ދިވެހިރާއްޖެއިން ހިމަބިހި ނައްތާލުމުގެ ޤައުމީ ކެމްޕެއިން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.

މި ކެމްޕެއިން ފައްޓަވައިދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާވަނީ ވެކްސިން ޖެހުމަށްފަހު ފުރިހަމަކުރާ ކާޑް، ވެކްސިން ޖެހި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2 މުވައްޒަފުންނަށް ހަވާލުކޮށްދެއްވާފައެވެ. އަދި، މި ކެމްޕެއިން އިފްތިތާޙްކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންގެ އިތުރުން، ސްޓެލްކޯގެ މުވައްޒަފުންނަށާ ދަރުމަވަންތަ ސްކޫލްގެ ދަރިވަރުންނަށް ވެކްސިންދޭންވަނީ ފައްޓަވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތް އޮނަރަބަލް ޢަބްދުﷲ ނާޡިމް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، ދެކުނު އޭޝިއާ ޞަރަޙައްދުގެ 11 ޤައުމުން ހަމަޖައްސާފައިވަނީ 2020 އަހަރުގެ ކުރިން މި ޞަރަޙައްދުގެ ހުރިހާ ޤައުމަކުން ހިމަބިހި ނައްތާލުމަށްކަމަށާ މިއަދު ފެށިގެންދިޔަ ކެމްޕެއިންގެ އެހީގައި މި އަހަރުގެ ތެރޭގައި މި ލަނޑުދަނޑި ހާސިލްކޮށް، މި ޞަރަޙައްދުން ހިމަބިހި ނައްތާލެވޭ ފުރަތަމަ ޤައުމަށް ރާއްޖެ ވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ހުރިހާ ރައްޔިތުންވެސް މި ލަނޑުދަނޑި ހާސިލްކުރުމުގައި އެބޭފުޅެއްގެ ފަރުދީ ޒިންމާ އަދާކުރެއްވުމަށް މިނިސްޓަރ އޮފް ހެލްތް އިލްތިމާސްކުރެއްވިއެވެ.

ރައްޔިތުންނަށް ފަސޭހަކަމާއެކު މި ވެކްސިން ޖެހޭނެގޮތް އިންތިޒާމްކޮށްދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ވެކްސިންޖެހުމަށް ރާއްޖޭގެ އެކި ޞަރަޙައްދުގައި ސެންޓަރުތަކެއްވަނީ ޤާއިމުކުރައްވާފައެވެ. މިގޮތުން، މާލޭގެ 11 ޞަރަޙައްދެއްގައި ވެކްސިންދިނުމުގެ އިންތިޒާމްވަނީ ހަމަޖެހިފައެވެ. މިއަދު އިފްތިތާޙްކުރެވުނު ކެމްޕެއިންގެ ދަށުން ރާއްޖޭގައި ދިރިއުޅޭ ޢުމުރުން 15 އަހަރާއި 25 އަހަރުގެ ހުރިހާ ބޭފުޅުންނަށް ކުރިއަށްއޮތް 2 ހަފްތާގެ ތެރޭގައި ވެކްސިން ދިނުމަށްވަނީ ހަމަޖެހިފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދުނިޔޭގެ ޞިއްޚަތުގެ ޖަމްޢިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު، ޑޮކްޓަރ އަރުވިންދު މާތުރުގެ އިތުރުން މިނިސްޓްރީ އޮފް ހެލްތާއި ސަރުކާރުގެ އެކި ފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.