ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ. އެމަނިކުފާނު އެއަރޕޯޓުގެ އައު ރަންވޭގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްދެއްވީ މިކަމަށްޓަކައި ހުޅުލޭގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢާދިލް މޫސާ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކޯޕަރޭޓް ހަދިޔާއެއް ވެދުމަށް އަރުއްވާފައެވެ. އަދި، ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕުގެ ޗެއަރމަން ޗެން ޑައިހުއާ ވެސް ވަނީ އެމަނިކުފާނަށް ކޯޕަރޭޓް ހަދިޔާއެއް ވެދުމަށް އަރުއްވާފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ސަރުކާރުން 800 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ. މިއަދު ފެށުނު ރަންވޭގެ މަސައްކަތް ނިމުމުން މިހާރު އެއަރޕޯޓުގައި ބޭނުންކުރަމުންދާ ރަންވޭ ޓެކްސީވޭއަކަށް ބަދަލުވެގެންދާނެއެވެ. ސަރުކާރުން އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2 ފިޔަވައްސަކަށް ބަހާލައިގެނެވެ. މިގޮތުން، ފުރަތަމަ ފިޔަވަހީގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އައު ރަންވޭއަކާއި، ފިއުލް ފާމަކާއި، ކާރގޯ ކޮމްޕްލެކްސެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙައްމަދު ސަޢީދާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢާދިލް މޫސާއާއި، ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ވަންގް ފޫކަންގްގެ އިތުރުން ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕުގެ ޗެއަރމަން ޗެން ޑައިހުއާ ވަނީ މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ރަސްމިއްޔާތުގައި، ކެބިނެޓް މެންބަރުންނާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑްގެ ބައެއް އިސް ބޭފުޅުން ބައިވެރިވެޑައިގެންނެވިއެވެ.