް ފަށްޓަން ގަސްދުކުރާ ހައުސިންގ ސްކީމަށް ޗައިނާ ސަރުކާރުގެ ފަރާތުން އެހީ ދިނުމަށް މިހާރު ހަމަޖެހިފައިވޭ.


ޢިއްޒަތްތެރި މެންބަރުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު އަޅުގަނޑުމެންގެ ރާއްޖޭގައި އެންމެދަތި އެއް މައްސަލައަކީ، ބޯފެނުގެ މައްސަލަ. ބޯފެނާއި، ޞިއްޙީ ހަމަތަކުގެމަތިން ފާޚާނާގެކަންތައް ހަމަޖެއްސުމުގެ މައްސަލަ. އެއީ، ދުވަސް ދުވަސްކޮޅުން ބޭރަށްހިންގުމުގެ ރޯގާތައް ފެށި، ސަރުކާރުން ވަރަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހިފައިވާ ކަމެއް މިއީ. އެހެންކަމަށްވުމާއެކު، ދެތިންފަރާތަކުން މިބާވަތުގެ ބޮޑުމަޝްރޫޢެއް ހިންގުމަށް އެހީ ލިބޭގޮތަށް މިހާރުވަނީ ހަމަޖެހިފައި. އެހީދޭ ފަރާތްތަކަކީ، ހުޅަނގު ޖަރުމަން، ސަޢޫދީ ޢަރަބިޔާ، އެއީ، އެންމެ މުހިންމު ދެފަރާތަކީ. އަދި މަސްވެރިކަން ތަރައްޤީ ކުރުމަށް ދުނިޔޭގެ ބެންކުން ހަމަޖައްސައިފައިވާ، ރާއްޖޭގެ ދެވަނަ، މަސްވެރިކަން ތަރައްޤީ ކުރުމުގެ މަޝްރޫޢަށްވެސް 4 ފަރާތަކުން އެހީ ލިބޭގޮތަށް މިހާރުވަނީ ހަމަޖެހިފައި.       އެ 4 ފަރާތަކީ، އައި.ޑީ.އޭ. ކިޔާ ޖަމާޢަތެއް، އެއީ، ދުނިޔޭގެ ބެންކާ ގުޅިފައިވާ ޖަމާޢަތެއް. އިފާޑް، ދެން އޯޕެކް، އޯޕެކް އެއީ އެނގިވަޑައިގަންނަވާނޭފަދައިން، ތެޔޮ އުފައްދައި، ތެޔޮ ބޭރުކުރާ ޤައުމުތަކުގެ ޖަމުޢިއްޔާ. އޭގެ އިތުރުން ނޯވޭޖިއަން އެކްސްޕޯޓް ކައުންސިލްގެ ފަރާތުން ވަރަށް ދީލަތި އެހީއެއް ދޭނެކަމަށް މިހާރުވަނީ ބުނެފައި. އެ އެހީއަކީ ލޯނެއްނޫން. އެހީއަކީ، ހަމަ ހިލޭ ދޭ އެހީއެއްގެ ގޮތުގައި ދޭން އެމީހުން ހަމަޖައްސައިފައިވާ 4.1 މިލިއަން ޑޮލަރުގެ އެހީއެއް.


އާދެ، ދެންމެ އަޅުގަނޑު އިޝާރާތްކުރިން، ރާއްޖެއިން ބޭރުކުރެވޭ މުދާ މަދުވަމުންދާ ވާހަކަ. އޭގެ އަނެއްކޮޅުން ރާއްޖެއަށް އެތެރެ ކުރެވެމުންދާ މުދާ ގިނަވަމުންދާ ވާހަކަ. އަދި އެއީ، ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓަށް ރަނގަޅުގޮތެއް ނޫންކަމުގެ ވާހަކަ. މިގޮތުން އިމްޕޯޓު އިތުރުވަމުން ދިޔުމާއި، އެކްސްޕޯޓު މަދުވަމުންދާ ވާހަކަ ދަންނަވާއިރު، މިހެން ކަންތައްތައް ހިނގަމުންދާނަމަ، ބޭރުފައިސާގެ ދަތިކަން ޤައުމަށް މެދުވެރިވަމުން އައުމަކީ، ވަރަށް ކައިރީގައި އޮންނާނެ ކަމެއްކަމަށް ދަންނަވަންޖެހޭ. ވީމާ، ބޭރުފައިސާއަށް ގެންނަތަކެތި މަދުކޮށް އެކަން ރަނގަޅު ކުރެވޭތޯ ވަރަށް އަވަހަށް ބަލަންޖެހޭނެ. އަޅުގަނޑުމެންނަށް މި ބާވަތުގެ ކަންކަމުގައި ލަފާދޭ ބޭރުގެ އެކިއެކި ޖަމުޢިއްޔާ ތަކުންވެސް މިވާހަކަ މިހާރު ދައްކަމުން އެބަގެންދޭ. ޚާއްޞަކޮށް އައި.އެމް.އެފް، އައި.އެމް.އެފް.ގެ ފަރާތުން ދާދިފަހުން ވަޑައިގެންނެވި އެތާނގެ މަތީ ފެންވަރުގެ ވެރިޔަކުވެސް ވިދާޅުވި. ރާއްޖެއަށް މިހާގިނަ އަދަދަކަށް މުދާ އެތެރެކުރެވެމުން ދިޔުމުގެ މާނައަކީ، ރާއްޖެއަށްލިބޭ ބޭރުފައިސާ ބޭރަށް އޮހިގެންދަނީއޭ. އަޅުގަނޑުމެންގެ ރާއްޖެއަށް މަސްވެރިކަމުންނާއި، ޓޫރިޒަމުންނާއި، އެމް.އެސް.އެލުންނާއި، އަދިވެސް އެނޫން ފަރާތްތަކުން މި ލިބޭ ބޭރުފައިސާ، އޭގެ ބޮޑުބައި ބޭރަށްދަނީ، މުދާ އެތެރެ ކުރުމުގެ ބޭނުމުގައި. އަދި އެގޮތުން އެތެރެކުރާ މުދާތައް ބައެއް ފަހަރަށް އެއީ ކޮންމެހެން ބޭނުންނޫން މުދާކަމުގައިވެސްވޭ. ބޭނުންނުވާހާ ގިނައަދަދަށް އެތެރެކޮށްފައި ހުންނަ މުދާ ކަމުގައިވެސްވޭ.


އެހެންވީމާ، ބައެއް ބާވަތުގެ އެއްޗެތި، އަޅުގަނޑު އަހައިފައި އޮތްގޮތުގައި، ކެއުމުގެ ކޮންމެވެސް ބާވަތެއްގެ އެއްޗެއް، 1 ލައްކަ ޑޮލަރުގެ މުދާ އެއްފަރާތުން އެތެރެކޮށްފައި ހުރިކަމަށްވޭ. އެހެންނަމަވެސް، އެއީ، އަހަރުދުވަހުގެ ތެރޭގައިވެސް އެ މީހުންނަށް ވިއްކައި ހުސްކުރެވޭނެ އެއްޗެއް ނޫން. އެހެންވީމާ، އެގޮތަށް ކަންތައްތައް ހިނގަމުންދާ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ލިބޭ ބޭރުފައިސާ ރާއްޖެއިން ބޭރަށް އޮހިގެންދާނެ. އެ ދާ ދިއުމުގެ ސަބަބުން އަޅުގަނޑުމެންގެ އިޤުތިޞާދަށް ކުރިމަތިވާނީ ވަރަށް ބޮޑެތި ދަތިތަކެއް. އާދެ، ދެން ބެންކުތަކުގެ މާލީ ހަރަކާތްތަކަށް ބަލާއިރު ދިވެހި ފައިސާގެ އަގު ހަމަޖެއްސުމާގުޅިގެން އެޅި ފިޔަވަޅުތަކަށްފަހު، މިދިޔަ ދިހަމަސް ދުވަހުގެތެރޭގައި ޖުމުލަ ފައިސާ ދޫކުރާ އަދަދު 94.1 މިލިއަން ރުފިޔާއަށް އިތުރުވެއްޖެ. ބޭނުންވުމުން ނެގުމަށް، ބެންކުތަކުގައި ބަހައްޓާ ފައިސާވެސް ވަރަށް ބޮޑުތަން އިތުރުވެގެން ހިނގައްޖެ. އެކިމުއްދަތަށާއި ފަހަށް ރައްކާކުރާފައިސާ،    1981 ވަނައަހަރު ނިމުނުއިރު 10 މިލިއަން ރުފިޔާއިން 1982 ގެ އޮކްޓޫބަރުގެ ނިޔަލަށް 15.1 މިލިއަން ރުފިޔާއަށް އިތުރުވާނެކަމަށް ދައްކާ. 1982 ގެ ޖެނުއަރީން ފެށިގެން އެވްރެޖްކޮށް ކޮންމެ މަހަކު އިތުރަށް އެއް މިލިއަން ރުފިޔާ ދައުރު ކުރުމަށް ނެރެން ޖެހިފައިވޭ. ސެޕްޓެންބަރު މަހާއި އޮކްޓޫބަރު މަހުގައި މި އަދަދު ތަންކޮޅެއް ދަށަށްދިޔަ. ދައުރު ކުރުމަށް އަލަށް ނެރެވުނު ފައިސާ ނެރެންޖެހުނު ސަބަބަކީ، ރާއްޖޭގެ ވިޔަފާރީގެ މުޢާމަލާތްތަކުގައި ބޭރުފައިސާ ގެންގުޅުން މަނާކުރެވުނުކަން.


އެހެންވީމާ، ކުރިން ޑޮލަރުން ކުރެވޭ ވިޔަފާރި މިހާރު ދިވެހި ރުފިޔާއިން ކުރެވޭގޮތަށް ހަމަޖެހުނީމާ، ދައުރުކުރާ ފައިސާގެ އަދަދުވެސް އިތުރުކުރަން ޖެހިފައިވަނީ. ދަރަނީގެ ވަރާއި، އިންޓްރެސްޓް ރޭޓުތައް ދޫކޮށްލެވިފައިވަނީ ކޮމާޝަލް ބެންކުތަކަށް. 1982 ވަނަ އަހަރުގެ ޖަނަވަރީއާ ޖެހެންދެން، ސޭވިންގ ޑިޕޮޒިޓްގެ އިންޓްރެސްޓާއި، ބޭރުފައިސާއާއި އަދި ދިވެހި ފައިސާގެ ރޭޓު ބަދަލުނުވެ %4 ވަރަށް ހުރި. ވަކި މުއްދަތަކަށް ބަހައްޓާ ދިވެހި ފައިސާގެ ރޭޓު %5.25 އާއި %7.25 އާ ދޭތެރޭގައި ހުރި. ބޭރު ފައިސާގެ ޑިޕޮޒިޓަށް %6 އާއި %9 އާ ދޭތެރޭގައި ހުރި. ސަރުކާރުގެ ބަޖެޓާއި ބެންކުތަކުގައި ބަހައްޓާ ޑިޕޮޒިޓާއި، ބެންކުތަކުން ދޫކުރާ ކުރެޑިޓް، އެކަތި އަނެކައްޗާ ގުޅި އެއްބައިން އަނެއްބަޔަށް އަސަރު ފޯރުވާނެ. އަޅުގަނޑުމެންގެ ފައިސާގެ ބާޒާރު، މުސްތަޤުބަލުގައި ރައްކާތެރިކޮށް، ދިވެހިފައިސާގެ އަގު ދެމެހެއްޓުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވޭ. މިކަމުގެ ފުރިހަމަ މަސްއޫލިއްޔަތު އެޅިފައިވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި.


އާދެ، 1983 ވަނަ އަހަރުގެ ބަޖެޓާމެދު އަޅުގަނޑުގެ މިބަޔާން ނިންމައިލާނީ، 83 ވަނަ އަހަރަށް ޑެފިސިޓު ބަޖެޓެއް ދެއްކިކަމުގައިވިޔަސް، މި ޑެފިސިޓު ކުޑަކުރެވޭތޯ ސަރުކާރުން ވެވެން އޮތް އެންމެ ރަނގަޅަށް މަސައްކަތްކުރާނެ ކަމަށް ދަންނަވަމުން. މީގެ ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން، އާމްދަނީ އިތުރު ކުރެވޭނެ ގޮތްތަކެއް ހޯދުމަށްޓަކައި ސަރުކާރުން މިހާރު މިގެންދަނީ މަސައްކަތް ކުރަމުން. ބައެއް ފިޔަވަޅު އެޅުމާ ދޭތެރޭގައި ވިސްނައި   އެ ފިޔަވަޅުތައް އަޅަން ފަށާހިސާބަށް ހިނގައްޖެ. އޭގެތެރޭގައި އަޅުގަނޑުހިތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ބައެއް ކަންތައްތައްވެސް ހުންނާނެ. އެހެންވީމާ، މާލަސްތަކެއްނުވެ، އެ ބިލްތަކެއްގެ ސިފައިގައި ތިޔަ ބޭފުޅުންގެ އަރިހަށް އަންނާނެ. މަޖިލީހުން ފާސްވީމާ އެއަށް ޢަމަލު ކުރެވޭނެ.


އާދެ، މި ބަޖެޓުބަޔާން ނިންމައިލުމުގެ ކުރިން ބަޖެޓު ތައްޔާރު ކުރެއްވުމުގައި މަސައްކަތް ކުރެއްވި ފަރާތްތަކަށް ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ ވާޖިބެއްކަމަށް ދެކެން. އެންމެފުރަތަމަ، ބަޖެޓު ތައްޔާރު ކުރެއްވުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އުފުއްލެވި، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ޑިރެކްޓަރ، އަލްފާޟިލް އިސްމާޢީލް ފަތުޙީ، ދެން     އެ ޑިޕާޓްމަންޓްގެ ވެރިންނާއި، މުވައްޒަފުން. އަދި ދައުލަތަށް ލިބޭ އެއްޗެއް އިތުރުކުރުމާދޭތެރޭގައި ވިސްނުމަށް ކަނޑައެޅިފައިވާ ބަޖެޓުކޮމިޓީގެ މެންބަރުން. ހަމައެފަދައިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެވެސް ކަމާބެހޭ ސެކްޝަނުގެ މުވައްޒަފުން. މިހުރިހާ އެންމެން ވަރަށްގިނަދުވަސް ވަންދެން ވަރަށްބުރަ މަސައްކަތްތަކެއް ކޮށްގެން ތިޔަބޭފުޅުންނާ ހަމައަށް މިއަދު ބަޖެޓު އައިސްފައި މިއޮތީ. އަދި ބަޖެޓާބެހޭ މިހާ ފުރިހަމަ މަޢުލޫމާތުތަކެއް ތައްޔާރު ކުރެވި، ކޮންމެ އެއްޗެއްގެވެސް ސަތޭކައަކުން ޖެހޭވަރާއެކުގައި ތިޔަބޭފުޅުންގެ ކުރިފުޅުމައްޗަށް އައިސް މިހާރު މިއޮތީ. އެހެންވީމާ، އެހުރިހާ ފަރާތްތަކަށް ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން.


އާދެ، އަޅުގަނޑު އެދެނީ، ދިވެހިރާއްޖެ ތަރައްޤީގެ މަގުގައި ހަރުދަނާ ކަމާއެކު، ކުރިއަށް ދިއުން. ވަޒަންދެކެ ލޯބިވާ ކޮންމެ ދިވެހި ދަރިޔަކު އޭނާގެ ވާޖިބު ތެދުވެރިކަމާއެކު ޤައުމަށް އަދާކޮށްދިނުން.


މާތްﷲ އަޅުގަނޑުމެން ދިވެހިންނަށް ކުރިޔަށް ދިޔުމުގެ ހެޔޮ ތައުފީޤު ދެއްވާށި! آمين.


والسّلام عليكم ورحمـة اللّـه وبركاته.