بســم اللّـه الرّحمـن الرّحيــم

އެންމެހާ އިންސާނުންނަށް ރިޒްޤު ތަނަވަސްކޮށްދެއްވާ، ރޯދި ބަރަކާތް ހާސިލުކުރުމުގެ މަގުތައް މިންވަރުކުރެއްވި اللّــه ســبحانه وتــعالى އަށް ޙަމްދާއި ޝުކުރުކުރަން. މާތްވެގެންވާ އިސްލާމްދީނުގެ ފަރުޟުތަކަށް ރައްކާތެރިވުމާއެކު، އަދި އެ ދީނުގައި ހިމެނިފައިވާ މާތް އުސޫލުތަކަށް ކަމޭހިތުމާއެކު ދިރިއުޅުމުގެ މައިދާނުގައި، ދިރިއުޅުން ތަރައްޤީކުރުމަށްޓަކައި އެކިއެކި މަސައްކަތް ކުރުމަށް ވަޞިއްޔަތްކުރައްވައި އެކަމުގެ މަގުދެއްކެވި، މާތް ނަބީއްޔާއަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަން.


ދިވެހިރާއްޖޭގެ ހީވާގި އަދި އުފެއްދުންތެރި މަސްވެރިން، ރާއްޖޭގެ މިނިސްޓަރ އޮފް ފިޝަރީޒް، ރާއްޖޭގެ ވަޒީރުންގެ މަޖްލިސްގެ މެންބަރުން، ރާއްޖޭގެ އުއްތަމަފަނޑިޔާރު، ރައްޔިތުންގެ މަޖްލިސްގެ ރައީސް، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިން، ބޭރު ޤައުމުތަކުގެ މަންދޫބުން، އަދި މިތަނަށް ވަޑައިގެންތިއްބެވި އެންމެހާ އަޚުންނާއި އުޚްތުން؛


السّــلام عليــكم ورحـمــة اللّـه وبـركاتـه.


އާދެ، މިއަދު އަޅުގަނޑުމެން ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަސް ދެވަނަ ފަހަރަށް ފާހަގަކުރަމުންދާއިރު، ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ކަނޑުމަތީ ޤައުމުތަކުގެ ނުވަތަ ކަނޑުގެ އައްސޭރީގައިވާ ގައުމުތަކުގެ ނުވަތަ ކަނޑުގެ ރޯދި ބަރަކާތުން އެ މީހުންގެ ދިރިއުޅުން ތަނަވަސް ކުރަމުންދާ ޤައުމުތަކުގެ ވަރަށް މަތިވެރި ކާމިޔާބީއެއް ހާސިލުވަމުން އެބަދޭ. އާދެ، ވަރަށް ގިނަ ދުވަހުއްސުރެ، މިދެންނެވި ޤައުމުތަކުން ކުރަމުން އައި އުންމީދެއް މިއަދު ދުނިޔޭގެ އަލިކަން އެބަދެކޭ. އަޅުގަނޑު މިއިޝާރާތްކުރަނީ، މިއަދު ސޮއިކުރުމަށްހަމަޖެހިފައިވާ ކަނޑުގެ ޤާނޫނާބެހޭ ބައިނަލްއަޤްވާމީ އެއްބަސްވުމަށް. މި އެއްބަސްވުމަކީ، ދުނިޔޭގެ ތާރީޚުގައި ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރެވިގެންދާނެ އެއްބަސްވުމެއް. ވަރަށްގިނަ ދުވަސްވަންދެން، ކަނޑުގެ އައްސޭރީގައި ދިރިއުޅެމުންދާ ޤައުމުތަކުގެ ރައްޔިތުން އަދި އޭގެތެރެއިން ޚާއްޞަގޮތެއްގައި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ރައްޔިތުން މަސައްކަތްކުރަމުން އައިސްފައިވަނީ، އެމީހުންގެ ޙައްޤުތައް ލިބިދޭ ބައިނަލްއަޤްވާމީ އެއްބަސްވުމެއް ހޯދުމަށްޓަކައި، އެމަސައްކަތް ވަރަށް ބުރަ ގޮތެއްގައި ހިނގަމުންދާތާ މިހާރު 9 އަހަރު ވެއްޖެ. އ.ދ.ގެ ބެލުމުގެ ދަށުން އެ މަސައްކަތްތައް ހިނގަމުންގޮސްފައިވަނީ.


އާދެ، އެ މަސައްކަތްތައް ކާމިޔާބީއަކާ ހަމައަށް އައީ ހަމައެކަނި މިއަދު. މިއަދު އަޅުގަނޑުމެން މިތާނގައި މި ޖަލްސާކުރާއިރު، އަޅުގަނޑުމެންގެ ރާއްޖެއާ އެތަކެއްހާސް މޭލު ދުރުގައިވާ [ޖެމޭކާ] އޭ ކިޔާ ރަށެއްގައި ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ވަރަށްގިނަ އަދަދެއްގެ ޤައުމުތަކެއް މިދެންނެވި އެއްބަސްވުމުގައި ސޮއިކުރަމުން އެބަދޭ. މި އެއްބަސްވުމުގެ މުހިންމުކަން އަޅުގަނޑު ހިތުން އަޅުގަނޑުމެންނަކަށް ވަންހަނާ ވެގެނެއްނުވާނެ. އެންމެ ފުރަތަމަކަމަކީ، މި އެއްބަސްވުމުގެ ދަށުން ސަރަޙައްދީ ކަނޑުގެ ބޮޑުމިނަކީ، 12 މޭލު ކަމުގައި ހަމަޖެހުން. އަޅުގަނޑުމެން ޤާނޫނު އަސާސީގައިވަނީ ދިވެހިރާއްޖޭގެ ސަރަޙައްދީ ކަނޑުގެ ފުޅާމިނަކީ، 12 މޭލު ކަމަށް. އެހެންނަމަވެސް އެއީ، މިއަދާ ޖެހެންދެން، ބައިނަލްއަޤްވާމީ ޤާނޫނުގައި ހިމެނިފައިވާ ކަމެއްނޫން. އަދި ދުނިޔޭގެ ބާރުގަދަ ޤައުމުތައް އެކަމަށް ކުރަމުން އައިސްފައިވަނީ އިންކާރު. އެހެންނަމަވެސް، މިއަދު މި ބައިނަލްއަޤްވާމީ އެއްބަސްވުމުގައި އެކަށީގެންވާ އަދަދެއްގެ ޤައުމުތަކަކުން ސޮއިކޮށްފިނަމަ، ދެން ސަރަޙައްދީ ކަނޑުގެ ބޮޑުމިނަކީ،  12 މޭލުކަން އެއީ ބައިނަލްއަޤްވާމީ، ޤާނޫނެއްގެ ގޮތުގައި ހަމަޖެހުން. ހަމައެއާއެކު އިޤުތިޞާދީ ސަރަޙައްދުގެ ބޮޑުމިންވެސް މިއެއްބަސްވުމުގައި ކަނޑައެޅިފައިވޭ. އެއީ، އަޅުގަނޑުމެންގެ ރާއްޖޭގައި ކުރިންވެސް އިޢުލާނު ކޮށްފައިވާ ފަދައިން، 200 މޭލު. އެހެންވީމާ، ސަރަޙައްދީ ކަނޑުގެ ބޮޑުމިނާއި އަދި އިޤުތިޞާދީ ސަރަޙައްދުގެ ބޮޑުމިން. މިދެންނެވި ބައިނަލްއަޤްވާމީ އެއްބަސްވުމުގައި ހިމެނިފައިވުމާއެކު، އެ އެއްބަސްވުމަކީ، ކަނޑުގެ އައްސޭރީގެ ކައިރީގައި ދިރިއުޅޭ ހުރިހާ ޤައުމުތަކަށް ލިބޭ، ވަރަށް މަތިވެރި ކާމިޔާބީއެއްކަމާމެދަކު ޝައްކެއްނެތް.


އާދެ، އިޤުތިޞާދީ ސަރަޙައްދާ ބެހޭގޮތުން ވާހަކަ ދައްކާއިރު، ވަރަށް މުހިންމު ނުކުތާތަކެއް އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ. އިޤުތިޞާދީ ސަރަޙައްދެއް ފުރަތަމަ، ކަނޑުގެ އައްސޭރީގައިވާ ޤައުމުތަކުން އިޢުލާނު ކުރަންޖެހޭ ސަބަބަކީ ކޮބައިތޯ އަޅުގަނޑުމެން ވިސްނައިލަންޖެހޭ. ޝައްކެއްނެތް ގޮތުގައި އެއީ، އެ ޤައުމުތަކަށް ޤުދްރަތުން ދެއްވައިފައިވާ މުއްސަނދިކަން އެޤައުމުތަކަށް ފައިދާހުރި ގޮތެއްގައި ބޭނުންކުރުމުގެ ޙައްޤު އެ ޤައުމުތަކަށް ލިބިދިނުން. މީގެކުރިން ކަންތައްތައް ވަމުން އައިސްފައިވާ ގޮތަކީ، އަދި މީހާރުވެސް ކަންތައްތައް ހިނގަމުންދާ ގޮތަކީ، ދުނިޔޭގެ ބާރުގަދަ ޤައުމުތަކުން މަސައްކަތްކުރަނީ އެ މީހުންގެ އަމިއްލަ ފައިދާއަށް، ދުނިޔޭގައިވާ ހުރިހާ ތަންތަނެއްގެ ބޭނުންކުރަމުން ދިޔުމަށް. އެއީ، ކަނޑުގެ އަޑީގައި ފޮރުވިފައިވާ ފައިދާތަކެއް ކަމުގައިވިޔަސް، ނުވަތަ އެއްގަމުގައި ހިމެނިފައިވާ ފައިދާތަކެއް ކަމުގައިވިޔަސް، ނުވަތަ ޖައްވުގެތެރޭގައި، ފަޒާގައި ހިމެނިފައިވާ ފައިދާތަކެއް ކަމުގައިވިޔަސް، ދުނިޔޭގެ ބާރުގަދަ ޤައުމުތަކުން މަސައްކަތްކުރަނީ، އެހުރިހާ ފައިދާތަކެއް އެމީހުން އަމިއްލައަށް ހޯދައި އަދި ކުދިކުދި ޤައުމުތައް އެފައިދާތަކުން މަޙްރޫމުކުރުމަށް. އެހެންވުމާއެކު، ކަނޑުގެ އައްސޭރީގައި ދިރިއުޅޭ ޤައުމުތަކުން އެއްބަސްވީ، ނުވަތަ އެމީހުން ކަނޑައެޅީ، އެމީހުންގެ ސަރަޙައްދު، އެމީހުންގެ އިޤުތިޞާދީ ސަރަޙައްދު، ވަކި ހިސާބަކަށް ބޮޑުކުރުމަށް. ގިނަ ޤައުމުތަކުން އެއީ، 200 މޭލުކަމަށް ކަނޑައަޅައި، އެގޮތަށް ހަމަޖެހުނީ. ދެން އަޅުގަނޑު މިދެންނެވި ކަނޑުގެ ޤާނޫނާބެހޭ ބައިނަލްއަޤްވާމީ އެއްބަސްވުމުގައިވެސް އެގޮތަށް ހަމަޖެހުނީ.


އާދެ، އެހެންވީމާ، އޭގެ މާނައަކީ، ދެން އެ އިޤުތިޞާދީ ސަރަޙައްދުގެ ބޭނުން ކުރުން އޮންނާނީ، އެ ޤައުމެއްގެ ބާރުގެ ދަށުގައޭ. އެ އިޤުތިޞާދީ ސަރަޙައްދުގެ ބޭނުންކޮށްގެން ލިބެންހުރި ފައިދާތަކެއް ހާސިލުކުރުމާއި އެ ޤައުމަކަށް ލިބެންހުރި އިޤުތިޞާދީ ކުރިއެރުމެއް ހާސިލުކުރުން އެއީ އެ ޤައުމެއްގެ ޙައްޤެކޭ. އެ ބަޔަކު އަމިއްލައަށް އެހެން ބަޔަކަށް ކޮންމެވެސް އުސޫލަކުން އެ ސަރަޙައްދުގެ ބޭނުންކުރުމުގެ ޙައްޤު ނުވަތަ އިޚުތިޔާރު ދޫކޮށްފިނަމަ، އެގޮތަށް ހަމަޖެހޭނެ. އެހެންނަމަވެސް، އެއްވެސް ޤައުމެއްގެ ހުއްދައެއްނެތި މިހާރު ކަންތައްތައް ހިނގަމުންދާގޮތަށް މީގެފަހުން ހިނގަމުންދިޔުމަށް، މި އެއްބަސްވުން ހުރަސްއަޅާނެ.


އާދެ، އިޤުތިޞާދީ ސަރަޙައްދު ބެލެހެއްޓުން އެއީ ދެން އަޅުގަނޑުމެންގެ ކުރިމައްޗަށް އަންނަ މައްސަލައަކީ. އެއީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް، އަދި ރާއްޖޭގެ މަސްވެރިންނަށްވެސް، ވަރަށް ރަނގަޅަށް އިހުސާސްކުރެވޭނެ ފަދައިން، އެއްގޮތަކަށްވެސް ފަސޭހަކަމެއްނޫން. ޚާއްޞަކޮށް އަޅުގަނޑުމެންކަހަލަ ކުޑަޤައުމަކަށް އެއީ، ވަރަށްއުނދަގޫކަމެއް. ވަރަށްދަތިކަމެއް. އަޅުގަނޑުމެންގެ ޤައުމު ކިތަންމެ ކުޑަޔަސް އަޅުގަނޑުމެންގެ ސަރަޙައްދު ވަރަށް ބޮޑު. އާދެ، ރާއްޖޭގެ ސަރަޙައްދުގައި ރަށްތައް އެތުރިފައިވާގޮތުން އުތުރުން ދެކުނަށް 470 މޭލު ހުރޭ. އެންމެފުޅާ ހިސާބުގައި  70 މޭލު ނުވަތަ 75 މޭލުވަރު ހުރޭ. މިއިން ކޮންމެ ބަޔަކަށް އަދި 200 މޭލު އިތުރުކުރުމުން ދެން އެލިބޭ ސަރަޙައްދު އެއީ ތިޔަހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ގޮތުގައި ވަރަށްބޮޑު ސަރަޙައްދަކަށްވާނެ. އެތަކެއްހާސް އަކަމޭލުގެ މައްޗަށް އެކުލެވިގެންވާ ސަރަޙައްދަކަށްވާނެ. އެ ސަރަޙައްދު ރައްކާތެރިކޮށް ބެލެހެއްޓުން އެއީ، އެއްގޮތަކަށްވެސް އަޅުގަނޑުމެން ކަހަލަ ކުޑަ ޤައުމަކަށް އެކަނިމާއެކަނި ކުރެވޭނެ ކަމެއްނޫން.


އެހެންނަމަވެސް، މިހާތަނާ ޖެހެންދެންވެސް އަޅުގަނޑުމެން އައީ އަޅުގަނޑުމެންނަށް ވެވުނުވަރަކުން އެ ސަރަޙައްދު ބަލަހައްޓަމުން. އެ ސަރަޙައްދު ބަލަހައްޓާކަމުގެ ދަލީލުތައް ތިޔަބޭފުޅުންނަށް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ދިވެހިރާއްޖޭގެ މަސްވެރިންނަށް، އެއްދުވަހުން އަނެއްދުވަހަށް އެދަނީ ފެންނަމުން. މިހާރުވެސް މާލޭގެ ބަނދަރުގައި. އެއޮތީ، އިޤުތިޞާދީ ސަރަޙައްދު ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތުން ހިފެހެއްޓެވި ބޯޓެއް. ހަމައެއާއެކު، މިހާރުވެސް އެފަރާތުގެ ބޭކަލުން ހިންމަތާއެކު މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ އަޅުގަނޑުމެންގެ ސަރަޙައްދުގެ ތެރެއަށް ގަސްދުގައި ނޫންނަމަވެސް ވަދެގެން އުޅޭ ބޯޓެއް ސަލާމަތްކޮށް އެ ބޯޓުގެ ފައިދާ ދިވެހިރާއްޖެއަށް ލިބޭނޭ ގޮތަކަށް. އާދެ، އެއީ، މީގެ ދިހަވަރަކަށް ދުވަސްކުރިން ރާއްޖޭގެ ސަރަޙައްދުގެ ތެރެއަށް ވަނތް ބޯޓެއް. ވަނތްއިރު ބޯޓުއޮތީ އަނދައަނދާ، ބޯޓުގައި އެއްވެސް މީހަކުނެތް. އެއީ، ކޮންމެވެސް ބޭރު ދައުލަތެއްގެ ބޯޓެއްކަމުގައިވަނީ. ބޯޓުގައި ރޯވެގެން ބޯޓު އެފަރާތުން ދޫކޮށްލީކަމަށް ލަފާކުރެވެނީ. އަދި ބޯޓުގައި ތިބި މީހުންވެސް ކޮންމެވެސް އެހެން ބޯޓަކަށް އަރައިގެންދިޔައީ. ބޯޓު އައީ ރާއްޖެއާ ދިމާއަށް. ވަނީ ރާއްޖޭގެ ސަރަޙައްދަށް. މިހާރު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ބޭކަލުން އެ ބޯޓު ސަލާމަތް ކުރެއްވުމުގެ މަސައްކަތުގައި އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެ. އެއީވެސް، އަޅުގަނޑުމެންގެ އިޤުތިޞާދީ ސަރަޙައްދު ސަލާމަތްކުރުމުގެގޮތުން.


އާދެ، އިޤުތިޞާދީ ސަރަޙައްދު ސަލާމަތްކުރުމަކީ، ކިތަންމެ އުނދަގޫ ކިތަންމެ ދަތިކަމެއް ކަމުގައިވިޔަސް، އެއީ، ރާއްޖޭގެ މަސްވެރިކަން ސަލާމަތް ކުރުމަށްޓަކައި، ސަރުކާރުން ކޮންމެހެން ކުރަންޖެހޭނެ މަސައްކަތެއްކަމަށްވާތީ، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުންނާއި އަދި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ހައިސިއްޔަތުން ރާއްޖޭގެ ހުރިހާ މަސްވެރިންނަށް އިޢުލާނުކުރަން، އަޅުގަނޑުމެންނަށް ލިބިފައިވާނަމަ ލިބިފައިވާ ހުރިހާ ބާރެއް އަޅުގަނޑުމެންގެ އިޤުތިޞާދީ ސަރަޙައްދު ސަލާމަތްކުރުމުގައި ބޭނުންކުރާނެކަން. އިޤުތިޞާދީ ސަރަޙައްދު ސަލާމަތްކުރުމަކީ، އާދެ، އަދި އިޤުތިޞާދީ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް، ގަވާއިދާ ޚިލާފަށް، އެހެން ޤައުމުތަކުގެ މީހުން މަސައްކަތް ކުރަމުން ގެންދިއުމަކީ، ދެންމެ މިނިސްޓަރ އޮފް ފިޝަރީޒް އެ ވިދާޅުވިފަދައިން، ހަމައެކަނި ދިވެހިރާއްޖެއާ ކުރިމަތިވެފައިވާ މައްސަލައެއްނޫން. އަދި ހަމައެކަނި އަޅުގަނޑުމެންގެ ދާއިރާގައި ޚިޔާލުކުރާ ކަމެއްވެސްނޫން. އެއީ، ބައިނަލްއަޤްވާމީ ޖަލްސާތަކުގައިވެސް މިހާރު ވާހަކަ ދެކެވެމުންދާ މައްސަލައެއް. އެ ވިދާޅުވިހެން، ދާދިފަހުންއޮތް ދުނިޔޭގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ ޖަމުޢިއްޔާގެ މިހިސާބުގަނޑުގެ ޖަލްސާގައިވެސް އެވާހަކަ ދެކެވިއްޖެ.


ހަމައެފަދައިން، މިދޭތެރެއިން އަޅުގަނޑުދިޔަ މި ހިސާބުގަނޑުގެ ކޮމަންވެލްތު ޤައުމުތަކުގެ ވެރިންގެ ޖަލްސާގައިވެސް މި މައްސަލަ ނެގުނު. މި މައްސަލައާ ދޭތެރޭގައި ވަރަށްބޮޑަށް ވާހަކަ ދެކެވުނު. މިހިސާބުގަނޑުގައި އުޅޭ އެހެން ޤައުމުތަކަށްވެސް ކުރިމަތިވެފައިވާ، ވަރަށް ދަތި މައްސަލައެއް މިއީ. އަޅުގަނޑުމެންނަށްވުރެ މާ ތަނަވަސް މާ ބާރުގަދަ ހުރިހާ ގޮތަކުންވެސް ކުޅަދާނަކަން އިތުރު ޤައުމުތަކަށްވެސް މި މައްސަލަވަނީ އިތުރުވެފައި. އަޅުގަނޑު ގާތުގައި ނިއުޒީލެންޑުގެ ބޮޑުވަޒީރު ވިދާޅުވި، ތިމަންނަމެންނަށްވެސް ދިމާވެފައިއޮތް އެންމެ ބޮޑު އެއް މައްސަލައަކީ، ތިމަންނަމެންގެ އިޤުތިޞާދީ ސަރަޙައްދު ސަލާމަތްކުރުމޭ. އިޤުތިޞާދީ ސަރަޙައްދުގެ ތެރެއަށް ވަންނަ ބޯޓުފަހަރު އެކުރާ ކަންތައްތައް ހުއްޓުވައި އެ ބޯޓުފަހަރާ ދޭތެރޭގައި ފިޔަވަޅުއެޅުން މިއަދުވެފައިވަނީ ތިމަންނަމެންގެ ސަރުކާރަށް ދިމާވެފައިވާ އެންމެދަތި އަދި އެންމެ އުނދަގޫ އެއް މައްސަލަކަމުގައޭ. ހަމައެފަދައިން އޮސްޓްރޭލިޔާގެ ބޮޑުވަޒީރުވެސް އެވާހަކަފުޅު ދެއްކެވި. މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި، ވަރަށްގިނަ ޤައުމުތަކުގެ ވެރިން މިކަމާ ދޭތެރޭގައި ޚިޔާލު ފާޅުކުރައްވައި މިސަރަޙައްދުގެ ހުރިހާ ޤައުމުތައް މިކަންތައް ހުއްޓުވުމުގައި އެއްބާރުލާން ވެއްޖެކަމަށް ހުރިހާ ބޭފުޅުން އެއްބަސްވެވަޑައިގެންނެވި. އެގޮތުގެމަތިން އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށްވެސް އެ ޤައުމުތަކުގެ އެހީ ކުރިޔަށްއޮތްތާނގައި ލިބޭނެ. އެ ލިބޭނެ އެހީގެ މިންވަރާއި އެގޮތް ކަނޑައެޅުމަކީ، މިވަގުތު އަޅުގަނޑަށް ވާނެކަމެއްނޫން. އެހެންނަމަވެސް މިހާރު އަޅުގަނޑުމެން އެ ޤައުމުތަކާ ވާހަކަ ދައްކަމުން މިގެންދަނީ، އިޤުތިޞާދީ ސަރަޙައްދު ސަލާމަތްކުރުމުގައި އެ ފަރާތްތަކުން ދިވެހިރާއްޖެއަށް ވެވެން އޮންނާނީ ކޮންކޮން އެހީއެއްތޯ ބެލުމަށް.


އާދެ، ކޮންމެއަކަސް ކުރިންވެސް އަޅުގަނޑުގެ ވާހަކައިގައި ހިސާބަކަށް ނަމަވެސް އިޝާރާތް ކުރެވުނު ފަދައިން، ދުނިޔޭގެ ބާރުގަދަ ޤައުމުތައް މިކަންކަމުގައި ގެންގުޅެނީ ތަރައްޤީވަމުން އަންނަ ޤައުމުތަކާ ވަރަށް އިދިކޮޅު ގޮތްތަކެއް. މިއަދު އެ ސޮއިކުރެވޭ، ކަނޑުގެ ޤާނޫނާބެހޭ ބައިނަލްއަޤްވާމީ އެއްބަސްވުމުގައިވެސް ކަނޑައެޅިގެން ސޮއި ނުކުރާނެކަމަށް ބުނާ، ދުނިޔޭގެ ބޮޑެތި ޤައުމުތަކެއް އެބަތިބި. އާދެ، އެއީ އަޅުގަނޑުމެން މިއަދު ގަބޫލުކުރަން ޖެހިފައިއޮތް ޙަޤީޤަތެއް. ބާރުގަދަ ޤައުމުތަކުން މަސައްކަތްކުރަނީ އަޅުގަނޑުމެންނާ އިދިކޮޅަށްކަން. އެހެންނަމަވެސް، ދުނިޔޭގެ އެހާގިނަ ޤައުމުތަކެއް އެއްބަސްވެގެން ކުރާކަމެއް، އެކަމަށް ދުނިޔޭގެ ފުރިހަމަ ތަރުޙީބާއި އެއްބާރުލުން ލިބެމުންދާނެކަން އެއީ އެއްވެސް ޝައްކެއްހުރި ކަމެއްނޫން. ވަކިވަކި ބައެއް ޤައުމުތައް އަދި މިއަދު އެ ޤާނޫނުގައި، އެ އެއްބަސްވުމުގައި ސޮއިނުކުރި ނަމަވެސް، އަދި ކުރިއަށްއޮތް އަހަރު ސޮއި ނުކުރި ނަމަވެސް އެންމެފަހުންޖެހޭނީ ދުނިޔޭގެ އަޣްލަބިއްޔަތާ ތަބަޢަވާން. އެދުވަހެއް އައުމުން އަޅުގަނޑުހިތުން އަޅުގަނޑުމެންނާ ކުރިމަތިވެގެން މިއުޅޭ އެންމެބުރަ އެންމެދަތި އެއް މައްސަލަ އޮންނާނީ ޙައްލަކަށް ދިޔުމުގެ މަގުމަތީގައި.


އާދެ، މިއަދަކީ މަސްވެރިންގެ ދުވަސް ކަމަށްވުމާއެކު، މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތަކުގެ ބޮޑުކަން އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ވަޒަންކުރެވޭނެ. އަޅުގަނޑުމެންގެ މަސްވެރިކަމަކީ، ޒަމާނުއްސުރެ ރާއްޖޭގައި ކުރަމުންއަންނަ އެންމެ މުހިންމު އިޤުތިޞާދީ މަސައްކަތް. އާދެ، އެއީ، އެ މަސައްކަތުން ލިބޭ އާމްދަނީއަށް ބެލުމުންވެސް އަޅުގަނޑުމެންނަށް ލިބޭ ނަތީޖާ، އަދި އެ މަސައްކަތުގައި އުޅޭ މީހުންގެ އަދަދަށް ބެލުމުންވެސް އަޅުގަނޑުމެންނަށް ލިބޭ ނަތީޖާ، ބައެއް ހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ ސަތޭކައަކުން 45 މީހުން އުޅެނީ، މަސްވެރިކަމުގެ ރޮނގުގައި. ނުވަތަ މަސްވެރިކަމާ ގުޅިފައިވާ އެކިއެކި މަސައްކަތްތަކުގައި. އެހެންވީމާ، އެންމެ ގިނަ ބަޔަކަށް އާމްދަނީ ހޯދައިދޭ، ތަނަވަސްކަން ހޯދައިދޭ ރޮނގަކީ މަސްވެރިކަން.


އެކަންއޮތީ އެހެންކަމަށްވުމާއެކު، މަސްވެރިކަން އެދޭވޭގޮތެއްގައި ތަރައްޤީ ވެގެންނޫނީ، ރާއްޖެ އިޤުތިޞާދީގޮތުން ކުރިޔަށް ނުދާނެކަން އެއީ، އަޅުގަނޑުމެން މިއަދު ގަބޫލުކުރަން ޖެހިފައިވާ ޙަޤީޤަތެއް. ހަމައެކަނި މިއަދަކުނޫން. އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ކާބަފައިންވެސް ގަބޫލުކުރެއްވި ޙަޤީޤަތެއް އެއީ. އަދި މިއަދު އަޅުގަނޑުމެން ގަބޫލުކުރާވެސް ޙަޤީޤަތެއް އަދި މުސްތަޤުބަލުގައި އަޅުގަނޑުމެންގެ ދަރިންވެސް ގަބޫލުކުރާނެ ޙަޤީޤަތެއް. އެހެންވީމާ، މަސްވެރިކަން ކުރިޔަށް ގެންދިޔުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރަމުންގެންދާ މަސައްކަތްތައް އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުން. މިހާރުވެސް ތަފާތު މަޝްރޫޢުތަކެއް މިކަމުގައި ހިނގަމުން އެބަދޭ. އެންމެ ފުރަތަމަ ކަމަކީ، މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިނުމުގެ މަޝްރޫޢު. މީގެ އެތަކެއް އަހަރު ކުރިއްސުރެ ފެށިގެން މިހާތަނާ ޖެހެންދެން މެދުކެނޑުމެއްނެތި ހިނގަމުންދާ މަޝްރޫޢެއް. މިހާރު ރާއްޖޭގައި އެއްހާހަށްވުރެ ގިނަ އަދަދަށް، އިންޖީނު ބެހެއްޓިފައިހުރި މަސްދޯނިފަހަރު އެބަހުރި. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުވެސް އަދި ކުރިޔަށްއޮތް އަހަރުތަކުގައިވެސް އެ މަޝްރޫޢު ކުރިޔަށްދާނެ.


ހަމައެފަދައިން، މިހާރު އަލަށް ފެށިގެން ހިނގަމުންދާ މަޝްރޫޢެއް، ވަރަށް އާ މަޝްރޫޢެއް. ރާއްޖޭގެ ކަނޑުގެ މުއްސަނދިކަން ފައިދާހުރި ގޮތެއްގައި ބޭނުންކުރުމުގެ މަޝްރޫޢު. އެއީ، ބޭރުގެ އެހީއެއް ލިބިގެން އަޅުގަނޑުމެން ކުރިޔަށްގެންދާ މަޝްރޫޢެއް. އިސްލާމީ ޢަރަބި އެކުވެރި ޤައުމެއްގެ އެހީ. އާދެ، އެ މަޝްރޫޢު މިހާރުވަނީ ފެށިފައި. އެ މަޝްރޫޢުގެ ދަށުން މަސްކިރުވާ ބޯޓެއް ބަނުމުގެ މަސައްކަތް މާލޭގައި ވަނީ ފެށިފައި. އެ މަޝްރޫޢުގައި އޭގެ ނުވަ ބޯޓު ބަނުން ހިމެނޭ. އެ ހުރިހާ ބޯޓެއްވެސް ބަނދެވިގެންދާނީ، އަޅުގަނޑުމެންގެ މި ފަސްގަނޑުގައި. ހަމައެފަދައިން، މަސްކިރުވާ ބޯޓުފަހަރުން މަސް ނަގައިގެން ބޭރަށް އެ މަސް ގެންގޮސްދޭނެ ބޮޑެތި ބޯޓުފަހަރުވެސް މި މަޝްރޫޢުގެދަށުން ލިބޭގޮތަށްވަނީ ހަމަޖެހިފައި. އެ ބޯޓުތައް ބަންނަނީ ދެކުނު ކޮރެޔާގެ ކުންފުންޏަކުން. އެއާއެކު، ދެންމެ މިނިސްޓަރ އޮފް ފިޝަރީޒް އެ ވިދާޅުވިހެން، ރ.އަތޮޅު އަލިފުށީގައި މިއަދު ވަރަށް ވަރުގަދަ، ވަރަށް މުހިންމު މަސައްކަތެއް އެބަފެށޭ. އެއީ، މި މަޝްރޫޢުގެދަށުން ރާއްޖޭގައި 100 މަސްދޯނި ބަނުމުގެ މަޝްރޫޢު. އެއީވެސް މިދެންނެވި މަޝްރޫޢުގެދަށުން ހިމެނިފައިވާކަމެއް. މި މަޝްރޫޢުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި. ސަބަބަކީ، އެހެން އަތޮޅުތަކުގައި ކުރިޔަށް ގެންދިއުމަށް، މަސްވެރިކަމާބެހޭ ހަމައެހާމެ މުހިންމު އެހެން މަޝްރޫޢުތަކެއް ރޭވިފައިވާކަން. އަދި އެ މަޝްރޫޢުތަކުގެ މަސައްކަތްވެސް ހިނގަމުންދާކަން. އަދި ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ފެށެން ވަރަށް ކައިރިވެފައިވާކަން. އޭގެތެރެއިން އެއް މަޝްރޫޢެއް ދުނިޔޭގެ ބެންކުގެ އެހީގައި ރާއްޖޭގައި ކުރިޔަށްގެންދާ މަސްވެރިކަމުގެ ދެވަނަ މަޝްރޫޢު. އެއާބެހޭ މަޝްވަރާތައް ކުރެއްވުމަށްޓަކައި، ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް މިދޭތެރެއިން ވޮޝިންގޓަނަށް ވަޑައިގެންނެވި. އެ ވަފުދުގެ ބޭފުޅުން، އަޅުގަނޑަށް ހީވެފައި އޮތްގޮތުގައި މިއަދު އެނބުރި މާލެ އެބަވަޑައިގަންނަވާ. ކޮންމެއަކަސް، އެ މަޝްރޫޢަކީވެސް ވަރަށް މުހިންމު މަޝްރޫޢެއް. އޭގެދަށުން ފެލިވަރުގައި އިތުރު ކަންތައްތަކެއް ކުރުމަށް ހަމަޖެހިފައިވޭ. މުޅި ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުން. ހަމައެފަދައިން، މަސް ފިނިކޮށް ބެހެއްޓޭނެ އިންތިޒާމުތައް ހަމަޖެއްސުން. އަދި މިނޫންވެސް ތަފާތު ކަންތައްތައް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށާއި އަދި ދެކުނުގެވެސް ބައެއް އަތޮޅުތަކަށް ފޯރާގޮތަށް، އެ މަޝްރޫޢުގައި ކަންތައްތައްވަނީ ރޭވިފައި.


އޭގެއިތުރުން އަމިއްލަގޮތުން ސަރުކާރުން، ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެންވެސް ވަރަށްގިނަ ކަންތައްތައް ކުރަމުންއެބަގެންދޭ. އޭގެތެރެއިން އެއްކަމެއް މިހާރު ރާއްޖެތެރޭގައި ބެހެއްޓިފައި އެހެރަ ތެޔޮތާނގީތައް. އާދެ، އަޅުގަނޑު ނުދަންނަވަން ހުރިހާ އަތޮޅަކަށް ފުދޭވަރަށް، ހުރިހާ ރަށަކަށް ފުދޭވަރަށް ތެޔޮ ފޮނުވުމުގެ އިންތިޒާމު އަދި ހަމަޖެހިފައިވެއެކޭ. އެހެންނަމަވެސް އެއީ، ވަރަށް އުނދަގޫ އަދި ވަރަށް ބުރަ މަސައްކަތަކަށް ވުމާއެކު، އެންމެ ފުރިހަމަ ގޮތެއްގައި އެކަންތައް ނުހިނގިކަމުގައި ވިޔަސް އެކަށީގެންވާ ގޮތެއްގައި މިހާރުވެސް ވަރަށްގިނަ އަތޮޅުތަކަށް ތެޔޮ ފޮނުވަމުން އެބަދޭ. ވަރަށްގިނަ އަތޮޅުތަކުގައި އެއްރަށަށްވުރެ ގިނަ ރަށްރަށުގައި ތެޔޮތާނގީ ބެހެއްޓިފައި އެބަހުރި. އެތަންތަނުން އެތަންތާނގެ މަސްދޯނިފަހަރަށް ފުދޭވަރަށް ތެޔޮ ލިބެމުންވެސް އެބަދޭ. މިއީ، ހަމަ މުޅިން ސަރުކާރުން އަމިއްލައަށް، ސަރުކާރުގެ އަމިއްލަހަރަދުގައި ބޭރުގެ އެއްވެސް އެހީއެއްނެތި ކުރަމުންގެންދާ ކަންތައްތައް. އަދި އޭގެއިތުރުން އޮއިވާލި ކަނދުފަތި ބެހެއްޓުންފަދަ، ނިޔަމިކަމަށް އެހީވެދޭ ބައްތިތައް ބެހެއްޓުންފަދަ، ވަރަށްގިނަ ކަންތައްތައް ސަރުކާރުން ކުރަމުން އެބަގެންދޭ. ބައެއް ކަންތައްތަކަކީ، ބޭރުގެ އެހީލިބިގެން ގެންދާ ކަންތައްތައް. އަނެއްބައި ކަންތައްތަކަކީ، ހަމަ ސަރުކާރުގެ އަމިއްލަ ބަޖެޓުން ހަރަދުކޮށްގެން ކުރަމުންގެންދާ ކަންތައްތައް. ވާހަކައަކީ، މިހުރިހާ ކަމެއް ސަރުކާރުން ކުރަމުން މިގެންދަނީ އަދި މުސްތަޤުބަލުގައި ކުރަން ކަނޑައަޅައިފައި ވަނީވެސް މަސްވެރިކަމުގެ މުހިންމުކަމުން މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައޭ. އަދި މަސްވެރިންނަށް ލިބެމުންދާ އާމްދަނީ އެއްދުވަހުން އަނެއްދުވަހަށް ތަނަވަސް ކޮށްދެވޭތޯ ބެލުމަށްޓަކައޭ.


އާދެ، މި މަސައްކަތްތައް މިހެން ކުރަމުންދާއިރުވެސް ދެންމެ މިނިސްޓަރ އޮފް ފިޝަރީޒް އެ ވިދާޅުވިފަދައިން، ބައެއްފަހަރަށް ހިތްވަރު ދެރަވާކަހަލަ ކަންތައްތަކާވެސް އަޅުގަނޑުމެންނާވެސް ކުރިމަތިލާން އެބަޖެހޭ. އޭގެތެރެއިން އެއްކަމެއް އަޅުގަނޑުމެންނަށް ބޭނޭ މަސް އިތުރުވަމުން ނުދާކަން. އާދެ، އެއީ އަޅުގަނޑުމެން މިއަދު ކުރިމަތިލާންޖެހިފައިވާ، ވަރަށް ހިތާމަކުރުން އެކަށީގެންވާ ޙަޤީޤަތެއް. އެހެންނަމަވެސް ޙަޤީޤަތާ ކުރިމަތިނުލައި އަޅުގަނޑުމެންނަށް ކުރިޔަށް ދެވޭކަށް ނޯންނާނެ. އެހެންވީމާ، އެ ޙަޤީޤަތް ފޮރުވައިގެން އަޅުގަނޑުމެންނަށް އެއްވެސްކަހަލަ ޢަމަލީ ފިޔަވަޅެއް ތަރައްޤީގެ މަގުގައި އެޅޭކަށް ނޯންނާނެ. އެހެންވީމާ، އެ ޙަޤީޤަތް ވާނެ އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަން. މިއަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ހިސާބު އަޅުގަނޑު ބެލިން. އެ ހިސާބުތައް އަދި ލިބެންއޮތީ. އެ ހިސާބު ބެލިއިރު، ފުރަތަމަ 7 މަސްދުވަހުގެ ނިޔަލަށް ބޭނިފައިވާ މަސް، މިދިޔަ އަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ނިޔަލަށް ބޭނިފައިވާ މަހަށްވުރެ މާ މަދު. އަދި 1981 ވަނަ އަހަރުގެ ފުރަތަމަ  7 މަސްދުވަހުގައި ބޭނިފައިވާ މަސް، 1980 ވަނަ އަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ތެރޭގައި ބޭނިފައިވާ މަހަށްވުރެ މަދު. އެހެންވީމާ، 80 ވަނަ އަހަރަށްވުރެ، 81 ވަނަ އަހަރު ބޭނިފައިވާ މަސް މަދު. 81 ވަނަ އަހަރަށްވުރެ 82 ވަނަ އަހަރު ބޭނިފައިވާ މަސް މަދު. އަނެއްކޮޅުން ބަލާއިރު އިންޖީނު ބެހެއްޓި ދޯނިފަހަރުގެ އަދަދު ދިޔައީ އިތުރުވަމުން ތެލުގެ އަގަށް މިދިޔަ ދެތިން އަހަރުގެތެރޭގައި އެއްވެސް ކަހަލަ ބަދަލެއް ނާދޭ. މައްޗަކަށް ނުދޭ. މަހަށް ލިބޭ އަގު ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ދިޔައީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. މި އަހަރުގެ ތެރޭގައިވެސް ހިކި މަހުގެ އަގަށާއި ލޮނުމަހުގެ އަގަށް ސަރުކާރުން އެދެވޭ ބަދަލެއް ގެނެސްދީފި. އެކަންތައް އެހެންވަމުން ދާއިރު ބޭރުގެ ބާޒާރުތަކުގައި މަހުގެ އަގު ދިޔައީ ދަށަށް.


ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ރާއްޖެއަށް ބާނާ ރޯމަސް ގަންނަމުންދަނީ ބޭރު ކުންފުނިތަކަކުންކަން. އަދި އެ ކުންފުނިތަކުން އެ މަސް ގަންނަނީ އެމީހުންނަށް އެ މަސް ވިއްކައިފައި ކޮންމެވެސް ފައިދާއެއް ވާވަރުގެ އަގަކަށް. އެހެންވީމާ، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށަށް ދިޔުމާ ގުޅިގެން އެ ކުންފުނިތަކުން އަޅުގަނޑުމެންނަށް އާދެ، ސަރުކާރަށް ދޭ އަގުވެސް ވަރަށްބޮޑުތަން ކުޑަކޮށްލި. ވަރަށްބޮޑު އަދަދެއް މިއަހަރު ކުޑަކޮށްލި، މިއަހަރުގެ މޭމަހުން ފެށިގެން. އެހެންވީމާ، މިދިޔަ އަހަރު ސަރުކާރަށް މަސްވެރިކަމުން ވަނތް އާމްދަނީއަށްވުރެ މިއަހަރު މަސްވެރިކަމުން ސަރުކާރަށް ވަންނަ އާމްދަނީ ވަރަށްބޮޑުތަން ކުޑަވާނެ. ބޭރުފައިސާގެ ގާތްގަނޑަކަށް ދެ މިލިޔަންވަރު، ދެ މިލިޔަން ޑޮލަރު ގާތްގަނޑަކަށް ދަށަށް ދާނެކަމަށް ހިސާބުތަކުން ދައްކާ. އެއީ، ޝައްކެއް ނެތްގޮތުގައި، އަޅުގަނޑުމެން ކުރިމަތިލާންޖެހޭ ވަރަށްބޮޑު ދައްޗެއް. ސަރުކާރަށް، ކުރިމަތިވާ ވަރަށްބޮޑު ދައްޗެއް. އެހެންނަމަވެސް، އެހާބޮޑުތަން ބޭރުގެ ކުންފުނިތަކުން މަހުގެ އަގު ކުޑަކޮށްލި ކަމުގައިވިޔަސް ސަރުކާރުން މަސްވެރިންނަށް ދޭ އަގު އެންމެ ލާރިއެއްވެސް ކުޑައެއް ނުކުރޭ. އާދެ، އަޅުގަނޑު މިހެން މިދަންނަވަނީ، ޙަޤީޤަތް ހުރިހާ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގެންފައި އޮތުމަށްޓަކައި. އެ ލިބުނު ބޮޑުގެއްލުން ބޮލުގައި އެޅީ ސަރުކާރުން. ސަރުކާރުން އެ ގެއްލުން ބޮލުގައި އަޅައިފައި، މަސްވެރިންނަށް ލިބެމުންދާ ފައިސާ މިދިޔަ އަހަރުވެސް ލިބުނު އަގު ހަމަ މިއަހަރުވެސް އެމީހުންނަށް ދެމުން މިގެންދަނީ. ބޭނުމަކީ ކޮބައިތޯ! ބޭނުމަކީ، މަސްވެރިންގެ ދިރިއުޅުން އެއްދުވަހުން އަނެއްދުވަހަށް ތަނަވަސް ކުރެވޭތޯ މަސައްކަތްކުރުން. އެމީހުންގެ އާމްދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ދާނެގޮތްތައް ރޭވޭތޯ ބެލުން. އަދި މަސްވެރިކަމަކީ އެކަން ތަރައްޤީކުރުމާ ނުލައި ރާއްޖޭގެ އިޤުތިޞާދަށް ހަލުވިކަމާއެކު ކުރިޔަށް ނުދެވޭނެ މަސައްކަތަކަށްވާތީ، މަސްވެރިކަން ކުރިޔަށް ގެންދިޔުމަށްޓަކައި ބާރު އަޅަމުން ގެންދިޔުން.


ކޮންމެޔަކަސް، އަޅުގަނޑުވެސް ހިތާމަކުރާ ޙަޤީޤަތެއް، މިނިސްޓަރ އޮފް ފިޝަރީޒް އެ ހާމަކޮށްދެއްވީ. މިހާރު އަދަދުތަކަށް ވިސްނާއިރު މަހަށްފުރާ ދޯނިތަކުގެ އަދަދު ގިނައެކޭ ދެންނެވޭކަށްނެތް، މަދު. ރިޔާނެގި ދޯނިފަހަރުވެސް ވަރަށް މަދުން މަހަށްދަނީ. އަޅުގަނޑު ރާއްޖެތެރެއަށްކުރާ ދަތުރުތަކުގައި ދާ ކޮންމެ ތަނެއްގައިހެން އެ ވާހަކަ ދައްކަމުން ގެންދަން. އެއީ، ހަމައެކަނި އަޅުގަނޑުމެން އިންޖީނު ދޯނިތަކުގެމައްޗަށް، އަޅުގަނޑުމެންގެ ހުރިހާކަމެއް ހުއްޓައިލައިގެން ތިބޭކަށެއް ނުވާނެޔޭ. އެއީ، ޒަމާނުއްސުރެ އަޅުގަނޑުމެން މަސްވެރިކަން ކުރަމުން އައީ ރިޔަލު ދޯނިފަހަރުގައޭ. އެހެންވީމާ، އެ ދޯނިފަހަރުގައި އަދިވެސް ކުރެވޭނެ މަސްވެރިކަން އެބަހުއްޓޭ. އެހެންވީމާ، އެވެސް އަޅުގަނޑުމެން ދޫކޮށްލައިގެން ވާކަށް ނޯންނާނެއޭ. އާދެ، މުނާސަބަތުގައި ދެންމެ އެ އިނާމު ހޯއްދެވި ގުޅީ ލައިޓްހައުސް ޔޫސުފުފުޅަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ އުފަލެއްކަމަށް ދެކެން. އެއީ، އޭނާ ވަރަށް ހިތްވަރު ކުރައްވައިފައި އޭނާގެ ދޯނީގައި ވަރަށް ގިނަ ދުވަސްތަކެއްގައި، ރިޔާދޯނީގައި މަހަށް ފުރުއްވައިފައިވާތީ.


އާދެ، އަޅުގަނޑު މިދަންނަވަމުން ގެންދާ ވާހަކަޔަކީ، އަޅުގަނޑުމެންނަށް މަހަށް ފުރޭ ނުވަތަ މަހަށްފުރުވޭ ދޯނިތަކުގެ އަދަދުގެ މަދު ވާހަކަ. އަދި މަހަށްދާ މީހުންގެ އަދަދުވެސް މަދު ވާހަކަ. ގިނަވަމުން ނުދާ ވާހަކަ. އެއާ ވިދިގެން އަޅުގަނޑުމެންނަށް ބޭނޭމަހުގެ އަދަދުވެސް އެއްދުވަހުން އަނެއް ދުވަހަށް މަދުވެގެންދާ ވާހަކަ. މިއީ އަޅުގަނޑުހިތުން ހަމައެކަނި ސަރުކާރުން ވިސްނަންޖެހޭ ނުކުތާއެއްނޫން. މިއީ ރާއްޖޭގެ ރައްޔިތުން، ހުރިހާ އެންމެންވެސް ވިސްނަންޖެހޭނެ ނުކުތާއެއް. މަސްވެރިންވެސް އަދި މަސްވެރިކަން ފިޔަވައި ރާއްޖޭގެ އިޤުތިޞާދީ މަސައްކަތް ކުރަމުން ގެންދާ އެހެން ފަރާތްތަކުންވެސް ވިސްނަން ވެއްޖެ ކަމެއް. އާންމު ރައްޔިތުންވެސް ވިސްނަން ވެއްޖެ ކަމެއް. މުޅި ރާއްޖޭގެ އެންމެން ޤައުމީ ފެންވަރުގައި ވިސްނަން ވެއްޖެ މައްސަލައެއް. މަސްވެރިކަމުން އަޅުގަނޑުމެންނަށް ލިބެނީ ހަމައެކަނި އިޤުތިޞާދީ ފައިދާތަކެއްނޫން. މަސްވެރިކަމުން ލިބޭ އިޤުތިޞާދީ ފައިދާތައް ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އޭގެ އިތުރަށް ވަރަށްގިނަ އެހެން ފައިދާތައްވެސް އަޅުގަނޑުމެންނަށް ލިބޭ. އެންމެބޮޑު ފައިދާއެއްކަމުގައި އަޅުގަނޑު މިތާނގައި ފާހަގަ ކޮށްލާހިތް އޮތީ، އެއިން ލިބޭ ޞިއްޙީ ފައިދާތައް.


އާދެ، އަޅުގަނޑުމެންގެ ރާއްޖޭގައި ރިހާކުރު އާންމުގޮތެއްގައި އުފައްދަމުން ގެންދިޔަ ދުވަސްވަރު އަޅުގަނޑުމެންގެ ކުޑަކުދިންގެ ޞިއްޙަތު މިހާރަށްވުރެ މާ ރަނގަޅުކަމަށް ޑޮކްޓަރުން ވިދާޅުވޭ. ސަބަބަކީ، އެ ރިހާކުރުގައި ހަށިގަނޑަށް ބޭނުންވާ، ވަރަށްމަތީ ކާނާއެއްގެ ބައިތައް އެކުލެވިގެންވާކަން. މިހާރު އެދުވަސް އެދިޔައީ. އަޅުގަނޑުމެންގެ ރާއްޖޭގައި އެވަރަކަށް ރިހާކުރެއް ނުއުފެއްދޭ. ނަތީޖާއަކަށްވަނީ، ޚާއްޞަކޮށް ރާއްޖެތެރޭގެ ކުޑަކުދިންގެ ޞިއްޙަތު ދެރަވަމުންދިޔުން، ކުރިޔާ އަޅައިބަލާއިރު. ހަމައެފަދައިން، މަސް އެއީ އޅުގަނޑުމެން މިބާނާ މަސް، ހަމައެކަނި ކަނޑުމަހެއްނޫން. އަޅުގަނޑުމެންގެ ފަޅުފަޅާއި ކަނޑުކަނޑާއި އަޅުގަނޑުމެންގެ އިޤުތިޞާދީ ސަރަޙައްދުގައި ހިމެނިފައިވާ ހުރިހާ ތަންތާނގައި މިއުޅޭ މަސް އެއީ، އަޅުގަނޑުމެންނަށް ކާނާގެ ބާވަތްތަކުގެ ތެރެއިން ހަށިގަނޑަށް ޞިއްޙަތަށް އެންމެ ބޭނުން ބޮޑު އެއްވައްތަރެއް ހޯދައިދޭ އެއްޗަކީ. އަޅުގަނޑު މިދެންނެވީ ޕްރޮޓީން. އަޅުގަނޑު އަހާގޮތުގައި ޕްރޮޓީން އެއީ ޞިއްޙަތަށް ވަރަށް ބޭނުންތެރި އެއްޗެއް. ހަށިގަނޑަށް ވަރަށް ބޭނުންތެރި ބައެއް، ކާނާގައި ހުންނަ. އެބައި ފުދޭވަރަށް ލިބިގެންނޫނީ ޞިއްޙަތު ސަލާމަތުންނެއް ނުހުންނާނެ. ކުޑަކުދިންވެސް ބޮޑުވަމުންނެއް ނުދާނެ. އެކުދިންގެ ހަށިތައް ވަރުގަދައެއް ނުވާނެ.


ކޮންމެއަކަސް، މިދެންނެވި ބައި ދުނިޔޭގެ އެހެން ތަންތާނގައި މަސްފިޔަވައި އެހެން ވަރަށްގިނަ ތަކެތިންވެސް ލިބެންހުރޭ. ގެރި ބަކަރީގެ ކިރު އެއީ، ރާއްޖޭގައި އާންމުކޮށް ލިބެންހުރި އެއްޗެއްނޫން. ކުކުޅުބިސް އެއީ، އެންމެންނަށް ލިބޭގޮތަށްހުރި އެއްޗެއްނޫން. އަދި އެއްގަމުމަސް، ގެރިމަސް، ބަކަރިމަސް، މިއީވެސް ރާއްޖޭގެ އެންމެންނަށް އާންމުކޮށް ލިބެންހުރި އެއްޗެއްނޫން. އަދި ކޮންމެވެސް ވަރަކަށް ލިބެންހުރި ކަމުގައިވިޔަސް އެތަކެތީގެ އަގު ހުންނަގޮތުން އެންމެންނަށް ގަނެވޭވަރުގެ އެއްޗަކަށްވެސް ނުވޭ. އެކަން އެހެން އޮއްވައި އަޅުގަނޑުމެންގެ ކަނޑުކަނޑާއި ފަޅުފަޅުގައި މި ހުންނަ މަސް އެއީ މިދެންނެވި ޕްރޮޓީން، އަޅުގަނޑުމެންނަށް ގެނެސްދޭ އެންމެ މުއްސަނދި ބާވަތް. އެނޫން އެހެން އެއްވެސް އެއްޗެއް އަޅުގަނޑުމެންގެ ރާއްޖެއަކުނެތް. އެހެންވީމާ، ޞިއްޙީގޮތުންވެސް އަޅުގަނޑުމެން ފުދޭވަރަށް މަސް ބާނައިގެން، އެއީ އަދި ބޭރުކުރަން ނޫން ކަމުގައިވިޔަސް އެ މަސް ކެއުމުގެ ބޭނުމުގައިނަމަވެސް މަސް ބާނައިގެންނޫނީ، އަޅުގަނޑުމެންގެ ޞިއްޙަތު ސަލާމަތުން ބެހެއްޓޭކަށްވެސް ނެތް. އަދި އަޅުގަނޑުމެންގެ ކުދިން އެކަށީގެންވާ ގޮތަށް ބޮޑުވަމުންނެއްވެސް ނާންނާނެ. ހަމައެފަދައިން، މަސްވެރިކަމަކީ ވަރަށް ބުރަ މަސައްކަތަކަށްވެފައި، ވަރަށްގިނައިރު އެ މަސައްކަތުގައި އުޅެންޖެހޭ މަސައްކަތަކަށްވުމާއެކު، އަދި ހަށިގަނޑުގެ ވަރަށްގިނަ ގުނަވަންތަކަށް އެ މަސައްކަތް ކުރުމުން އެކަށީގެންވާ ކަސްރަތު ގަވާއިދުން ލިބެމުންދާ ކަމަކަށްވާތީ، އެގޮތުންވެސް މަސްވެރިންގެ ޞިއްޙަތަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރަމުންދާކަމެއް އެއީ.


އާދެ، އަޅުގަނޑު މިވާހަކަ މިދަންނަވަނީ އަޅުގަނޑު ގާތުގައި މިވާހަކަ ޑަކްޓަރުން ދައްކަވައިފައިއޮތީމާ. ބިދޭސީ ޑަކްޓަރަކު އެއްފަހަރު އަޅުގަނޑުގާތުގައި ވިދާޅުވި ތިމަންނާ ހައިރާންވަމޭ، ރާއްޖެތެރޭގެ މީހުންގެ ޞިއްޙަތު ރަނގަޅުކަމުން. މާލޭގެ މީހުންގެ ޞިއްޙަތާ އަޅާބަލާއިރު. އެމީހުން ހޮސްޕިޓަލަށް އެކި ކަންކަމުގައި އައިމާ ޞިއްޙީގޮތުން ބައްލަވާއިރު އެމީހުންގެ ވިންދު ހުންނަލެއް ރަނގަޅުކަން. އެމީހުންގެ ލޭގެ ހަލުވިކަމާއި ލަސްކަން، ލޭ ހިނގުމުގައި ހުންނަ ރަނގަޅުކަން، މާލޭގެ މީހުންނަށްވުރެން މާރަނގަޅޭ. އޭގެ ސަބަބަކީ، އެމީހުން އަބަދުވެސް މަސައްކަތުގައި އުޅޭކަމޭ. ދުވާލު ހެނދުނުއްސުރެ، ނުވަތަ ފަތިހުއްސުރެ ފެށިގެން އިރުއޮއްސެންދެން ކޮންމެ ދުވަހަކު އެއުޅެނީ ވަރަށްބުރަ، ހަށިގަނޑަށް ފުދޭވަރެއްގެ ކަސްރަތެއް ލިބޭ މަސައްކަތެއްގައޭ. އެހެންވީމާ، އެ މަސައްކަތުގެ ސަބަބުން އެމީހުންގެ ހިތްވެސް ވަރަށް ރަނގަޅޭ. އެމީހުންގެ ލޭ ހިނގުމުގެ ބާރުވެސް ވަރަށް ރަނގަޅޭ. އެމީހުންގެ ހަށިގަނޑުގެ ހުރިހާ ކަންތައްތަކެއްވެސް ވަރަށް ރަނގަޅޭ. އެހެންވީމާ، އެގޮތުން ބަލާއިރުވެސް މިއީ އަޅުގަނޑުމެންނަށް ދޫކޮށްލެވެންއޮތް ކަމެއްނޫން.


އާދެ، އިޤުތިޞާދީ ފައިދާތަކާއި، ޞިއްޙީ ފައިދާތަކާއި، އިޖުތިމާޢީ ފައިދާތަކާ މަސްވެރިކަމުގައި ހިމެނިފައިވާލެއް ބޮޑުކަމުން އެއަށް އަޅުގަނޑުމެން އެހާބޮޑު އަހަންމިޔަތެއް ދޭންޖެހެނީ. އާދެ، މަސްވެރިކަމަށް އަހައްމިޔަތު ދިންކަމުގައިވިޔަސް، އޭގެ މާނައަކީ، އަޅުގަނޑުމެންގެ ތެރޭގައި ކުރެވެމުންދާ އެހެނިހެން އިޤުތިޞާދީ މަސައްކަތްތަކަށް މަރުޙަބާ ނުކިޔުމެއްނޫން. އެއާޚިލާފަށް އަޅުގަނޑުމެންގެ ރާއްޖެއަކީ، އިޤުތިޞާދީގޮތުން ބަލާއިރު ވަރަށްހަނި ބިންގަލެއްގެ މައްޗަށް ތަނުގެ އިޤުތިޞާދު ބިނާވެފައިވާ ޤައުމަކަށްވާތީ، އެ ބިންގާ ފުޅާކުރުމަށް މަސައްކުރުމަކީ، ވަރަށް މުހިންމުކަމެއް. ތަފާތު މަސައްކަތްތައް ރާއްޖޭގައި ފަށަންވެއްޖެ. އަދި މިހާރުވެސް ފެށިފައިވޭ. އެ ހުރިހާ ކަމަކަށް އަޅުގަނޑުމެން ހެޔޮހިތުން ތަރުޙީބު ދޭންވާނެ. ދުނިޔެއަށް އަންނަ ބަދަލާއެކު ތަނުގެ އިޤުތިޞާދަށްވެސް ބަދަލު އަންނާނެ. އިތުރު މަސައްކަތްތައް ފެށޭނެ. އެހެންވީމާ، އެމަސައްކަތްތައްވެސް ކުރިއަރުވައި ތަރައްޤީކުރުމަކީ، ތަނުގެ އިޤުތިޞާދަށާއި ކުރިއެރުމަށް ވަރަށްބޮޑަށް ބޭނުންތެރިކަމެއް. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގައި މިއަދު އަދި، މަސްވެރިންގެ ދުވަސް ފާހަގަކުރިކަމުގައިވިޔަސް ޙަޤީޤަތުގައި މި ފާހަގަކުރެވެނީ މަސައްކަތްތެރިންގެ ދުވަހެއް. މަސްވެރިންނަކީ، އެންމެގިނަ އަދަދަކަށް ރާއްޖޭގެ މަސައްކަތްތެރިންގެ ތެރޭގައި ހިމެނޭ މީހުންކަމަށްވާތީ، އެމީހުންނަށް ޚާއްޞަ ދުވަހެއް ކަނޑައެޅިފައި އޮތްކަމުގައިވިޔަސް ޙަޤީޤަތުގައި މިއަދު އަޅުގަނޑުމެން މިފާހަގަކުރަނީ، މަސައްކަތްތެރިކަމުގެ ދުވަހެއްގެ ގޮތުގައި، އުފެއްދުންތެރި ދުވަހެއްގެ ގޮތުގައި. ރާއްޖޭގައި އިޤުތިޞާދީ މަސައްކަތްތައް، އުފެއްދުންތެރި ފައިދާހުރި މަސައްކަތްތައް ކުރާ ހުރިހާ ފަރާތްތަކަށް މިއަދުގެ މުނާސަބަތުގައި އަޅުގަނޑު މަރުޙަބާކިޔަން.


އާދެ، ކޮންމެއަކަސް އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، މަސްވެރިކަމާ ކުރިމަތި ވެފައިވާ ދަތިތަކާ ދޭތެރޭގައި ވިސްނައި، އެކަންކަމަށް އެކަށީގެންވާ ޙައްލެއް ގެނައުން އެއީ، މުޅި އުންމަތުގެ ވާޖިބަކަށް މިއަދުވަނީ ވެފައި. އެކަމުގައި ހުރިހާ ފަރާތެއްގެ އެހީއާއި އެއްބާރުލުން ބޭނުންވޭ. އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުން، މަސްވެރިންނާއި އަދި މަސްވެރިކަން ފިޔަވައި އެހެނިހެން މަސައްކަތްކުރާ އަމިއްލަ ފަރާތްތަކާއި ސަރުކާރާއި ހުރިހާ ފަރާތެއް މިކަމުގައި ބައިވެރިވެގެން މަޝްވަރާކޮށްގެން، އެއްބަޔަކު އަނެއްބަޔަކާ އެހީތެރިވެގެން މަސްވެރިކަން ތަރައްޤީކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކެއް ހޯދުން. މަސްވެރިކަމުގެ ރޫޙު އަޅުގަނޑުމެންގެ ތެރޭގައި މިހާރަށްވުރެ ބޮޑަށް އާލާކުރެވޭނޭ ގޮތްތަކެއް ހޯދުން. ކިތަންމެ ގިނަ އަދަދެއްގެ ދޯނިފަހަރުގައި އިންޖީނު ބަހައްޓައިދެވުނު ކަމުގައިވިޔަސް މަސްވެރިކަމުގައި އެ ދޯނިފަހަރު ނޫޅޭކަމުގައިވަންޏާ އެއިން ކުރާނެ އެއްވެސް ފައިދާއެއްނެތް. އެހެންވީމާ، މިހާރުވެސް އަޅުގަނޑުމެންނަށް އެނގޭ، އިންޖީނު ބަހައްޓައިދެވިފައިހުރި ބައެއް ދޯނިފަހަރުން އެގްރިމެންޓާ ޚިލާފަށް، އެއްބަސްވުމާ ޚިލާފަށް، ޢަމަލުކުރަމުން ދާކަން. އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒުންވެސް ހިސާބަކަށް ފިޔަވަޅު އަޅުއްވަމުން އެބަގެންދަވާ. އެއީ، ވަކި ޚާއްޞަ ސަބަބަކަށްޓަކައި، ޚާއްޞަ މަޤްޞަދެއްގައި، ޚާއްޞަ އެހީއެއްގެ ދަށުން ނުވަތަ ޚާއްޞަ މަޝްރޫޢެއްގެ ދަށުން ދޫކުރެވޭ އިންޖީނުތަކެއް ކަމަށްވާތީ. އެއިންޖީނުތައް ބޭނުންކުރަންވާނީ، އެ އެއްބަސްވުމުގައި އޮންނަ ގޮތުގެމަތިން. އެހެންނޫނީ، އެކަމުން ދިވެހި ޤައުމަށް، ދިވެހި އުންމަތަށް، ރައްޔިތުންނަށް، ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ. އެ އެއްބަސްވުމާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާ ދޭތެރޭގައި ފިޝަރީޒް މިނިސްޓްރީން މިހާރުވެސް ޢަމަލު ކުރައްވަން ފަށްޓަވައިފި. އަޅުގަނޑުހިތުން އެ ކިތަންމެ މަދު ނިސްބަތެއް ކަމުގައިވިޔަސް އެބަޔަކު އެ އެއްބަސްވުމާ ޚިލާފަށް އެ ޢަމަލުކުރަނީ އެކަމަށް ބަޔަކު މަގު ތަނަވަސް ކޮށްދޭތީ. އެހެންވީމާ، އެ މަގު ތަނަވަސް ކޮށްދޭ މީހުންނަށްވެސް މީގެފަހުން ސަރުކާރުން ވިސްނަންޖެހޭނެ. އަދި މީހުންނާ ދޭތެރޭގައިވެސް އަޅަންޖެހޭ ފިޔަވަޅެއްވިއްޔާ އަޅުގަނޑުހިތުން އަޅަންޖެހޭނެ. މިހުރިހާ ކަމަކަށް އަޅުގަނޑުމެން ވިސްނައިގެން އެންމެން އެކުވެރިވެގެން އެއްބާރުލައިގެން މަސްވެރިކަން ތަރައްޤީކުރެވޭތޯ މަސައްކަތް ކުރުމަކީ މިއަދު އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ވަރަށްބޮޑު މަސްއޫލިއްޔަތެއްކަން ކަށަވަރު.


އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެކުރިން ރާއްޖޭގެ މަސްވެރިންނަށް އިޚުލާޞްތެރިކަމާއެކު މަރުޙަބާކިޔަން. އެމީހުންގެ ހީވާގި ޖިހާދުގެ ސަބަބުން އަޅުގަނޑުމެންގެ އިޤުތިޞާދަށް ވަރށްބޮޑެތި ފައިދާތަކެއް ކުރަމުންދޭ. މީގެކުރިންވެސް ވަނީ ކޮށްފައި. އަދި މުސްތަޤުބަލުގައިވެސް އެމީހުން ރާއްޖޭގެ އުފެއްދުންތެރިކަމަށް ހިއްސާ ކުރާނޭ މިންވަރު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ދާނެކަމަށް ވަރަށްބޮޑަށް އުންމީދުކުރެވޭ. އެހެންވީމާ، މަސްވެރިން އެކުރާ ޖިހާދަށް މަރުޙަބާކިޔަމުން، އެމީހުން ޤައުމުގެ އުފެއްދުންތެރި ކަމުގައި އެ ހިއްސާކުރާ މިންވަރަށްވެސް މަރުޙަބާކިޔަމުން، އަދި އެމީހުންނަށް މިއަދަށްވުރެ ތަނަވަސް މުސްތަޤުބަލަކަށް އެދެމުން، މުޅި ރާއްޖެއަށްވެސް ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެން މިހާރު މި ދިރިއުޅޭ ދުވަސްތަކަށްވުރެ ތަނަވަސް ބާއްޖަވެރި ދުވަސްތަކެއް ދެއްކެވުންއެދި اللّـه ގެ ޙަޟްރަތަށް ދުޢާކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލަނީ.


السّلام عليكم ورحمـة اللّـه وبركاته.